ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމް (ސީއައިއެފް) ގައި އެލައިޑުން ބައިވެރިވެއްޖެ އެވެ.
ގްރޭންޑް ޕާކްސައިޑްގައި ބޭއްވި އެ ފޯރަމްގައި ކޮންސްޓްރަކްޝަން ދާއިރާގެ ޕްރޮފެޝަނަލްސް އާއި ސްޓޭކްހޯލްޑަރުން ބައިވެރިވި އެވެ. ދާއިރާގެ ހުރި ގޮންޖެހުންތަކާއި ކުރިއަށްދާނެ ގޮތްތަކާ ގުޅޭ ގޮތުން އެ ފޯރަމްގައި މަޝްވަރާކުރި އެވެ.
އެ ފޯރަމްގައި އެލައިޑްގެ މެނޭޖާ އޮފް ކަސްޓަމާ ސާވިސް، ހުސެއިން ސަވާދް ބައިވެރިވެވަޑައިގެން މަޝްވަރާ ކުރެއްވީ ގްލޯބަލް ސަޕްލައި ޗެއިންގައި ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުންނެވެ.
"ރީ-އިންޖިނިއަރިން ސަޕްލައި ޗެއިން އިން އޭން އޭޖް އޮފް ގްލޯބަލް ކޮންފްލިކްޓް" ގެ ނަމުގައި ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންގައި ދުނިޔޭގެ އެކި ސަރަހައްދުތަކަށް ދިމާވާ ހާލަތްތަކާ ގުޅިގެން ތަކެތި އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގައި ކުރިމަތިވާ ދަތިތަކާ ގުޅޭ ގޮތުން ޕެނަލްގެ ބައިވެރިން މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.
އެލައިޑްގެ އެސިސްޓެންޓް މެނޭޖަ އޮފް ސޭލްސް، މަރިޔަމް އަސްނާ ވެސް ވަނީ "ސޭފްގާޑް ޔުއަ ކޮންސްޓްރަކްޝަން ޕްރޮޖެކްޓްސް" ގެ ނަމުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިފަ އެވެ. އެ ޕްރެޒެންޓޭޝަންގައި ކާމިޔާބު ރިސްކް މެނޭޖްމެންޓް އުކުޅުތަކާއި އެންމެ ރަނގަޅު އިންޝުއަރެންސް ސޮލިއުޝަންތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި އެވެ.
އެލައިޑުން ބުނީ، މިފަދަ އެންގޭޖްމެންޓްތަކުގެ ތެރެއިން ކޮންސްޓްރަކްޝަން ދާއިރާގެ ސްޓޭކްހޯލްޑަރުންނާއި އެ ކުންފުންޏާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރެވުނު ކަމަށެވެ.