ފުލުހުންގެ ވަޒީފާ އިން ރިޓަޔަކުރެއްވިޔަސް އޭނާގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ވެއްދިކަމުގެ އަޑުތަކާ އެކު، ކުރީގެ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ފައިރޫޝް، އެކަމަށް ޓްވިޓާ މެސެޖަކުން ރައްދު ދެއްވައިފި އެވެ.

މިހާރު އޮސްޓްރޭލިޔާގައި ހުންނެވި ފައިރޫޝް ވިދާޅުވީ "ބޭނުން ދާއިރާއެއް އިހުތިޔާރުކުރުމުގެ މިނިވަންކަން އަހަންނަށް ލިބިފައިވާ" ކަމަށެވެ.

"އެއްވެސް އޮފިޝަލަކަށް އެ ހައްގު ނިގުޅައެއް ނުގަނެވޭނެ އެވެ،" ދެ ޖުމްލައިގެ މެސެޖްގައި އޭނާ ލިއުއްވި އެވެ.

އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރުކަމުން މި މަހު ދޭއްގައި ފައިރޫޝް ރިޓަޔަކުރެއްވީ ފުލުހުންގެ ތެރޭގައި 20 އަހަރު ހިދުމަތްކުރައްވައިފަ އެވެ. އެކަމަކު އޭނާ އެ ނިންމުން ނިންމެވީ، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިހުން ފާސްކޮށް، މިހާރު ތަސްދީގުކޮށްފައިވާ ފުލުހުންނާ ބެހޭ ގާނޫނުގެ ދަށުން، އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅާނެތީ ކަމަށް، އެމްޑީޕީއަށް ނިސްބަތްވާ މީހުން ބުނެ އެވެ.

ފައިރޫޝް އަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ބަދަލުވި ދުވަހު ފުލުހުންގެ ކަންކަމުގައި އިސްކޮށް އުޅުއްވި އޮފިސަރެކެވެ. އަދި އެ ދުވަހު ސަރުކާރާ ދެކޮޅަށް ނުކުތް ފުލުހުންނާއި ސިފައިންގެ އިތުރުން އާންމުންނާ ބައްދަލުކޮށް، ވާހަކަ ވެސް ދެއްކެވި އެވެ. އެއް ވީޑިއޯއެއްގައި އޭނާ ވިދާޅުވަނީ "ރާއްޖޭގައި މިހާރު ހިނގަމުންދާ ހަލަބޮލިކަމާ ގުޅިގެން، ރޭގައި މި ހިނގާ ދިޔަ ހާދިސާތަކަށް ފަހު ފުލުހުންނާއި ސިފައިންނާއި ރައްޔިތުންނާ އެއްބައިވެގެން މި ކުރިއަށް ގެންދިޔަ ޚާއްސަ މަސައްކަތުގެ ނަތީޖާއެއްގެ ފޮނިކަން ވަރަށް ރަނގަޅަށް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އަޅުގަނޑު ޔަގީންކުރަން" ކަމަށެވެ.

އެމްޑީޕީގެ ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންގެ ނަޒަރުގައި ފައިރޫޝް އަކީ "ބާގީއެކެ"ވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް ނަޝީދު ވަނީ ފައިރޫޝްގެ މައްސަލައެއް މަޖިލިހަށް ވައްދަވައިފަ އެވެ.

ރައީސްކަމަށް އަބްދުﷲ ޔާމީން ވަޑައިގެންނެވިތާ މާ ގިނަ ދުވަހެއް ނުވެ، ފައިރޫޝް އޮސްޓްރޭލިޔާއަށް ވަޑައިގެން ޕީއެޗު.ޑީއަށް ކިޔަވާ ވިދާޅުވި އެވެ. އޭނާއަށް ޕީއެޗު.ޑީ ލިބިވަޑައިގަތީ މިދިއަ ސެޕްޓެމްބަރު މަހު އެވެ.

ޑރ. ފައިރޫޝްގެ ހިދުމަތުގެ އަގުވަޒަންކުރައްވައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އޭނާއަށް ޝުކުރު އަދާކުރެއްވުމުން އެމްޑީޕީގެ އިސް ވެރިންގެ ފާޑުކިޔުން އަމާޒުވި އެވެ.

ފުލުުންނާ ބެހޭ އާ ގާނޫނުގެ ދަށުން ފެބްރުއަރީ 7ގެ ހަމަނުޖެހުންތަކުގައި ބައިވެރިވިކަމަށް ފެންނަ ފުލުހުންނާ މެދު ފިޔަވަޅު އެޅުމުގެ ފުރުސަތު ލިބެ އެވެ.