ފުލުހުންގެ ޚިދުމަތުގައި 20 އަހަރަށް ފަހު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް މިއަދު ރިޓަޔާކުރައްވައިފި އެވެ.
ފައިރޫޝް ފުލުހުންގެ މުއައްސަސާގައި ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރަން ރަސްމިއްޔާތެއް ބާއްވައި، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ފައިރޫޝް ވަނީ ޚިދުމަތުގެ އެކި ދާއިރާތަކުން ކުލަ އާއި މެޑަލް ހާސިލްކުރައްވައިފަ އެވެ. އޭގެތެރޭގައި، އަޚުލާގީ ކުލަ އާއި މެޑައްޔާއި އިޚްލާސްތެރި ޚިދުމަތާއި ހުނަރުވެރިކަމާއި ކާމިޔާބާއި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ކުލަ އާއި މެޑަލް ވެސް ހިމެނެ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޕީއެޗްޑީ ހާސިލްކުރެއްވި ފައިރޫޝް އެންމެ ފަހުން ހުންނެވީ ރިސޯސް މެނޭޖްމެންޓްގެ ހެޑަކަށެވެ. މިއީ ފުލުހުންގެ ފައިނޭންސާއި އިންސާނީ ވަސީލަތްތަކާއި އިންޖިނިއަރިން އަދި މެކޭނިކަލް ސާވިސް ހިމެނޭ ޑިޕާޓްމެންޓެވެ.
ސަރުކާރާ ބެހޭ ގޮތުން ނުބައި ތަސައްވަރެއް އުފެދޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ 2017 ވަނަ އަހަރު ފައިރޫޝް ފުލުހުންގެ ވަޒީފާއިން ވަކިކުރި އެވެ. އޭރު ފައިރޫޝް ހުންނެވީ ޕީއެޗްޑީ އަށް ކިޔަވައި ވިދާޅުވާން އޮސްޓްރޭލިއާގަ އެވެ.
އަލުން ވަޒީފާ ދިނުމަށް ދައުލަތުން އެއްބަސްވުމުން އެގޮތަށް އަމަލުކުރަން ސިވިލް ކޯޓުން ހުކުމްކޮށް، އަލުން ވަޒީފާ ދިނުމުން ކުރިން ވެސް ހުންނެވި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު ކަމުގެ މަގާމަށް ފައިރޫޝް ހަމަޖެއްސީ 2019ގެ ޖެނުއަރީގަ އެވެ.
ފުލުހުންގެ ޚިދުމަތުން ފައިރޫޝް ވަކިވެވަޑައިގަތްއިރު ފުލުހުންގެ މުއައްސަސާ އިސްލާހުކުރަން ފާސްކުރި ގާނޫނުގެ ދަށުން މި އަހަރު ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ.
ތިން މަސް ފަހުން އަމަލުކުރަން ފަށާގޮތަށް މިދޔަ މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގުކުރައްވާފައިވާ ބިލުގައިވާ ގޮތުން ލާއިންސާނީ އަނިޔާވެރި އަމަލުތަކާއި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ނުވަތަ އެފަދަ މައްސަލައެއް ދައުލަތުގެ އިދާރާތަކާއި ކޮމިޝަންތަކަށް ހުށަހަޅާފައިވާ ފުލުހުންނާ މެދު ގާނޫނަށް އަމަލުކުރަން ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ފިޔަވަޅު އަޅަން ޖެހޭނެ އެވެ. މި ފިޔަވަޅު އަޅަން ޕޮލިސް ކޮމިޝަނަރަށް ލަފާ ދޭނީ، މި ގާނޫނަށް އަމަލުކުރަން ފަށާތާ ދެ ހަފުތާ ތެރޭގައި އެކުލަވާލަން ޖެހޭ ފުލުހުންގެ ބޯޑުންނެވެ.
އާ ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހާ ކަންކަމަކީ ގާނޫނުއަސާސީ އާއި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި އިންސާނީ ހައްގުތަކާއި ކަރާމަތަށް އިހްތިރާމްކުރުމާ އެކު ގާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ޚިދުމަތެއްކަން ކަށަވަރުކުރުން ހިމެނޭ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.