ދިވެހި ސަރުކާރުން ހިންގާ ކަމަށް ބުނާ ކޮރަޕްޝަނާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން ހެދި ތަހުގީގީ ޑޮކިއުމެންޓްރީ އަލް ޖަޒީރާގެ އަރަބި ޗެނަލުން ވެސް ދައްކަން ނިންމައިފި އެވެ.

ދިވެހި ސަރުކާރުގެ ތެރޭގައި ހުރި ހިޔާނާތާއި ވައްކަމުގެ އިތުރުން ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުން ކުރާކަން ހާމަވާ ގޮތަށް އަލް ޖަޒީރާ އިން ހެދި ޑޮކިއުމެންޓްރީ، "ސްޓީލިން ޕެރެޑައިސް" އަންނަ ބުދަ ދުވަހު، ރާއްޖެ ގަޑިން ހަވީރު 5:00 ގައި އަލް ޖަޒީރާގެ އިނގިރޭސި ޗެނަލުން ދައްކަން ވަނީ ހަމަޖައްސައިފަ އެވެ.

މި ޑޮކިއުމެންޓްރީގައި އަރަބި ބަހުން ސަބްޓައިޓްލް ހިމަނައިގެން އަލް ޖަޒީރާގެ އަރަބި ޗެނަލުން ވެސް ދައްކަން ނިންމާފައި ވާކަން ރޭ ވަނީ އިއުލާންކޮށްފަ އެވެ. އެ ޗެނަލުން ކުރި ޓުވީޓެއްގައި ހިމަނާފައިވާ އަރަބި ސަބްޓައިޓްލް ލާފައިވާ ޓްރެއިލާގައިވާ ގޮތުން އަރަބި ޗެނަލުން މި ޑޮކިއުމެންޓްރީ ދައްކާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ، ރާއްޖެ ގަޑިން ދަންވަރު 12:05 ގަ އެވެ.

އަލް ޖަޒީރާގެ ތަހުގީގީ ޔުނިޓުން ހަދާ ގިނަ ޑޮކިއުމެންޓްރީތައް އަރަބި ޗެނަލަކުން ނުގެނެސްދެ އެވެ. އަރަބި ސަބްޓައިޓްލްއާ އެކު ދައްކާފައި ވަނީ ވަރަށް މަދު ޑޮކިއުމެންޓްރީއެކެވެ.

"ސްޓީލިން ޕެރެޑައިސް" އަރަބި ޗެނަލުން ދައްކަން ނިންމިއިރު، ރާއްޖޭން އަންނަނީ އަރަބި ދުނިޔެއާ ގުޅުން ބަދަހިކުރަމުންނެވެ. ހާއްސަކޮށް ސައުދީ އަރަބިއްޔާއާ މި ފަހުން ވަރަށް ގާތް ގުޅުމެއް އުފައްދަމުން އަންނައިރު، އެ ގައުމުން އަންނަނީ ރާއްޖެ އަށް އެކި ގޮތްގޮތުން މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި ޝައްކު އުފެދޭ ގޮތަށް ހިންގާފައިވާ ފައިސާގެ ބައެއް މުއާމަލާތްތައް ވެސް ހިމެނޭ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެ އެވެ.

އަލް ޖަޒީރާ އިން މި ޑޮކިއުމެންޓްރީ ތައްޔާރުކޮށްފައި ވަނީ ސަރުކާރުގެ ތެރޭގައި ހުރި ހިޔާނާތާއި ވައްކަމުގެ އިތުރުން ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުން ކުރާކަން، "އާ ހެކިތަކާ އެކު" ހާމަވާ ގޮތަށެވެ. އެކި މީހުން ސައިކަލުތަކުގައި މިލިއަނުން ނަގުދު ފައިސާ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނަށް ގެންގޮސްދިން ގޮތް، ސިއްރުން ނަގާފައިވާ އިންޓަވިއުތަކުގައި ސިފަކޮށްދީފައިވާ ކަމަށް، ޑޮކިއުމެންޓްރީގެ ތަފްސީލުގައިވެ އެވެ.

އަލް ޖަޒީރާ އިން އާއްމުކޮށްފައިވާ ޓީޒާ އިން ފުރަތަމަ ފެންނަނީ ރާއްޖެ ޓީވީގައި ރޯކޮށްލާފައިވާ މަންޒަރެވެ. އޭގެ ފަހުން، ސަރުކާރަށް ތުހުމަތު ކުރާ ކޮރަޕްޝަންތަކާ ގުޅޭ ގޮތުން ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމް ވާހަކަ ދައްކަވާ މަންޒަރު ފެނެ އެވެ. ދައުލަތުން ހަރަދުކޮށް މުއައްސަސާތަކާއި ރައްޔިތުންނާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލަތަކެއް ހިންގަމުންދާ ކަމަށް ތުހުމަތުކުރައްވައި ވީޑިއޯގައި ނިޔާޒް ކަންބޮޑުވުން ފާޅުކުރައްވަ އެވެ.

މީގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދާއި ނަޝީދުގެ ވެރިކަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަން ކުރެއްވި އައިޝަތު ވެލެޒިނީ އަދި މޯލްޑިވްސް އިންޑިޕެންޑެންޓް (ކުރީގެ މިނިވަން ނޫހު)ގެ އެޑިޓަރު ޒަހީނާ ރަޝީދުގެ އިންޓަވިއުތަކެއް ހިމެނޭ ޓްރެއިލާއެއް ވެސް ވަނީ އާއްމުކޮށްފަ އެވެ. ކޮރަޕްޝަން ހިންގާ ގޮތް ދައްކައިދޭ، ސަރުކާރުގެ އިސް ބައެއް ބޭފުޅުންގެ ފޮޓޯ ހިމެނޭ ޗާޓެއް ވެސް މި ޓްރެއިލާ އިން ފެނެ އެވެ.

ސަރުކާރަށް ނިސްބަތްވެވަޑައިގެންނަވާ އެކި ބޭފުޅުން ގެންދަވަނީ އެ ޑޮކިއުމެންޓަރީގައި ހުރެދާނެ ކަމަށް ބެލެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް ވިދާޅުވަމުންނެވެ. އެ ގޮތުން، ވެރިކަން ކުރާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ވަނީ އެއީ އިިދިކޮޅު ފަރާތްތަކުން އަލް ޖަޒީރާ އަށް ފައިސާ ދީގެން ހަދާފައިވާ ޑޮކިއުމެންޓްރީއެއް ކަމަށް ދޭހަވާ ގޮތަށް ވާހަަކަ ދައްކަވާފަ އެވެ.

ރާއްޖެއާ ބެހޭ ގޮތުން އަލް ޖަޒީރާ އިން ތަހުގީގީ ޑޮކިއުމެންޓްރީއެއް މި ހެދީ ސަރުކާރަށް ފާޑުކިޔާ ލިޔުންތައް ބޭރުގެ މީޑިއާތަކުގައި ޝާއިއުކުރުން އިތުުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެ ގޮތުން، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ދިވެހި ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ބީބީސީން ވަނީ މި ފަހުން ބުނެފަ އެވެ. އަދި ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ތެލުގެ ވަގު ވިޔަފާރި ހިންގެވި ކަމަށް ބުނެ ދުނިޔޭގެ އެންމެ ބޮޑު އެއް ނޫސް، ނިއު ޔޯކް ޓައިމްސްގައި ވެސް ވަނީ ރިޕޯޓެއް ޖަހާފަ އެވެ. އެކަމަކު، އޭގައި ބުނާ ވާހަކަތައް ދިވެހި ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.