ސްރީ ލަންކާގެ އޭވިއޭޝަން ކޮލެޖުގައި ކިޔަވާ ދިވެހި ދަރިވަރުންގެ ކޯހުގެ މުއްދަތު ދިގުލައިގެން ގޮސް، އެ ދަރިވަރުންނަށް ސަރުކާރުން ދިން ލޯނު ހުސްވެއްޖެ އެވެ.

އެ ކޮލެޖުގައި ކިޔަވާ ދިވެހި ދަރިވަރުން ވަނީ މިކަމުގެ ކަންބޮޑުވުންތައް ބަޔާންކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.

އެ ސިޓީގައި ބުނެފައިވާ ގޮތުގައި ސްރީ ލަންކާގެ އޭވިއޭޝަން ކޮލެޖުގައި ކިޔަވާ، އެ ގައުމުން ބޭރުގެ ގިނަ ދަރިވަރުންނަކީ ރާއްޖެއިން އެއާކްރާފްޓް އިންޖިނިއަރިން ކިޔަވަން ގޮސް ތިބި ދަރިވަރުންނެވެ. އަދި ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ގަބޫލުކުރަނީ ވަކި ގައުމުތަކެއްގެ ވަކި ކޮލެޖުތަކަކުން ހަދާ އެއާކްރާފްޓް އިންޖިނިއަރިން ކޯސްތައް ކަމަށްވާތީ އެ ދަރިވަރުންނަށް އޮތް ހަމައެކަނި ފުރުސަތަކީ ލަންކާއިން އެ ކޯސް ހެދުންކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ. އެ ދަރިވަރުންނަށް ސަރުކާރުން ދޭ ސްޓޫޑެންޓް ލޯން ލިބުނީ ސިވިލް އޭވިއޭޝަނުން ގަބޫލުކުރާ ކޮލެޖަކުން ކޯސް ހަދާތީ ކަމަށް ވެސް ބުނެފައިވެ އެވެ

. "އެހެންކަމުން މި ކޮލެޖު އިހްތިޔާރުކުރުން ނޫންގޮތެއް އަޅުގަނޑުމެންނަކަށް ނެތެވެ،" ސިޓީގައިވެ އެވެ.

ސްރީލަންކާގެ އޭވިއޭޝަން ކޮލެޖު --
ސްރީލަންކާގެ އޭވިއޭޝަން ކޮލެޖު --

މީގެ އިތުރުން، 2017 ވަނަ އަހަރުން ފަށައިގެން އެ ކޮލެޖުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވި ކަމަށާއި ދެ އަހަރާ ބައިން ނިމޭ ކޯހެއް ލަންކާއަށް ދިމާވި ގިނަ ކަންތައްތަކެއްގެ ސަބަބުން ދިގުލައިގެން ގޮސްފައިވާކަމަށް ބުންޏެވެ. ދަރިވަރުން ބުނި ގޮތުގައި އޭޕްރީލް 2019 ގައި ލަންކާގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު 60 ދުވަހަށް ކޯސް މެދުކެނޑުނު ކަމަށާއި އެއަށް ފަހު މާ ދުވަހެއް ނުވެ ކޮވިޑް-19ގެ ސަބަބުން އަނެއްކާ ވެސް ކޯސް މެދުކެނޑި އެ ދަރިވަރުންގެ ކޯސްތައް 20 މަހެއްހާ ދުވަސް ލަސްވި އެވެ.

"މިހާރު އޮތް ސިޔާސީ އަދި އިގްތިސާދީ ދަތިކަމާއި މުވައްޒަފުންގެ ހަޅުތާލުތަކުގެ ސަބަބުން ވެސް އަޅުގަނޑުމެންގެ ކޮލެޖަށް އަސަރުކޮށް، އަޅުގަނޑުމެންގެ ކޯސްތަކުގެ ކުރިއެރުމާ މެދު ސުވާލު އުފެދި އަޅުގަނޑުމެން މި ވަނީ އިތުރު ޔަގީންކަން ނެތި، ބޮޑެތި މާލީ ގޮންޖެހުންތަކެއްގެ ތެރެއަށް ވެއްޓިފައެވެ،" ސިޓީގައިވެ އެވެ.

