ސީއެޗްއެސްއީގެ ދަރިވަރުންނާއި އެ ސްކޫލުގެ މުވައްޒަފުން، ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް މިއަދު ޒިޔާރަތްކޮށް އެހީ ދީފި އެވެ.

އެ ސްކޫލުގެ ޕްރިންސިލް އައިޝަތު ސޮފޫރާ ވިދާޅުވީ ގުރައިދޫ މަރުކަޒުގައި ތިބޭ މީހުންގެ ހާލު ބެލުމަށް ކުރި ދަތުރުގައި 50 ދަރިވަރަކާއި 10 މުވައްޒަފަކު ބައިވެރިވި ކަމަށެވެ.

ސީއެޗްއެސްއީ ދަރިވަރުންގެ މި ދަތުރުގައި ޓީވީއަކާއި ބެޑްޝީޓާއި މޭވާ އާއި އެހެން ބައެއް ތަކެތި ވަނީ ހަދިޔާކޮށްފަ އެވެ.

ސީއެޗްއެސްއީގެ ދަރިވަރުންނާއި މުވައްޒަފުން، ގުރައިދޫ މަރުކަޒުގައި.-- ފޮޓޯ: ސީއެޗްއެސްއީ
ސީއެޗްއެސްއީގެ ދަރިވަރުންނާއި މުވައްޒަފުން، ގުރައިދޫ މަރުކަޒުގައި.-- ފޮޓޯ: ސީއެޗްއެސްއީ

ސޮފޫރާ ވިދާޅުވި ގޮތުގައި، މަރުކަޒުގައި ތިބޭ މީހުންނާ ބައްދަލުކޮށް އެ މީހުންނާ އެކު ރަނގަޅު ވަގުތުކޮޅެއް ހޭދަކުރެވުނެވެ.

"ވަރަށް އިމޯޝަނަލް ވަގުތުކޮޅެއް. އެމީހުންގެ ކުރީގެ ހަނދާންތަކާއި ކުރިން ކޮށްފައި ހުންނަ މަޖާ ކަންތައްތަކުގެ ވާހަކަތައް ކިޔައިދިން. އޭގެ އިތުރަށް އާއިލާގެ ކަންތައްތައް ވެސް ހިއްސާކޮށް ގޭމް ވެސް ކުޅުނު،" ސޮފޫރާ ވިދާޅުވި އެވެ.

ސީއެޗްއެސްއީގެ ދަރިވަރުން 2014 ވަނަ އަހަރު ވެސް ގުރައިދޫ މަރުކަޒަށް ޒިޔާރަތްކޮށްފައިވެ އެވެ.