ޓޫރިޒަމް ދާއިރާއިން މީހުން ތަމްރީނުކުރަން ފަސް ކޯހަކުން 600 ފުރުސަތު، މޯލްޑިވްސް ޕޮލިޓެކްނިކުން ހުޅުވާލައިފި އެވެ.

ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯސްތަކުން ތަމްރީނުވުމުގެ ފުރުސަތަށް އެދުމަށް އަންނަ ބުދަ ދުވަހާ ހަމައަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. ވެބްސައިޓު ނުވަތަ [email protected] އަށް މެއިލް ކޮށްގެން ވެސް އެ ފޯމުތައް ހުށަހެޅޭނެ އެވެ.

ޕޮލިޓެކްނިކް އިން މިފަހަރު ހުޅުވާލީ ޕޭސްޓްރީ އެންޑް ބޭކަރީ، ފުޑް ޕްރެޕަރޭޝަން، ފުޑް އެންޑް ބެވަރޭޖް ސާވިސަސް ޕާސަނަލް، ފްރޮންޓް އޮފިސް އަދި ރޫމް އެޓެންޑެންޓު ކޯހެވެ.

އެ އިދާރާގެ ސީއީއޯ އަހުމަދު ނާސިރު "މިހާރު" އަށް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ގިނަ ބައެއްގެ ވަޒީފާ ގެއްލުމާއި ނޯޕޭގައި ވެސް ގިނަ ބަޔަކު ތިބުމުން، އެ މީހުން ތަމްރީނުކުރަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެހެންވެ ޓޫރިޒަމް ދާއިރާ އަލުން ހުޅުވާލަން ތައްޔާރުވަމުން އަންނައިރު، އެ ދާއިރާ އަށް ގިނަ ބަޔަކު ތަމްރީނުކުރަން ނިންމީ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތަމްރީނު ލިބިފައި ހުރި މީހުން ނުލިބޭ ކަމުގެ ޝަކުވާތައް، ވަޒީފާ ދޭ ފަރާތްތަކުން ކުރާ ކަމަށެވެ. އެ މީހުން ތަމްރީނުކޮށް، ވަޒީފާ ލިބޭކަން ކަށަވަރުކުރުމަކީ އެ އިދާރާއިން އިސްކަންދޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ ވަޒީފާއަށް ފުރިހަމައަށް ތަމްރީނުކޮށްދިނުން،" ނާސިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކޯސްތަކުގައި ދޮޅުމަސް ދުވަހު ކިޔެވުމަށް ފަހު އިންޑަސްޓްރީގައި 3-4 މަސް ވަންދެން އަމަލީ ތަޖުރިބާ ހޯދަންޖެހޭނެ އެވެ. މިހާރު ހުޅުވާލާފައިވާ ކޯސްތަކުން 600 ދަރިވަރުންނަށް ފުރުސަތު ދެވޭނެ ކަމަށާއި އެއަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލި ކަމުގައި ވިއަސް އެ ފުރުސަތު ހޯދައިދިނުމަކީ އަމާޒެއް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕްރޮގްރާމްތައް ރާވާފައިވަނީ ދެ ގޮތަކަށް ކަމަށެވެ. ފުރަތަމަ ގޮތަކީ، އޮންލައިންކޮށް ތިއަރީ ބައި ގެންދިއުމެވެ. އެ ބައި ދޮޅު މަސް ދުވަހަށް ގެންދާނެވެ. ދެ ވަނަ ބައި ހާއްސަކޮށްފައިވަނީ ވަޒީފާއިން ކަނޑާލާފައިވާ، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރުމުގެ ތަޖުރިބާ ހުރި މީހުންނަށެވެ.

ނަސީރު ވިދާޅުވީ އެ މީހުންނަކީ ޓޫރިޒަމް ދާއިރާގެ ތަޖުރިބާ ހުރި މީހުންނަށް ވުމުން އެ ފުރުސަތުގައި އޮފާކުރަނީ އޮންލައިންކޮށް ކިޔެވުމަށެވެ.

ޕޮލިޓެކްނިކުގައި މިހާރު ވެސް ސެޓްފިކެޓް ލެވެލް އިން ފެށިގެން ޑިޕްލޮމާއާ ހަމައަށް 115 ކޯހެއް ހިންގަ އެވެ.