އުމުރުން ދުވަސްވުމުން ހަށިގަނޑުން ފެންނަ އަލާމާތްތައް ކަސްރަތުން ލަސްކޮށްދޭ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ބްރިގަމް ޔަންގް ޔުނިވަސިޓީގެ ދިރާސާއިން ދެއްކި ގޮތުގައި، އާދަކޮށް، ވަރުގަދަޔަށް ކަސްރަތުކުރާ މީހުންގެ ހަށިގަނޑުގައި، ބަޔޮލޮޖިކަލް ގޮތުން ދުވަސްވުމުގެ އަލާމާތްތައް ހުންނަ މިންވަރު އެވްރެގް ގޮތެއްގައި ކަސްރަތުކުރާ މީހުންގެ ހަށިގަނޑުގައި ހުންނަ ވަރަށް ވުރެ ކުޑަ އެވެ.
"މީހެއްގެ އުމުރުން 40 އަހަރު ވުމުން އޭގެ މާނަޔަކީ ބަޔޮލޮޖިކަލް ގޮތުން އެ މީހަކަށް 40 އަހަރު ވުމެއް ނޫން،" އެކްސަސައިޒް ސައިންސް ޕްރޮފެސަރު ލޭރީ ޓަކާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އުމުރުން ވީ ދުވަހަށް ވުރެ ބައެއް މީހުންގެ ހަށިގަނޑު ޒުވާންކޮށް ހުންނަ ކަމަށެވެ. ގިނައިން ކަސްރަތުކުރި ވަރަކަށް އެ މީހެއްގެ ބަޔޮލޮޖިކަލް އުމުރު ހަގުވާނެ ކަމަށް ޕްރޮފެސަރު ވިދާޅުވި އެވެ.
އުމުރުން ދުވަސްވުމުގެ އަލާމާތްތައް ފެނުމާ ގުޅިފައި ވަނީ ޑީއެންއޭ ޕްރޮޓީނެއް ކަމަށްވާ ޓެލޮމިއާސް އެވެ. ހަށިގަނޑުގައި ސެލްތައް އުފެދި އިތުރުވާ ކޮންމެ ފަހަރަކު މި ޕްރޮޓީންގެ ސައިޒު ކުޑަވެ އެވެ. އެހެން ވުމުން އުމުރުން ދުވަސްވުމުގެ އަލާމާތްތައް ފެނެ އެވެ. އެކަަމަކު ކަސްރަތުކުރާ ނަމަ މި ޕްރޮޓީންގެ ސައިޒު ކުޑަވުން ލަސްކޮށްދެ އެވެ. ނަތީޖާއަކަށް ވަނީ ޒުވާންކަމުގެ އަސަރު ގިނަ ދުވަހަށް ހިފެހެއްޓުމެވެ.
ދިރާސާއިން ދެއްކި ގޮތުގައި އާދަވެ ކަސްރަތުކުރާ މީހުންގެ ޓެލޮމިއާސްގެ ބަޔޮލޮޖިކަލް އުމުރު، ކަސްރަތު ނުކުރާ މީހުންނަށް ވުރެ ނުވަ އަހަރު ޒުވާނެވެ. އަދި އެވްރެޖް ގޮތެއްގައި ކަސްރަތުކުރާ މީހުންނަށް ވުރެ ހަތް އަހަރު ޒުވާނެވެ.
ސައިޒު ކުރު ނުވަތަ ކުޑަ ޓެލޮމިއާސް ފެންނަން ހުރީ ހަރަކާތްތެރިކަން ކުޑަ މީހުންގެ ހަށިގަނޑުންނެވެ.
ޒުވާންކަމުގެ ސިފަ ގިނަ ދުވަހަށް ދަމަހައްޓަން ބޭނުންވާ އެކަށީގެންވާ ކަސްރަތަކީ ކޮބައިކަން ވެސް ދިރާސާގައި ބުނެފައިވެ އެވެ. އެގޮތުން، އަންހެނަކު ނަމަ ހަފުތާއަކު މަދުވެގެން ފަސް ދުވަހު، ކޮންމެ ދުވަހަކު 30 މިނެޓް ކާޑިއޮވަސްކިއުލާ ކަސްރަތުކުރުމަށް ލަފާ ދީފައިވެ އެވެ. ފިރިހެނުންނަށް 40 މިނެޓެވެ.