ދިވެހި ސަރުކާރުން ހިންގާ ކަމަށް ބުނާ ކޮރަޕްޝަނާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން ހެދި ތަހުގީގީ ޑޮކިއުމެންޓްރީ އަންނަ ބުދަ ދުވަހު ދައްކަން ނިންމައިފި އެވެ.
ދިވެހި ސަރުކާރުގެ ތެރޭގައި ހުރި ހިޔާނާތާއި ވައްކަމުގެ އިތުރުން ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުން ކުރާކަން ހާމަވާ ގޮތަށް އަލް ޖަޒީރާ އިން ހެދި ޑޮކިއުމެންޓްރީ، "ސްޓީލިން ޕެރެޑައިސް" އަލް ޖަޒީރާ ޓީވީން މިއަދު ދައްކަން ކުރިން އޮތީ ނިންމައިފަ އެވެ. އެކަމަކު، ރާއްޖެ ގަޑިން ހަވީރު 5:00 ދައްކަން ނިންމާފައި އޮތް ޑޮކިއުމެންޓްރީ ޕްރޮގްރާމް ގައިޑުން ފަހުން ނެގި އެވެ.
އޭގެ ފަހުން އަލް ޖަޒީރާ އިން ވަނީ ޑޮކިއުމެންޓްރީގެ ޓީޒާ އާއި ޓްރެއިލާއެއް އިއްޔެ އާއި އޭގެ ކުރީ ދުވަހު އާއްމުކޮށްފަ އެވެ. އެކަމަކު، ޑޮކިއުމެންޓްރީ ދައްކާނެ ދުވަހެއް އެއިން އެއްވެސް އެއްޗަކު ނެތެވެ.
"ސްޓީލިން ޕެރަޑައިސް" ދައްކާނެ ދުވަހެއް ޔަގީން ނުވެ އޮއްވައި މިއަދު ހަވީރު ދައްކާނެ ކަމަށް ބުނެ މިއަދު ހެނދުނު ވަނީ މެސެޖުތަކެއް ފޮނުވައިފަ އެވެ. މީޑިއާނެޓުން މެސެޖުކުރަން ބޭނުންކުރާ 3300 ނަމްބަރުން ގަނޑުކޮށް ފޮނުވި މެސެޖުގައިވާ ގޮތުން މީޑިއާނެޓުގެ "ހުރިހާ ޗެނަލަކުން" އަލް ޖަޒީރާގެ ޑޮކިއުމެންޓްރީ މިއަދު ހަވީރު 5:00 ދައްކާނެ އެވެ.
އެކަމަކު، މީޑިއާނެޓުން ވަނީ އެކަން ދޮގުކޮށްފަ އެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެފަދަ އެއްވެސް މެސެޖެއް ފޮނުވާފައެއް ނުވާނެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި "ސްޓީލިން ޕެރެޑައިސް" އަލް ޖަޒީރާ ޓީވީން ދައްކަން މިހާރު ނިންމާފައި ވަނީ އަންނަ ބުދަ ދުވަހު، ރާއްޖެ ގަޑިން ހަވީރު 5:00 އެވެ. ބުދަ ދުވަހުގެ ޕްރޮގްރާމް ގައިޑުގައި ވެސް އެ ޑޮކިއުމެންޓްރީ މިހާރު ވަނީ ހިމަނައިފަ އެވެ.
ޕްރޮގްރާމް ގައިޑުން ޑޮކިއުމެންޓްރީ ނެގީ "ދިވެހި ލަޝްކަރު"ގެ ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓަކުން، މި ޑޮކިއުމެންޓްރީ ހެދި އަލް ޖަޒީރާގެ ޓީމުގައި ހިމެނޭ ރިޕޯޓަރު ވިލް ޖޯޑަން އަށް މަރުގެ އިންޒާރު ދީފައި ވަނިކޮށެވެ. އެކަން ބަލަން ލަންޑަނުގެ ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ.
