ސީއެޗްއެސްއީގެ ޕްރިންސިޕަލް އައިޝަތު ސޮފޫރާ އަށް އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރު) އިން އެވޯޑެއް ދޭން ނިންމައިފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނީ ސޮފޫރާ އަށް ދޭން ނިންމާފައި ވަނީ "އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް ޑިސްޓިންގުއިޝްޑް އެލުމުނި އެވޯޑް" ކަމަށެވެ.
މިއީ މި އެވޯޑް ދިވެއްސަކަށް ލިބޭ ފުރަތަމަ ފަހަރު ކަމަށް އެމްބަސީން ބުންޏެވެ.
އިންޑިއާ އެމްބަސީން ބުނީ ހައި ކޮމިޝަންގައި މިއަދު ބޭއްވި ހަފުލާއެއްގައި، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ ވަނީ ސޮފޫރާއާ ބައްދަލު ކުރައްވައި، އެވޯޑާ ހަވާލުވެވަޑައިގަތުމަށް އިންޑިއާ އަށް ވަޑައިގަތުމުގެ ޓިކެޓާއި ޑޮކިއުމަނެޓުތައް ހަވާލު ކުރައްވާފައި އެވެ.
ސޮފޫރާ މި އެވޯޑާ ހަވާލުވެވަޑައިގަންނަވާނީ އިންޑިއާގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. ސޮފޫރާ އިންޑިއާ އަށް ކުރައްވާ ދަތުރުގައި އާގްރާ، ޖައިޕޫރު އަދި ބެންގަލޫރަށް ވަޑައިގަންނަވާނެ އެވެ.
ރާއްޖެ އާއި އިންޑިއާ އަކީ ޒަމާނުއްސުރެ، ގާތް އެކުވެރި ދެ ގައުމެވެ. އިންޑިއާ އިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ދިވެހި ދަރިވަރުންނަށް ތައުލީމީ ފުރުސަތު ފަހިކޮށްދޭ ގައުމެއްގެ ގޮތުގަ އެވެ.