ޕެންޑްރައިވްގެ ކަންތައް އެންމެ ރަނގަޅަށް އެނގޭނީ ސުވާލުކުރި މީހާ އާއި ޖަވާބު ދޭން ހުރި މީހާއަށްކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރައްދު ދެއްވައިފި އެވެ.

ޔާމީން އިސްވެ ހުންނަވައި އުފައްދަވާފައިވާ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާއެއްގައި، އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝަމްނާޒް ސަލީމް ހައްޔަރުކުރި މައްސަލައާ ގުޅުވައި ހުސެން ވަހީދު ޕޯޑިއަމްގައި ހުންނަވައި އެކި ތުހުމަތުތައް ކުރެއްވި އެވެ. އަދި ޖަލްސާގައި ބައިވެރިއެއްގެ ގޮތުގައި އިންނަވައިގެން ޔާމީން ވަނީ ހުސެން ވަހީދާ ސުވާލުކުރައްވައިފަ އެވެ.

"އެހެންވީމާ ފަހަރުގައި ވެދާނެތޯ ޝަމްނާޒް އެހާ ކައިރިން މަސައްކަތްކުރި މީހެއް ވީމާ އޭރު ހިނގާފައި ހުރި ހުރިހާ ކޮރަޕްޝަނުގެ މައްސަލަތަކުގެ ޕެންޑްރައިވެއް މީނާ އަތުގައި އޮތީމަ އޭނާގެ ގެ ރެއިޑް ކުރުމުގެ ފުރުސަތެއް ހޯދީ ކަމަށް،" ރައީސް މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރާ ގުޅުވައި ޔާމީން ސުވާލުކުރެއްވި އެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ''އެ ޕެންޑްރައިވް''ގެ ޝިކާރައަކަށްވީ މީހުން މިއަދު ވެސް ދުނިޔޭގައި އެބަތިބި ކަމަށެވެ. އެކަމަކު އެ ޓްވީޓްގައި އެއްވެސް މީހެއްގެ ނަމެއް އަބްދުއްރަހީމް ވިދާޅެއް ނުވެ އެވެ.

ނަމަވެސް ޔާމީންގެ ވެރިކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ އެޕާޓްމަންޓުން ފިސްތޯލައަކާއި ޕެންޑްރައިވެއް ފެނުނު ކަމަށް ބުނެ އެކަމާ ގުޅުވައި ބޮޑެތި ތުހުމަތުތަކެއް ކުރި އެވެ. އަދި އެ މައްސަލައިގައި ނާޒިމް ވަޒީރުކަމުން ވެސް ވަކިކުރި އެވެ.

މީގެ އިތުރުން ވެސް ޕެންޑްރައިވުން ފެނުނު ކަމަށް ބުނާ މައުލޫމާތާ ގުޅުވައި ސިޔާސީ އެކި ބޭފުޅުންނަށް ތުހުމަތުކޮށް ހުސެން ވަހީދުގެ ސީޕީ ކަމުގައި މައްސަލަތައް ބަލާފައިވެ އެވެ.