ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް "ބުރުނު ޝިކާރު" ގެ ޗެމްޕިއަންކަން އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ހޯދައިފި އެވެ.
މިއީ ކުޑަ އައްޔަ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފަސްވަނަ ފަހަރެވެ. ޖެހިޖެހިގެން ހަތަރުވަނަ ފަހަރު ޗެމްޕިއަންކަން ހޯދި ފަހުން މިދިޔަ އަހަރުގެ ފައިނަލްގައި އޭނާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ އަޝްރަފް ހަސަން އެވެ. ނަމަވެސް މިއަހަރުގެ މުބާރާތުގެ ތިންވަނަ ބުރުން އަޝްރަފް ވަނީ ކަޓައިފަ އެވެ.
އިއްޔެ ކުރިއަށް ގެންދިޔަ މެންސް އޯޕަންގެ ފައިނަލް ހީޓުގައި ކުޑަ އައްޔަ ކުރި ހޯދީ، މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން އަލީ ޖާވިދު (ޖާއްޓެ) އާ ވާދަކޮށް، ޖުމްލަ 11.67 ޕޮއިންޓް ހޯދައިގެންނެވެ. ޖާއްޓެ އަށް ހަމަކުރެވުނީ ޖުމްލަ 9.77 ޕޮއިންޓެވެ. ކުޑަ އައްޔަގެ އެންމެ ރަނގަޅު ދެ ރާޅަށް ވަނީ 6.17 އަދި 5.50 ޕޮއިންޓް ސޮކޯ ކޮށްފަ އެވެ.
މިދިޔަ ހޯމަ ދުވަހު ރާޅުގަނޑު ސަރަހައްދުގައި ފެށި މި މުބާރާތުގެ މެންސް އޯޕަންގައި 24 ބޮޑީބޯޑަރުން ވާދަކުރި އެވެ. މީގެ އިތުރުން ޑްރޮޕް ނީ ކެޓެގަރީގައި 15 ބޮޑީބޯޑަރުން ވާދަ ކުރިއިރު ޖޫނިއާ ކެޓެގަރީގައި 11 ބޮޑީބޯޑަރުން ވާދަ ކުރި އެވެ.
މިއަހަރު ވެސް ޑްރޮޕް ނީ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ކުޑަ އައްޔަ އެވެ. މި ބައިގެ ޗެމްޕިއަންކަން ކުޑަ އައްޔަ ނެގީ ޒުވާން ތަރި އާމިން އުމަރު މޫސާއާ ވާދަކޮށް ޖުމްލަ 10.00 ޕޮއިންޓް ހޯދައިގެންނެވެ. އާމިން އަށް އެއްކުރެވުނީ 6.67 އެވެ. އާމިން އަކީ މިދިޔަ އަހަރުގެ ޖޫނިއާ ބައިގެން ޗެމްޕިއަނެވެ.
މިއަހަރުގެ ޖޫނިއާ ބައިގެން ޗެމްޕިއަންކަން ހޯދީ، ފުވައްމުލަކުގެ އުންމީދީ ބޮޑީބޯޑަރު މުހައްމަދު އަޒާން އަހުމަދެވެ. އަޒާން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މުހައްމަދު ޖަރީޝް ޖިހާދާ ވާދަކޮށް ޖުމްލަ 9.90 ޕޮއިންޓް ހޯދައިގެންނެވެ. ޖަރީޝް އަށް ހޯދުނީ ޖުމްލަ 8.10 ޕޮއިންޓެވެ.
ގައުމީ ބޮޑީބޯޑީން ލީގުގައި މިއަހަރު އިތުރު ތިން މުބާރާތެއް ތާވަލް ކުރެވިފައި ވެއެވެ. އެއީ ކ. ތުލުސްދޫގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ރަންދާ ބޮޑީބޯޑިން ޗެލެންޖާއި ފުވައްމުލަކު ބޮޑީބޯޑިން ޗެލެންޖުގެ އިތުރުން، ލީގުގެ އެންމެ ފަހު މުބާރާތް ކަމަށްވާ ގައުމީ ބަނޑުފިލާ ޗެލެންޖެވެ. ބަނޑުފިލާ ޗެލެންޖު ވެސް ކުރިއަށް ގެންދާނީ މާލޭ ރާޅުގަނޑު ސަރަހައްދުގަ އެވެ.