ޕީޕީއެމަށް ދިރުން ލިބެން ބޭނުންވި ނަމަ، ވަގުތު އޮއްވައި ޕީޕީއެމް އިން ރިޔާސީ ކެނޑިޑޭޓަކު ދައްކަން އިރުޝާދު ނުދެއްވީ ކީއްވެގެންކަމާ މެދު ސުވާލު އުފައްދައި ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރައްދު ދެއްވައިފި އެވެ.

ޕީޕީއެމްއަށް މިހާރުގެ ލީޑަޝިޕުން އެއްވެސް ސަމާލުކަމެއް ނުދޭ ކަމަށް ޔާމީން ވިދާޅުވުމުން، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ގެންދަވަނީ ޔާމީނަށް ރައްދު ދެއްވަމުންނެވެ. އެ ވާހަކަތަކަށް ޔާމީން ވެސް ރޭ ވަނީ ރައްދު ދެއްވައިފަ އެވެ.

އަބްދުއްރަހީމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޔާމީނަށް ދެ ސުވާލެއް އަމާޒު ކުރެއްވި އެވެ.

ފުރަތަމަ ސުވާލަކީ ޕީއެންސީން ރިޔާސީ ކެނޑިޑޭޓަކު ދައްކަން އެންގެވި އެންގެވުމަކީ އިހްލާސްތެރި ނިޔަތެއް އޮވެގެން އެންގެވި އެންގެވުމެއް ނަމަ ސްޕްރީމް ކޯޓްގެ ހުކުމާ ގުޅިގެން ޕީޕީއެމް/ޕީއެންސީ އިން ރިޔާސީ އިންތިހާބް ބޮއިކަޓްކުރަން އެންގެވުމުގެ ބޭނުމަކީ ކޮބައިތޯ އެވެ.

ދެވަނަ އަށް އަބްދުއްރަހީމް ކުރެއްވި ސުވާލަކީ ޕީޕީއެމް އަށް ދިރުން ލިބެން ބޭނުންވި ނަމަ ވަގުތު އޮއްވާ ޕީޕީއެމް އިން ރިޔާސީ ކެނޑިޑޭޓަކު ދައްކަން އިރުޝާދު ނުދެއްވީ ކީއްވެގެންތޯ އެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ މަގުމަތިކުރަން ޔާމީން އުޅުއްވި ވާހަކަ ދައްކަން ޖެހުނީ ރައްޔިތުންނަށް ކަން ހިނގައި ދިޔަ ގޮތް އޮޅުން ފިލުވައިދޭން ކަމަށެވެ.

އަބްދުއްރަހީމް މިއަދު ކުރެއްވި ސުވާލުތަކުގައިވާ ކަންކަމާ ގުޅޭ ގޮތުން ޔާމީން ރޭ ވާހަކަ ދެެއްކެވި އެވެ.

ޔާމީން ވިދާޅުވީ ޕީޕީއެމްގެ ބަދަލުގައި ޕީއެންސީ އިން ކެންޑިޑޭޓެއް ނެރެން ނިންމެވި ސަބަބަކީ ވެސް ޕީޕީއެމްގެ އެހެން ކެންޑިޑޭޓެއް ހުރެއްޖެ ނަމަ އެ މަނިކުފާނުގެ މައްސަލަ ނިންމާލަން ސުޕްރީމް ކޯޓަށް މާ ފަސޭހަވާނެތީ ކަމަށެވެ.

"އޭރަށް ބަހުސެއް ނެތި އަޅުގަނޑަކީ ރިޔާސީ ކެންޑިޑޭޓަކަށް ނުވޭ. އެހެންވެ އަޅުގަނޑު މި ބޭފުޅުންނަށް ނޯޓަކުން ދެންނެވީ މިހެން ވެދާނެއޭ، އެންމެ ދުވަހެއް ވެސް ނުލިބިދާނެއޭ. އެހެންވެ އެ އަށް ޖެހޭނެއޭ ތައްޔާރުވެ ތިބެން. އެހެންވީމާ ޕީއެންސީގެ ބޭފުޅުންނަށް ދަންނަވާށޭ، ޕީޕީއެމް އިން ބަދަލުވާން ބޭނުންވާ ލީޑަރަކު ޕީއެންސީ އަށް ބަދަލުވެފައި ޕީއެންސީގެ ތެރޭގައި އިންތިހާބެއް ބާއްވައި ކެންޑިޑޭޓަކު ދައްކާށޭ،" ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ އެ ނޯޓާ އެކު، ޕީއެންސީ ސެނެޓުން އިންތިހާބަކަށް ހުޅުވާލުމުން، ޕީޕީއެމްގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް ފަހު، ވާދަކުރައްވައި ކާމިޔާބު ކުރެއްވީ ޕީއެންސީއާ ގުޅިވަޑައިގެންނެވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ޔާމީން ވިދާޅުވީ އެ މަނިކުފާނަށް ވާދަ ނުކުރެއްވޭ އިންތިހާބެއް ބޮއިކޮޓް ކުރާނެ ކަމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ގޮވަމުން ދިޔައީ ޕީޕީއެމް ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން ކަމަށާއި މަގުމައްޗަށް ނުކުމެގެން ވެސް ޔާމީނަށް ވާދަ ނުކުރެވޭ އިންތިހާބެއް ހުއްޓުވާނެ ކަމަށް ގޮވަމުން ދިޔައީ ހަމަ އެ ބޭފުޅުން ކަމަށެވެ. އެހެންވެ، އިންތިހާބު ބޮއިކޮޓް ކުރަން އެދި ނޯޓެއް ފޮނުއްވީ ހިޔާލަކަށް ކަމަށް ވިދާޅުވި އެވެ.

އިންތިހާބު ބޮއިކޮޓް ކުރުމާއި މަގުމަތީގެ ހަރަކާތްތައް ވަރުގަދަކޮށްގެން ސުޕްރީމް ކޯޓަށް މައްސަލަ ރިވިއުއަށް ހުށަހަޅަން ބޭނުންފުޅުވި ކަމަށް ޔާމީން ވިދާޅުވި އެވެ.