އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތް ހަރުދަނާކުރުމަށް ވަކި ކުންފުންޏެއް މިއަދު އުފައްދައިފި އެވެ.
ވައިގެ ދަތުރުތައް މިހާތަނަށް މެނޭޖްކުރަމުން ދިޔައީ އެމްއޭސީއެލްގެ އެއާ ޓްރެފިކް މެނޭޖްމަންޓް ޔުނިޓުގެ ދަށުން، އެއާ ޓްރެފިކް ކޮންޓްރޯލް ސެންޓަރު އަދި ކޮންޓްރޯލް ޓަވަރުންނެވެ.
ނަމަވެސް، "މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް" ގެ ނަމުގައި މިއަދު އުފެއްދި ކުންފުންޏާއެކު، އެއާ ޓްރެފިކްގެ ހުރިހާ ހިދުމަތެއް ބަދަލުވާނީ އެ ކުންފުނީގެ ދަށަށެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރައްވާފައިވަނީ ތަޖުރިބާކާރު އެއާޓްރެފިކް ކޮންޓްރޯލަރު މުހައްމަދު އަހުތަރެވެ.
ސަރުކާރުގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވީ ރާއްޖޭގައި ދަތުރުފަތުރުގެ ނިޒާމަށް ގެންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގައި އެއާޕޯޓުތައް ގިނަވުމާއި ސީޕްލޭން އޮޕަރޭޝަން އިތުރުވުމުގެ ސަބަބުން ވައިގެ ސަރަހައްދުގައި އުދުހޭ މަތިންދާ ބޯޓުތައް ގިނަވެފައިވަނީ އަންދާޒާކުރެވިފައި ނުވާ މިންވަރަކަށެވެ.
ރާއްޖޭގެ ވައިގެ ސަރަހައްދުގައި އެއްވަގުތެއްގައި އުދުހޭ ފްލައިޓުގެ އަދަދު 60 އަދި 70 މޫވްމަންޓަށް ގިނަވެފައިވާއިރު، އެއާޓްރެފިކް ކޮންޓްރޯލް ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ ވަސީލަތްތަކަށް ވެސް ބަދަލުތަކެއް ގެންނަންޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
އެއާ ޓްރެފިކް ކޮންޓްރޯލަށް ވަކި ކުންފުންޏެއް އުފެއްދީ ޗިކާގޯ ކޮންވެންޝަންގައިވާ ގޮތަށް ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓޭނެ ގޮތެއްގައި މި ހިދުމަތް ފޯރުކޮށްދިނުމަށެވެ.