ރަޝިއާގެ ފުރަތަަމަ ޑިވިޝަނުގައި ކުރިން ވާދަކުރި އަންޒީ މަކަޗްކާލާ އިން ކެރިއަރު ފަށައި، ރަޝިއާގެ ޕްރިމިއާ ލީގުގައި ވެސް ކުޅެފައިވާ އަފްގާނިސްތާން ގައުމީ ޓީމުގެ ޑިފެންޑަރު ޝާރިފް މުހައްމަދު ރާއްޖޭގެ މާޒިޔާ އަށް ސޮއިކޮށްފި އެވެ.

އުމުރުން 29 އަހަރުގެ މުހައްމަދަކީ މި ސީޒަނުގައި މާޒިޔާ އަށް ގެނައި ތިން ވަނަ ބިދޭސީ ކުޅުންތެރިޔާ އެވެ. އެ ޓީމުގައި މި ވަގުތު އަފްގާނިސްތާން ގައުމީ ޓީމުގެ ގޯލްކީޕަރު އޮވޭސް އަޒީޒީގެ އިތުރުން ސެއިން ވިންސެންޓް ގައުމީ ޓީމުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ވެސް ހިމެނެ އެވެ.

މާޒިޔާ އިން ތަޖުރިބާކާރު ޑިފެންޑަރެއް މި ގެނައީ އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުންނެވެ. މާޒިޔާ އިން އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ދެ ވަނަ ބުރުގައި ކުޅޭނީ ބަންގްލަދޭޝް ޕްރިމިއާ ލީގުގެ ރަނަރަޕް އަބަހާނީ ލިމިޓެޑް ޑާކާއާ އެވެ. އަންނަ އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހު ޑާކާގައި އަދި 12 ވަނަ ދުވަހު މާލޭގައި ކުޅޭ ދެ ލެގުން ކުރި ލިބިއްޖެ ނަމަ މާޒިޔާ އަށް ޕްލޭއޮފުން ފުރުސަތު ލިބޭނެ އެވެ. ޕްލޭއޮފުގައި މާޒިޔާ ވާދަކުރަން ޖެހުމުގެ ފުރުސަތު ބޮޑީ އިންޑިއަން ސުޕަ ލީގުގެ ޗެމްޕިއަން ބެންގަލޫރު އެފްސީއާ އެވެ.

ރަޝިއާ ޕްރިމިއާ ލީގުގައި 2010 ވަނަ އަހަރު ޒުވާން އުމުރުގައި ކުޅުނު މުހައްމަދަކީ ޑިފެންސްގެ ކޮންމެ މަގާމަކަށް ވެސް ކުޅެވޭ ކުޅުންތެރިޔެކެވެ. މުހައްމަދު، އަންޒީ އަށް ކުޅުނު ދުވަސްވަރުގައި އެ ޓީމަށް ވަނީ މަޝްހޫރު ކޯޗު ގޫސް ހިޑިންކް ވެސް އިރުޝާދު ދީފަ އެވެ. އަދި އެ މުއްދަތުގައި އެ ޓީމަށް މަޝްހޫރު ބައެއް ކުޅުންތެރިން ވެސް ކުޅުނެވެ. އޭގެ ތެރޭގައި ބާސެލޯނާގެ ކުރީގެ ފޯވާޑް ސެމުއެލް އެޓޫ ވެސް ހިމެނެ އެވެ. އެ މުއްދަތުގައި އެ ޓީމު ވަނީ ޔޫރޮޕާ ލީގުގައި ވެސް ކުޅެފަ އެވެ.

ގަތަރާ ދެކޮޅަށް އަފްގާނިސްތާން ކުޅުނު މެޗުގެ ތެރެއިން މުހައްމަދު (ކ) ބޯޅަ ހިފައިގެން. -- ފޮޓޯ: ގެޓީއިމޭޖަސް
ގަތަރާ ދެކޮޅަށް އަފްގާނިސްތާން ކުޅުނު މެޗުގެ ތެރެއިން މުހައްމަދު (ކ) ބޯޅަ ހިފައިގެން. -- ފޮޓޯ: ގެޓީއިމޭޖަސް

ސްވިޑަން އާއި ސައިޕްރަސް ޓީމުތަކަށް ފަހުން ކުޅުނު މުހައްމަދު އެންމެ ފުރަތަމަ އަފްގާނިސްތާން ގައުމީ ޓީމަށް ކުޅުނީ 2015 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ޖަޕާނާ ދެކޮޅަށެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 13 މެޗުން ދެ ގޯލު ޖަހައިދީފަ އެވެ. ގައުމީ ޓީމަށް އޭނާ ޖަހައިދިން ދެ ގޯލަކީ ސިންގަޕޫރާއި ތުރުކުމެނިސްތާން ކޮޅަށް ޖެހި ދެ ގޯލެވެ.

މާޒިޔާ އަށް މުހައްމަދުގެ ކުޅުން ފާހަގަވީ އެންމެ ފަހުން އަފްގާނިސްތާނުން ވޯލްޑް ކަޕް ކޮލިފައިންގައި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. މާޒިޔާގެ އެއް ވަނަ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) މި ވަގުތު ހުރީ އަނިޔާގަ އެވެ. މާޒިޔާ އިން ސެންޓްރަލް ޑިފެންޑަރުންގެ ގޮތުގައި މި ސީޒަނުގައި ބޭނުންކުރަނީ ސަމުއްޓެގެ އިތުރުން އަބްދުﷲ ހަނީފް (ބެންޖޯ) އާއި އަހުމަދު އަބްދުﷲ (ލިލީ) އަދި އަމްދާން އަލީ (އެންޑީ) އެވެ.

މި ފަަހަރުގެ ލީގުގައި މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީގެ ކޯޗުކަމުގައި ކުޅެމުން އަންނަ މާޒިޔާ ލީގުގެ އެއް ވަނައިގައި އޮތީ 11 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. މާޒިޔާ އަށް 13 މެޗުން ވަނީ 32 ޕޮއިންޓް ލިބިފަ އެވެ. މާޒިޔާ އަށް ކުރިއަށް އޮތީ ވިކްޓްރީ މެޗެވެ. މާލީ މައްސަލަތަކާއި ކްލަބް ލައިސަންސިންގެ ކަންތައްތައް ފުރިހަމަނުވެ އޮތުމުން ވިކްޓްރީ ސަސްޕެންޑްކޮށްފައިވާއިރު، އެ ޓީމާ ދެކޮޅަށް ކުޅެން އޮތް ހުރިހާ ޓީމުތަކަށް ވަނީ ޕޮއިންޓް ލިބިފަ އެވެ.