ޑެންމާކުގެ އެކި ޑިވިޝަނުތަކުގައި ކުޅެފައިވާ އަފްގާނިސްތާން ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު އޮވޭސް އަޒީޒީ ކުރިއަށް އޮތް ސީޒަނުގައި މާޒިޔާ އަށް ކުޅެން ސޮއިކޮށްފި އެވެ.
އުމުރުން 27 އަހަރުގެ އަޒީޒީ އަކީ ކުރިއަށް އޮތް ސީޒަނަށް މާޒިޔާ އަށް ގުޅުނު ބިދޭސީ ފުރަތަމަ ކުޅުންތެރިޔާ އެވެ. ސީޒަން ފަށާއިރު މާޒިޔާއާ ދެ ބިދޭސީ ކުޅުންތެރިން ގުޅޭނެ ކަމަށް މީގެ ކުރިން އެ ޓީމުން ވަނީ މައުލޫމާތު ދީފަ އެވެ. މީގެ ކުރިން ނިއު ރޭޑިއަންޓަށް މޮޅު ކުޅުމެއް ދެއްކި ބިދޭސީ ޑިފެންޑަރު ކިންގްސްލީ ވަނީ މާޒިޔާގެ ޓްރަޔަލްގައި ބައިވެރިވެފަ އެވެ.
ޒުވާން އުމުރުގައި ރެފިއުޖީއެއްގެ ގޮތުގައި ޑެންމާކަށް ބަދަލުވުމަށް ފަހު އަޒީޒީ ވަނީ ޔޫތު ލެވެލްގައި ޑެންމާކުގެ އެކި ޓީމުތަކަށް ކުޅެފަ އެވެ. އޭނާ ކެރިއަރު ފެށީ 2009 ވަނަ އަހަރު ޑެންމާކުގެ ސްޓޭޓް ލީގު ޓީމެއް ކަމަށްވާ އެލެގޯރް އިންނެވެ. އޭގެ ފަހުން އޭނާ ވަނީ ޑެންމާކުގެ ދެ ވަނަ އަދި ތިން ވަނަ ޑިވިޝަނުގެ ޓީމުތަކަށް ކުޅެފަ އެވެ. އެ ޓީމުތަކަކީ ޝްކޮލް ބިއެގެކާ، ބީކޭ އަވާޓާ، ބޯލްކްލޫބެން 1908 އަދި ކަސްޓެރަޕް ބޯލްކުލް އެވެ.
އަފްގާނިސްތާން ގައުމީ ޓީމަށް އަޒީޒީ ފުރަތަމަ ކުޅުނީ 2015 ވަނަ އަހަރު ތައިލެންޑް އަތުން 2-0 އިން ބަލިވި މެޗުގަ އެވެ. އަޒީޒީ އަށް އަފްގާނިސްތާން ގައުމީ ޓީމުން ފުރުސަތު ދޭން ނިންމީ މިހާރު ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗަކަށް ހުރި އޭރު އަފްގާނިސްތާންގެ ކޯޗު ޕީޓަ ސެގާޓް އެވެ. އިންޑިއާގައި 2015 ވަނަ އަހަރު އޮތް ސާފް ސުޒުކީ ކަޕްގައި ކުޅުނު އަޒީޒީ ވަނީ ވޯލްޑް ކަޕް ކޮލިފައިން އާއި އޭޝިއަން ކަޕް ކޮލިފައިންގެ ވަރުގަދަ މެޗުތަކުގައި އަފްގާނިސްތާންގެ ގޯލު ބަލަހައްޓައިފަ އެވެ.
މާޒިޔާ އިން މިދިޔަ ސީޒަން ފެށީ އިޓަލީގެ އެކި ޑިވިޝަންތަކުގައި ކުޅުނު ގޯލްކީޕަރު މައުރޯ ބޮއެޗިއޯއާ އެކު އެވެ. މާޒިޔާ އިން މައުރޯ ދޫކޮށްލީ އޭނާއާ މަޝްވަރާކުރުމަށް ފަހު ދެ ފަރާތުގެ މެދުގައި ވެވުނު އެއްބަސްވުން އުވާލުވުމަށް ފަހު އެވެ. އެނގިފައިވާ ގޮތުގައި މައުރޯ ދޫކޮށްލަން މާޒިޔާ އިން ބޭނުންވި އެއް ސަބަބަކީ އޭނާގެ އަހުލާގީ މައްސަލަތަކެެވެ. މާޒިޔާ އަށް އޭނާ ކުޅުނު ފަހު މެޗުތަކުގައި ވަރަށް ބޮޑަށް އޭނާގެ ފަރާތުން އެ ފަދަ މައްސަލަތަކެއް ފެނުނެވެ.
މިދިޔަ ސީޒަނުގެ މާލޭ ލީގުގެ ފަހު މެޗުތަކާއި ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާގެ ގޯލު ބެލެހެއްޓީ ގައުމީ ޓީމުގެ ޒުވާން ކީޕަރު ހުސެއިން ޝަރީފް (ހުސެން) އެވެ.
މީގެ ކުރިން ވެސް މާޒިޔާގެ ގޯލު އެކި ގައުމުތަކުގެ ގައުމީ ޓީމުގެ ގޯލްކީޕަރުން ވަނީ ބަލަހައްޓައިފަ އެވެ. އެ ގޮތުން ކިރްގިސްތާންގެ ގައުމީ ޓީމުގެ ކީޕަރު ޕަވެލް މަޓިއަޝް އާއި ސީރިއާގެ ގައުމީ ޓީމަށް ކުޅުނު މަހުމޫދު އަލްޔޫސުފް ވެސް ވަނީ މާޒިޔާ އަށް ކުޅެފަ އެވެ.
އަންނަ މަހު ހަތް ވަނަ ދުވަހު ފަށާ ފުޓްބޯޅަ ސީޒަނަށް އެންމެ ކުރިން ޕްރެކްޓިސް ފެށި ޓީމަކީ މާޒިޔާ އެވެ. މި ސީޒަނުގައި މާޒިޔާ އަށް އިރުޝާދުދޭނީ 2017 ވަނަ އަހަރު އެ ޓީމަށް ކޯޗުކޮށްދިން އެ ކްލަބްގެ ފުރަތަމަ ބިދޭސީ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ އެވެ. މާޒިޔާ އިން ވަނީ އދ. މަހިބަދޫގައި ޕްރީ ސީޒަން ޓުއާއެއް ފުރިހަމަކޮށްފަ އެވެ. އަދި ސީޒަން ފެށުމުގެ ކުރިން އެފްއޭއެމްގެ އެހީގައި ރާއްޖޭން ބޭރުގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.