އަލް ޖަޒީރާގެ ތަހުގީގީ ޔުނިޓުން މި ޑޮކިއުމެންޓްރީ ތައްޔާރުކޮށްފައި ވަނީ ސަރުކާރުގެ ތެރޭގައި ހުރި ހިޔާނާތާއި ވައްކަމުގެ އިތުރުން ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުން ކުރާކަން، "އާ ހެކިތަކާ އެކު" ހާމަވާ ގޮތަށެވެ. އެކި މީހުން ސައިކަލުތަކުގައި މިލިއަނުން ނަގުދު ފައިސާ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނަށް ގެންގޮސްދިން ގޮތް، ސިއްރުން ނަގާފައިވާ އިންޓަވިއުތަކުގައި ސިފަކޮށްދީފައިވާ ކަމަށް، ޑޮކިއުމެންޓްރީގެ ތަފްސީލުގައިވެ އެވެ.
އަލް ޖަޒީރާ އިން އާއްމުކުރި ޓީޒާ އިން ފުރަތަމަ ފެންނަނީ ރާއްޖެ ޓީވީގައި ރޯކޮށްލާފައިވާ މަންޒަރެވެ. އޭގެ ފަހުން، ސަރުކާރަށް ތުހުމަތު ކުރާ ކޮރަޕްޝަންތަކާ ގުޅޭ ގޮތުން ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމް ވާހަކަ ދައްކަވާ މަންޒަރު ފެނެ އެވެ. ދައުލަތުން ހަރަދުކޮށް މުއައްސަސާތަކާއި ރައްޔިތުންނާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލަތަކެއް ހިންގަމުންދާ ކަމަށް ތުހުމަތުކުރައްވައި ވީޑިއޯގައި ނިޔާޒް ކަންބޮޑުވުން ފާޅުކުރައްވަ އެވެ.
މީގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދާއި ނަޝީދުގެ ވެރިކަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަން ކުރެއްވި އައިޝަތު ވެލެޒިނީ އަދި މޯލްޑިވްސް އިންޑިޕެންޑެންޓް (ކުރީގެ މިނިވަން ނޫހު)ގެ އެޑިޓަރު ޒަހީނާ ރަޝީދުގެ އިންޓަވިއުތަކެއް ހިމެނޭ ޓްރެއިލާއެއް ރޭ ވަނީ އާއްމުކޮށްފަ އެވެ. ކޮރަޕްޝަން ހިންގާ ގޮތް ދައްކައިދޭ، ސަރުކާރުގެ އިސް ބައެއް ބޭފުޅުންގެ ފޮޓޯ ހިމެނޭ ޗާޓެއް ވެސް މި ޓްރެއިލާ އިން ފެނެ އެވެ.
ސަރުކާރަށް ނިސްބަތްވެވަޑައިގެންނަވާ އެކި ބޭފުޅުން ގެންދަވަނީ އެ ޑޮކިއުމެންޓަރީގައި ހުރެދާނެ ކަމަށް ބެލެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް ވިދާޅުވަމުންނެވެ. އެ ގޮތުން، ވެރިކަން ކުރާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ވަނީ އެއީ އިިދިކޮޅު ފަރާތްތަކުން އަލް ޖަޒީރާ އަށް ފައިސާ ދީގެން ހަދާފައިވާ ޑޮކިއުމެންޓްރީއެއް ކަމަށް ދޭހަވާ ގޮތަށް ވާހަަކަ ދައްކަވާފަ އެވެ.
ރާއްޖެއާ ބެހޭ ގޮތުން އަލް ޖަޒީރާ އިން ތަހުގީގީ ޑޮކިއުމެންޓްރީއެއް މި ހެދީ ސަރުކާރަށް ފާޑުކިޔާ ލިޔުންތައް ބޭރުގެ މީޑިއާތަކުގައި ޝާއިއުކުރުން އިތުުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެ ގޮތުން، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ދިވެހި ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ބީބީސީން ވަނީ މި ފަހުން ބުނެފަ އެވެ. އަދި ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ތެލުގެ ވަގު ވިޔަފާރި ހިންގެވި ކަމަށް ބުނެ ދުނިޔޭގެ އެންމެ ބޮޑު އެއް ނޫސް، ނިއު ޔޯކް ޓައިމްސްގައި ވެސް ވަނީ ރިޕޯޓެއް ޖަހާފަ އެވެ. އެކަމަކު، އޭގައި ބުނާ ވާހަކަތައް ދިވެހި ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.