ދަރިވަރުން ބުނީ ކޯސް ނިމޭނެ ތާރީހެއް ނޭނގޭ ހާލު ތިބެ ކޮންމެ މަހަކު ވެސް އެކޮމެޑޭޝަން ފީ ދައްކަމުން އަންނަ ކަމަށެވެ. އަދި މިހާރު އެ ދަރިވަރުންނަށް ދިން ސްޓޫޑެންޓް ލޯން ހުސްވެފައިވާ ކަމަށާއި ރުފިޔާ އެ ދައްކަނީ އެ ކުދިންގެ އަމިއްލަ ޖީބުން ކަމަށް ބުނެފައި ވެއެވެ. އެ ދަރިވަރުން ބުނެފައިވާ ގޮތުގައި ކިޔެވުން ނިންމުމަށް އިތުރު ގޮތެއް ހޯދަން ކޮލެޖަށާއި ހަޔަ އެޑިއުކޭޝަނަށާއި ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް އެތައް ފަހަރަކު އެދުމުން ވެސް އެކަމާ އަޅައެއް ނުލި އެވެ.

ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލުގައިވާ ގޮތުން ލޯނުގެ ދަށުން ފުރިހަމަކުރަމުންދާ ކޯސް ނިންމުމުގައި ދަރިވަރުންގެ އިހްތިޔާރުން ބޭރު ކަމެއް ދިމާވެގެން ކޯހުގެ މުއްދަތު އިތުރުވާ ހާލަތްތަކުގައި އިތުރުވާ މުއްދަތަށް ލޯނުގެ ދަށުން ފައިސާއަށް އެދެވިދާނެ ކަމަށް އޮންނަކަން ސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ.

ލަންކާގައި އެ ދަރިވަރުން ހަދާ ކޯހަކީ ތިއަރީ އާއި ޕްރެކްޓިކަލް ކޮމްޕޯނެންޓުތައް ހިމެނޭ ކޯހެެކެވެ. އެ ކުދިން ބުނާ ގޮތުގައި ގިނަ ކުދިންގެ ތިއަރީ ބައި ނިމި މިހާރު އެ މަޑުކުރަނީ ޕްރެކްޓިކަލް ބައި ހަދައި ކޯސް ނިންމޭނެ ދުވަހަކަށެވެ. އަދި ރާއްޖޭގައި ތިބެގެން ޕްރެކްޓިކަލް ޓެސްޓު ހެދޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ސިވިލް އޭވިއޭޝަންގައި އެދުމުން އެކަމަށް ވެސް އަޅައިނުލާ ކަމަށް ބުނެފައި ވެއެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި، ފާއިތުވި މަދު އަހަރުތަކުގައި ބިރުވެރި ހާލަތްތަކެއް ކުރިމަތިވެފައިވާ ބޭރު ގައުމެއްގައި ކިޔަވަމުންދާ ދަރިވަރުންގެ ގޮތުގައި، ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި، ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އާއި އަދި ކަމާބެހޭ އެހެން ހުރިހާ އިދާރާތަކުން އަޅުގަނޑުމެންގެ ހެޔޮ ދުޅަހެޔޮކަން ބަލަހައްޓައި ރައްކާތެރިކުރުމުގައި ފެެއިލްވެއްޖެއެވެ،"

މި ސިޓީ އެ ދަރިވަރުން ވަނީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ހަޔަ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަނަށާއި ސިވިލް އޭވިއޭޝަންގެ ޗީފް އެގްޒެކިއުޓިވް ހުސެއިން ޖަލީލަށް ފޮނުވައިފަ އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ދަރިވަރުންގެ ކަންބޮޑުވުންތަކަށް އެއްވެސް ޖަވާބެއް ދީފައި ނުވާކަމަށް އެ ދަރިވަރުން ބުނެ އެވެ.

ލަންކާގެ އޭވިއޭޝަން ކޮލެޖުގައި ރާއްޖޭގެ 100 އަށް ވުރެ ގިނަ ދަރިވަރުން މިހާރު ވެސް ކިޔަވަން އެބަތިއްބެވެ. އަދި މިހާރު ވެސް ކުދިން ގަވައިދުން އެންރޯލް ކުރެ އެވެ.