ރާއްޖޭގެ އިންޝުއަރެންސާ ބެހޭ ގާނޫނު ތަންފީޒުކުރުމަށް ބޭނުންވާ މުހިންމު ދެ ގަވާއިދަށް އަމަލުކުރަން ފަށައިފި އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭއިން އެކުލަވާލި އެ ދެ ގަވާއިދު ޝާއިއުކުރީ މިމަހުގެ 27 ވަނަ ދުވަހު އެވެ. އެއީ އިންޝުއަރެންސަށް ދިވެހިރާއްޖޭގައި ހުރި ރިސްކުތަކާބެހޭ ގަވާއިދާއި އިންޝުއަރެންސްގެ އާންމު މާއްދާތަކުގެ ގަވާއިދެ އެވެ.

ރިސްކާ ގުޅޭ ގަވާއިދުގައި ވަނީ ރާއްޖޭގައި ހުރި ރިސްކުކަމަށް ބަލާނެ ކަންކަން ކަނޑައެޅުމަށާއި އެފަދަ ރިސްކެއް ކަވަކުރުމަށްޓަކައި، ރާއްޖޭގައި ހިންގާ ލައިސެންސް ލިބިފައިވާ އިންޝުއަރެންސް ކުންފުންޏެއްގެ އިންޝުއަރެންސް ޕޮލިސީއެއް ނެގުމަށް އޮންނަ އޮތުމަށް އިސްތިސްނާ ދެވޭނެ ގޮތްތައް ބަޔާންކޮށްފަ އެވެ. އަދި އޮތޯރިތީގެ ވެބްސައިޓުގައި ބަޔާންކުރާނެ ހާލަތްތަކުގެ އިތުރުން އިސްތިސްނާ ހޯދުމަށް އޮތޯރިޓީއަށް ހުށަހެޅިދާނެ ހާލަތްތައް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

އެ ގަވައިދުގައި، ރާއްޖޭގައި ހުރި ރިސްކުތަކާއި ރިސްކުތައް ކަވަރު ކުރުމަށްޓަކައި ލައިސެންސް ލިބިފައިވާ އިންޝުއަރެންސް ކުންފުންޏެއް ނޫން ފަރާތެއްގެ އިންޝުއަރެންސް ޕޮލިސީއެއް ނެގުމާއި އެކަމާ ގުޅޭ ނެގޯޝިއޭޓް ކުރުމުގައި އަމަލުކުރަން ޖެހޭނެ ގޮތްތައް ބަޔާންކޮށްފައިވެ އެވެ.

ގަވާއިދުގައި ރިސްކުގެ ގޮތުގައި ފަސް ކަމެއް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހުރި ބިން ހިމެނޭ ގޮތަށް ނުއުފުލޭ އަދި  އުފުލޭ މުދަލަށް ކުރިމަތިވެފައިވާ ރިސްކާއި ދިރިއުޅޭ މީހުންނާ ގުޅޭ ރިސްކްތަކާއި  ރާއްޖޭގައި ހުރި މުދަލާއި ރާއްޖޭގައި އުޅޭ މީހެއްގެ ލަޔަބިލިޓީއާ ގުޅޭ ރިސްކުތަކާއި  ގާނޫނާ އެއްގޮތަށް ރަޖިސްޓާކޮށްފައިވާ ވިޔަފާރިތަކާ ގުޅޭ ރިސްކުތައް ވެސް ހިމެނެ އެވެ.

އިންޝުއަރެންސްގެ އާންމު ގަވާއިދުގައި، ރާއްޖޭގައި ހުރި އިންޝުއަރެންސް ވިޔަފާރިއެއް ސޮލިސިޓްކުރުމަށް ގާނޫނުގައި ހުއްދަ ކުރެވިފައިވާ ފަރާތްތަކަށް ސޮލިސިޓްކުރެވޭނެ ދާއިރާތަކާއި، އިންޝުއަރެންސް ބްރޯކަރު ކަމުގެ ލައިސަންސް ދޫކުރުމުގައި ބަލާނެ ކަންކަމާއި ބްރޯކަރު ކަމުގެ ލައިސަންސަށް އެދި ހުށަހަޅަންޖެހޭ މައުލޫމާތާއި، އިންޝުއަރެންސާ ބެހޭ ގާނޫނުގެ ދަށުން އިދާރީ ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ އުސޫލުތައް ހިމަނާފައިވެ އެވެ.

އޭގެ އިތުރުން ލައިސެންސް ދިނުމުގައި ބަލާނެ ޝަރުތުތަކާއި އިންޝުއަރެންސް ކުންފުނިތަކުގެ ބްރާންޗްތަކާއި ސަބްސިޑަރީތަކަށް ލައިސެންސް ދިނުމުގައި ބަލާ ޝަރުތުތަކާއި އިންޝުއަރެންސް ކުންފުނިތަކުން ބަހައްޓަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓާއި އިންޝުއަރެންސް ފަންޑް ގާއިމްކުރުމުގައި އަމަލުކުރަންޖެހޭ ގޮތްތައް ވެސް ކަނޑައަޅާފައިވެ އެވެ.

އެ ގަވާއިދުގައިވާ ގޮތުން ރާއްޖޭގައި ހިންގާ ކޮންމެ އިންޝުއަރެންސް ކުންފުންޏަކުން ވެސް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދެ މިލިއަން ރުފިޔާ ބަހައްޓަން ޖެހޭނެ އެވެ.

މި ދެ ގަވާއިދަށް އާންމުންގެ ހިޔާލަށް މި މަހުގެ 14 ގައި އެމްއެމްއޭއިން ހުޅުވާލި އެވެ.