މާ ގިނައިރު އިށީނދެ އިނުމަކީ ހަށިގަނޑުން މުސްކުޅި ކަމުގެ އަލާމާތްތައް ފެނުން އަވަސްވާ ކަމެއްކަން އާ ދިރާސާއަކުން ހާމަވެއްޖެ އެވެ.

އުމުރުން ދުވަސްވީ ދޮޅު ހާސް އަންހެނަކު ބައިވެރިކޮށްގެން ކުރި މި ދިރާސާއިން އެނގުނު ގޮތުގައި ދުވަހުގެ ގިނަ ވަގުތު އިށީނދެ ތިބޭ އަދި މަދުން ކަސްރަތުކުރާ މީހުންގެ ހަށިގަނޑުގައި ހުންނަ ސެލްތަކުގެ އުމުރު ބަޔޮލޮޖިކަލް ގޮތުން ބަލާއިރު އެ މީހެއްގެ އަސްލު އުމުރަށް ވުރެ އަށް އަހަރު ދޮއްޓެވެ.

"މި ދިރާސާއިން އެނގުނީ ގިނައިރު އިށީނދެ ތިބޭ މީހުންގެ ސެލްތައް އަވަހަށް މުސްކުޅިވާކަން. މީހާގެ އަސްލު އުމުރާ ބަޔޮލޮޖިކަލް އުމުރާ ކޮންމެ ފަހަރަކު ދިމައެއް ނުވާނެ،" ދިރާސާގައި އިސްކޮށް ހުންނެވި، ޔުނިވަސިޓީ އޮފް ކެލިފޯނިއާގެ ސެން ޑިއޭގޯ ސްކޫލް އޮފް މެޑިސިންގެ ތަޖުރިބާކާރެއް ކަމަށްވާ އަލާއްދީން ޝަދީއާބް ވިދާޅުވި އެވެ.

މި ދިރާސާގައި ބައިވެރިކޮށްފައި ވަނީ އުމުރުން 64-95 އަހަރާ ދެމެދުގެ އަންހެނުންނެވެ. އަދި މި މީހުންގެ ހަރަކާތްތެރިކަމުގެ މިންވަރު ބެލުމަށް ޑިވައިސްއެއް އެޅުވި އެވެ.

ކަސްރަތު ލިބޭ މިންވަރު މަދުވުމުން، އުމުރުން ދުވަސްވުމުގެ އަލާމާތްތައް އަވަހަށް ފެންނަން ފަށާ ސަބަބު ހޯދުމަށް މި ދިރާސާގައި މަސައްކަތެއް ނުކުރެ އެވެ. އެކަމަކު މިއީ ގުޅުން ހުރި ދެ ކަންތައްކަން ދިރާސާއިން ހާމަވި އެވެ.

"ހަރަކާތްތެރިވެ އުޅުމަކީ ކޮންމެ އުމުރެއްގައި ވެސް ކޮންމެ ދުވަހަކު ވެސް ކުރަންޖެހޭނެ ކަމެއް. އުމުރުން 80 އަހަރުގައި ވެސް ކަސްރަތު ލިބެން ޖެހޭނެ،" އަލާއްދީން ވިދާޅުވި އެވެ.

މި ދިރާސާ އެމެރިކަން ޖާނަލް އޮފް އެޕިޑެމިއޮލޮޖީގެ، މި މަހުގެ 18 ވަނަ ދުވަހުގެ އަދަދުގައި ވަނީ ޝާއިއުކޮށްފަ އެވެ.