ރޯދަ މަހަށް ކޮންމެ ގޭބިސީއަކަށް ހަނޑުލާއި ފުށް ބަހަން ނިންމާފައިވާއިރު, ރަޖިސްޓްރީ ނުވިޔަސް އެތަކެތި ލިބޭނެ ގޮތް ހަދައިދެއްވާނެ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.
ރޯދަ މަހަށް ކޮންމެ ގެއަކަށް ހަނޑުލާއި ފުށް ބެހުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެއާ އެއްގޮތަށް މާލޭ ސަރަހައްދުން އެތަކެތި ބޭނުންވާ ގޭބިސީތަކުން ރަޖިސްޓްރީވާން އަންނަ ހަފްތާގައި ހުޅުވާލާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނުމުން، ގިނަ ބަޔަކު ވަނީ ރަޖިސްޓްރީވާން ޖެހޭތީ ކަންބޮޑުވެފަ އެވެ.
ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ ރަޖިސްޓްރީ ނުވެ އެ ތަކެތި މާލޭ ސަރަހައްދުގެ ގޭބިސީތަކަށް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން ވަނީ އިއްޔެ އެކަމާ ގުޅޭ އިއުލާނެއް ވެސް ކޮށްފަ އެވެ. އެ އިއުލާނުގައި ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށް ބަހަން ހަމަޖައްސާފައިވާ ކަމަށެވެ. މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ގޭބިސީތަކުގައި އުޅޭ މީހުން، މި މަހުގެ 25 ގެ ކުރިން ނަންނޯޓު ކުރުމަށް ވެސް އިއުލާނުގައި އެދިފައިވެ އެވެ. އެކަމަކު އެ އިއުލާނު އިއްޔެ ވަނީ ބާތިލުކޮށްފަ އެވެ.
ކައުންސިލުން "މިހާރު" އަށް ބުނިގޮތުގައި އިއުލާން ބާތިލުކުރީ ހަނޑުލާއި ފުށް ބޭނުންވާ މީހުން ނަން ނޯޓު ކުރަން ހާއްސަ ޕޯޓަލެއް ހަދާތީ އެވެ. ރަޖިސްޓްރީކުރަން އަންނަ ހޯމަ ދުވަހު އަނެއްކާވެސް ހުޅުވާލާނެ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.