ނިއު ދިއްލީ (މެއި 30) - މެލޭޝިއާގެ ބަޖެޓް އެއާލައިން، އެއާ އޭޝިއާ އިން އިންޑިއާގައި ހިންގާ އޮފީސްތައް ފުލުހުން ބަލާ ފާސްކޮށްފި އެވެ.
އެއާ އޭޝިއާގެ ސީއީއޯ ޓޯނީ ފެނާންޑޭޒްގެ މައްޗަށް ވަނީ ގަވާއިދާ ޚިލާފަށް އޮޕަރޭޓިން ލައިންސަންސް ހޯދާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުން ބުނީ ފެނާންޑޭޒް ވަނީ ލައިސަންސް ހޯދުމަށް އިންޑިއާގެ އޮފިޝަލުންނަށް އެކި ހުށަހެޅުންތައް ހުށަހަޅާފައި ކަމަށެވެ.
"އެއާ އޭޝިއާގެ ސީއީއޯ ފެނާންޑޭޒް އާއި އޭނާގެ ގާތް ބައެއް މީހުން އަދި އިންޑިއާގެ އޮފިޝަލުންގެ މައްޗަށް މައްސަލަ ވަނީ ފައިލްކޮށްފައި،" ސީބީއައިގެ އޮފިޝަލް އާރު.ކޭ ގައުރު އޭއެފްފީ އަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އިންޑިއާގެ ބޮޑެތި ހުރިހާ ސިޓީތަކެއް އެއާ އޭޝިއާ އޮފީސްތައް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
އެއާ އޭޝިއާގެ އިންޑިއާގެ ސަބްސިޑަރީގެ ޑިރެކްޓަރު ޝުވާ މަންޑާލް ވިދާޅުވީ އެ ކުންފުނިން އެއްވެސް ގޯހެއް ހަދާފައި ނުވާނެ ކަމަށެވެ. އެއާ އޭޝިއާގެ އިންޑިއާގެ ސީއީއޯ މި މަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.