އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު، އެ ޕާޓީ އަށް އަލުން ސޮއިކުރައްވައިފި އެވެ.
އޭނާ "އެކްސް"ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަތް އަހަރާއި ހަތް ދުވަސް ފަހުން "އަނެއްކާ ވެސް އަނބުރާ ގެއަށް" ވަޑައިގަތީ އެމްޑީޕީގެ ފަހުރުވެރި މެމްބަރެއްގެ ގޮތުގައި ކަމަށެވެ.
"އިރާދަފުޅުން އެމްޑީޕީއަށާއި މުޅި ރާއްޖެ އާއި ރާއްޖޭގެ ރައްޔިތުންނަށް ކާމިޔާބަށް އެދި ހިތްވަރާއި މުރާލިކަމާއެކު ހިދުމަތް ކުރާނަން،" އެންމެ ފަހުން ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމު ފުރުއްވައި އަދި އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިހާބީ އެޖެންޓުކަން ކުރެއްވި އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރައްވައިފަ އެވެ. އެކަމަކު، ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އޭނާ ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި އެ މަގާމުން ވަކިކުރީ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު އަދާކުރައްވަމުން ދަނިކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން އަލީ ވަހީދު ރާއްޖެ އިން ބޭރަށް ކުރިން ވެސް ވަޑައިގަތެވެ. އެކަމަކު، އެމްޑީޕީގެ މަސައްކަތަށް އެކަށީގެންވާ ވަގުތު ނުދެއްވޭތީ ފަހުން މަގާމުން ވަކިވީ އެވެ.
އޭގެ ފަހުން އަލީ ވަހީދު ގުޅިވަޑައިަތީ ޖުމްހޫރީ ޕާޓީއަށެވެ. ނަމަވެސް، ޖޭޕީގެ އަސާސީ ގަވައިދަށް ގެނައި އިސްލާހަކާ ގުޅިގެން އޭނާ އަށް މަގާމު ގެއްލުނީ އެވެ.