މިދިޔަ ހުކުރު ދުވަހު އަވަހާރަވި، އަލްޖީރިއާގެ ކުރީގެ ރައީސް އަބްދުލްއަޒީޒް ބޫތަފްލީގާ، ރަސްމީ އިއްޒަތުގެ މާބޮޑު ރަސްމިއްޔާތަކާ ނުލައި އިއްޔެ ފަސްދާނުލައިފި އެވެ.
ބޫތަފްލީގާގެ ސަންދޯއް، ގަބުރުސްތާނާ ހަމައަށް އުފުލީ، އަސްކަރީ މޮޓޮކޭޑެއްގަ އެވެ. ނަމަވެސް، މީގެ ކުރިން އަވަހާރަވެފައިވާ އެ ގައުމުގެ ރައީސުންގެ ޖަނާޒާގައި ބޭއްވި ފަދަ ރަސްމީ އިއްޒަތުގެ އެއްވެސް ކަމެއް ނެތެވެ. ބޫތަފްލީގާ ފަސްދާނު ލީ، އެ ގައުމުގެ މިނިވަންކަމުގެ ބަތަލުން ވަޅުލާ އަލް އާލިއާ ގަބުރުސްތާނުގަ އެވެ.
އުމުރުފުޅުން 84 ގެ ބޫތަފްލީގާ އަވަހާރަވުމުގެ ހިތާމައިގައި، ތިން ދުވަހަށް އަލްޖީރިއާގެ ގައުމީ ދިދަ ބައި ދަނޑި އަށް ތިރިކުރި އެވެ. ނަމަވެސް އޭގެ ކުރިން އަވަހާރަވި ރައީސުންގެ ޝަރަފުގައި ފާހަގަކުރާ ފަދައިން އަށް ދުވަހުގެ ގައުމީ ހިތާމައެއް މިފަހަރު އިއުލާނެއް ނުކުރެ އެވެ. ބޫތަފްލީގާގެ ޖަނާޒާގައި، ކޮރަޕްޝަންގެ ކުށުގައި ޖަލުގައި މިހާރު ހުންނެވި، ބޫތަފްލީގާގެ ކޮއްކޮ ސައީދު ބޫތަފްލީގާ ބައިވެރިކުރި ކަމަށް އޭނާގެ ވަކީލުން ބުންޏެވެ.
އުތުރު އެފްރިކާގެ ގައުމެއްގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ބޫތަފްލީގާ، އަލްޖީރިއާގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވީ 2019 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. އެއީ ވެރިކަމުގެ ފަސް ވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމެވުމާ ގުޅިގެން، އާންމު ރައްޔިތުން މަގުތަކަށް ނުކުމެ ކުރަން ފެށި މުޒާހަރާތަކުގެ ފިއްތުންތައް ބޮޑުވެގެންނެވެ.
އަލްޖީރިއާގެ ދާހިލީ ހަނގުރާމަ އަށް ފަހު، އާންމު ރައްޔިތުންގެ ވަރަށް ބޮޑު ތާއީދަކާ އެކު އެ ގައުމުގެ ރައީސްގެ މަގާމަށް ބޫތަފްލީގާ އިންތިހާބުކުރީ 1999 ވަނަ އަހަރުގެ ތެރޭގަ އެވެ.
ބޫތަފްލީގާގެ ޖަނާޒާ ކުރިއަށް ދިޔައިރު، މަގުތަކަށް އެއްވި ބައެއް މީހުން ބުނި ގޮތުގައި ގައުމުގައި ވެރިކަން ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ބޫތަފްލީގާ އަށް އިހްތިރާމްކުރަންޖެހޭނެ ކަމަށެވެ. ނަމަވެސް ރަސްމީ އިއްޒަތުގައި ފަސްދާނުލާންޖެހޭ ވަރުގެ ހިދުމަތްތަކެއް ރައްޔިތުންނަށް ކޮށްދީފައި ނުވާ ކަމަށާއި، އެފަދަ ތަރައްގީއެއް ވެސް ގައުމަށް ގެނެސްދީފައިނުވާ ކަމަށް އެމީހުން ދެކެ އެވެ.
އަނެއް ބަޔަކު ބުނި ގޮތުގައި ޑިމޮކްރެސީގެ ހަމަތަކުން ވެރިކަން ކުރުމަށް ރައްޔިތުން އުފުލަމުން ދިޔަ އަޑުތައް ބޫތަފްލީގާ އަޑުއެއްސެވި ނަމަ، ހަތަރު ވަނަ ދައުރަކަށް ވެސް ކުރިމައްޗެއް ނުލައްވާނެ އެވެ. ރައްޔިތުންގެ ނުރުހުމުގައި ވެރިކަމުގެ ހަތަރު ވަނަ ދައުރެއް ފުރިހަމަކުރައްވައި ފަސް ވަނަ ދައުރެއް ހޯއްދަވަން އުޅުއްވުމީ ވެސް، ގައުމަށް އޭނާ ހެޔޮއެދިވަޑައިނުގަންނަވާ ކަމުގެ ހެއްކެއް ކަމަށް ވެސް އެމީހުން ދެކެ އެވެ.