ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ޖަނާޒާއެއްގައި މިއަދު ހުންނަވަނިކޮށް މީހަކު ސިޔާސީ ގޮތުން މަލާމާތްކޮށްފި އެވެ.
ޑރ. ޖަމީލްގެ ކޮއްކޮ އަބްދުﷲ ޖަމީލް ބުނީ ސިޔާސީ ގޮތުން ބޭބެއާ ދިމާކޮށްފައި ވަނީ ހުކުރު ނަމާދަށް ފަހު އޭނާގެ މަންމަގެ އާއިލާ މީހެއްގެ ޖަނާޒާގެ ތެރެއިން ކަމަށެވެ.
"ވަޅަށް ސަންދޯއް ތިރިކުރަނިކޮށް ފަހަތުން މި ގޮވަނީ ހޮވުނަސް ނުދޭނަމޭ،" އޭނާ ބުންޏެވެ.
އެފަދަ ދަނޑިވަޅެއްގައި އެގޮތަށް އެއްޗެތި ގޮވި މީހާ ނޭނގޭ ކަމަށް ޖަމީލު ބުންޏެެވެ. އަދި އެގޮތަށް އެއްޗެހި ކިޔުމަކީ އަދަބާ ހިލާފް ކަމެއް ކަމަށް އެމީހުން ކައިރި ބުނުމުން "އެހެން ކިޔަން ވަކި ތަނެއް ނޯންނާނެ" ކަމަށް ބުނެ ޖަވާބު ދިން ކަމަށް ވެސް އޭނާ ބުންޏެވެ.
ޑރ. ޖަމީލް ނައިބު ރައީސްކަމުން ވަކި ކުރެއްވުމުން އުޅުއްވީ އިނގިރޭސިވިލާތުގަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބުވުމުން ރާއްޖެ ވަޑައިގެން ސިޔާސީ ހަރަކާތް ކުރިއަށް ގެންދަވަނީ ޖުމްހޫރީ ޕާޓީއާ އެކު އެވެ.
ކުރިއަށް މި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލިމާލެ ދާއިރާއަށް ޑރ. ޖަމީލް ވާދަ ކުރައްވަ އެވެ. އޭނާއާ ވާދަ ކުރާނީ އެމްޑީޕީގެ ޓިކެޓް ކާމިޔާބު ކުރި އަހުމަދު ޔާމީނެވެ.
ދެހާސް ތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތް ކުރައްވައި ރައީސް ކަމަށް ހޮވުނަސް ވެރިކަން ހަވާލު ނުކުރާނެ ކަމަށް ޖަމީލް ވިދާޅުވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.