މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ބޭއްވި ފުރަތަމަ ބޮޑީބޯޑިން މުބާރާތް ކަމަށްވާ ބަނޑުފިލާ ޗެލެންޖްގެ ޕްރޯން މެންސް ޑިވިޝަނުގެ ޗެމްޕިއަންކަން އަލީ ހުޝްރުވާން (ކުޑަ އައްޔަ) ހޯދައިފި އެވެ.
މިއީ 2015 ވަނަ އަހަރު ގައުމީ އެސޯސިއޭޝަނެއްގެ ގޮތުގައި ބޮޑީބޯޑިން ރަޖިސްޓްރީކޮށްގެން ފެށި ފަހުން އެ ޖަމިއްޔާ އިން ބޭއްވި ގައުމީ ފެންވަރުގެ ފުރަތަމަ ބޯޑީބޯޑިން މުބާރާތެވެ. ބަނޑުފިލާ ޗެލެންޖްގެ ނަމުގައި ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދިޔަ މި މުބާރާތް ފަށަން އެންމެ ފުރަތަމަ ތާވަލުކުރީ މި މަހު 10 ވަނަ ދުވަހު އެވެ. އެކަމަކު މޫސުން ގޯސް ވުމުން ފަސްކުރީ އެވެ.
ކުޑަ އައްޔަ ޗެމްޕިއަންކަން ހޯދި ޕްރޯން މެންސް ޑިވިޝަނުގައި 36 ބޮޑީބޯޑަރުން ވާދަކުރި އެވެ. ކުޑައައްޔަ ޗެމްޕިއަންކަން ހޯދީ ލ. ގަމުގެ އަލީ އާނިމްއާ ވާދަކޮށެވެ. ކުޑަ އައްޔަ ވަނީ 13.1 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. އާނިމްގެ ސްކޯ އަކީ 12.6 ޕޮއިންޓެވެ. މި ބައިން ތިން ވަނަ އަށް ދިޔައީ އަހުމަދު ނަޒްމީން އެވެ. ރާއްޖޭގެ އެއް ވަނަ ބޮޑީބޯޑަރު ކުޑަ އައްޔަ އަށް ޓްރޮފީ ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
ޕްރޯން ޖޫނިއާ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ އަހުނަފް (ނަފްކޮ)އާ ވާދަކޮށް މުހައްމަދު ރީޝަން ރަޝީދު އެވެ. ރީޝަންގެ ސްކޯ އަކީ 11 ޕޮއިންޓެވެ. އަދި ނަފްކޮގެ ސްކޯ އަކީ 5.9 ޕޮއިންޓެވެ. މި ކެޓަގަރީން ތިން ވަނަ އަށް ދިޔައީ އިނާޝް ނައީމް އެވެ.
ޖޫނިއާ ޑިވިޝަންގައި 16 ބޮޑީބޯޑަރުން ވާދަކުރި އެވެ. މި މުބާރާތުގައި ރާޅާއެޅި އެންމެ ޒުވާން ބޮޑީބޯޑަރަކީ ނ. ޅޮހީގެ އިބްރާހިމް އަތޫފް އެވެ.
މި ފަހަރުގެ ބަނޑުފިލާ ޗެލެންޖްގައި ނުވަ އަތޮޅުގެ 11 ރަށަކުން 41 ބޮޑީބޯޑަރުން ވާދަކުރި އެވެ. މި މުބާރާތަށް ފަހު ގައުމީ ބޮޑީބޯޑަރުން ރޭންކް ކުރުމަށް ފަހު ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް އެމްބީބީއޭ އިން މައުލޫމާތުދެ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޮޑީބޯޑިން ފުޅާކުރުމުގެ ގޮތުން ރާއްޖެ ބޮޑީބޯޑިން އިން ވަނީ މި އަހަރު މަސައްކަތް ފަށައިފަ އެވެ. ކުޑަ އައްޔަގެ އިތުރުން ރާއްޖޭގައި ތިބި އިތުރު ހުނަރުވެރި ބޮޑީބޯޑަރުން އެކުވެގެން ފަށާފައިވާ ރާއްޖެ ބޮޑީބޯޑިން އިން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި ޒުވާން ބޮޑީބޯޑަރުންނަށް ކުރިއަރުވައި އިތުރު ފުރުސަތުތައް ހޯދައިދޭން މަސައްކަތް ކުރަމުންނެވެ.