އައިބީސީ ވޯލްޑް ޓުއާ މޯލްޑިވްސް ޕްރޯގެ ޑްރޮޕް ނީ ބައިގެ ކުއާޓާ ފައިނަލުން ރާއްޖޭގެ އެއްވަނަ ބޮޑީބޯޑަރު އަލީ ހުޝްރުވާން (ކުޑަ އައްޔަ) މުބާރާތް ނިންމާލަން ޖެހުނު ނަމަވެސް، ރާއްޖޭގެ އެއްވަނަ ޖޫނިއާ ބޮޑީބޯޑަރު އާމިން އުމަރު މޫސާ ޖޫނިއާ ބައިގެ ސެމީ ފައިނަލްގައި ވާދަކުރަން ތައްޔާރު ވެއްޖެ އެވެ.

މިދިޔަ އަހަރުގެ ސެމީ ފައިނަލްގައި ވާދަކުރި ކުޑަ އައްޔަ ކުއާޓާއިން ބަލިވީ މިއަދު ހެނދުނު މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށް ދިޔަ ކުއާޓާގެ ފުރަތަމަ ހީޓުގައި ފްރާންސްގެ ފަބިއެން ތާޒާ އަތުންނެވެ. ކުޑަ އައްޔަ އަށް ޖުމްލަ 10.25 ޕޮއިންޓް ހޯދުނުއިރު، ތާޒާ ކުރި ހޯދީ 2.25 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.

ކުޑަ އައްޔަ ކުއާޓާއަށް ދިޔައީ މިދިޔަ އަހަރުގެ ޗެމްޕިއަން ހަވާއީގެ ޑޭވިޑް ހަބާޑާ އެއް ހީޓެއްގައި ވާދަކޮށް ދެވަނަ ހޯދައިގެންނެވެ. އެ ހީޓުން އައްޔަ އަށް 8.75 ޕޮއިންޓް ހޯދުނު އިރު ހަބާޑް ވަނީ 16.25 ޕޮއިންޓް ހޯދައިފަ އެވެ.

ހަބާޑް ވަނީ މިއަދު ހެނދުނު އޮތް ކުއާޓާގެ ހީޓުގައި ޖުމްލަ 14 ޕޮއިންޓް ހޯދައިގެން ކާމިޔާބުކޮށް ސެމީއަށް ދަތުރު ކޮށްފަ އެވެ. ސެމީގައި ނުކުންނާނީ ތާޒާއާ ދެކޮޅަށެވެ.

ޖޫނިއާ ބައިގެ ސެމީގައި އާމިން މިއަދު ވާދަކުރާނީ ސްޕެއިންގެ ޖޯޖް ހެނާންޑޭޒް އާ ދެކޮޅަށެވެ. އޭނާ ސެމީއަށް އައީ އިއްޔެ އޮތް ކުއާޓާގެ ހީޓު ކާމިޔާބު ކޮށްގެންނެވެ.

ކުއާޓާ ފައިނަލްގެ ހީޓުގައި އާމިން އެއްވަނަ ހޯދީ ޕޯޗުގަލްގެ އެޑުއާޑޯ މާސެޑޯއާ ވާދަކޮށް ޖުމްލަ 11.75 ޕޮއިންޓް ހަމަކޮށްގެންނެވެ. މާސެޑޯ އަށް ލިބުނީ 10.25 ޕޮއިންޓެވެ.