އދ. އޮމަދޫގައި ކުޑަކުއްޖާ މަސްފެންގަނޑަށް ވެއްޓުނީ، އެ ކުއްޖާ ނިންދަވަން އުޅުމުގެ ތެރޭގައި މަންމަ އަށް ނިދިފައި އޮއްވައި ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

އޮމަދޫގެ ގެއެއްގައި ހަދާފައި ހުރި މަސްފެންގަނޑަކަށް ވެއްޓި 11 މަހުގެ ކުއްޖަކު އިއްޔެ ވަނީ މަރުވެފަ އެވެ. މެންދުރު ފަހު 3:30 ހާއިރު ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ކުއްޖާގެ އެއްވެސް ހަރަކާތެއް ނެތެވެ.

ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް ވިދާޅުވީ ދެމަފިރިންގެ ދޮއްޓަށް ހުރި ހަތަރު އަހަރުގެ ފިރިހެން ކުއްޖާ އާއި ހަގަށް ހުރި 11 މަހުގެ ކުއްޖާ ނިންދަވަން ޖައްސާލި ވަގުތު އެ ކުދިންގެ މަންމަ އަށް ވެސް ނިދުނީ ކަމަށެވެ. ހަގަށް ހުރި ކުއްޖާ ތެދުވެގެން ބޭރަށް ނުކުމެ އުޅުނީ އޭގެ ފަހުންނެވެ.

"އެ ގޭގައި އުޅޭ އަންހެން މީހާގެ އެއްބަނޑުއެއްބަފާ ފިރިހެން ކޮއްކޮއެއް މެންދުރު ފަހު ގެއަށް ގޮސް، ކުދިން ފެންނަން ނެތީމަ ކޮޓަރިތަކާ ތަންތަން މި ބެލީ. އެހެން ހޯދަމުން ދަނިކޮށް މަސްފެންގަނޑުގައި ކުޑަ ކުއްޖާ އޮއްވައި މި ފެނުނީ،" އާދިލް ވިދާޅުވި އެވެ.

އެ ކުއްޖާ ފެނުނީ، ދިގުމިނުގައި ފަސް ވަރަކަށް ފޫޓު އަދި ފުންމިނުގައި ފޫޓެއް ހަމަނުވާ މަސްފެންގަނޑަށް ވެއްޓުނުތާ ކިހާ އިރެއް ފަހުން ކަމެއް އަދި ސާފެއް ނުވެ އެވެ.

އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން ރޭ ބުނީ މަސްފެންގަނޑަށް ވެއްޓި ކުއްޖާ މަރުވި ހާދިސާއާ ގުޅިގެން ކަމާގުޅުންހުރި މީހުންގެ ހާލަތު ދެނެގަނެ އެ މީހުންނަށް އިޖުތިމާއީ އަޅާލުން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ފުލުހުން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އާދިލް ވިދާޅުވިގޮތުގައި އޮމަދޫގެ ގިނަ ގޭގައި މަސްފެންގަނޑު ހުންނަ ކަމަށެވެ. އެ ހާދިސާއަށް ފަހު، މަސްފެންގަނޑުތައް ހުރި ހާލަތު ބެލުމަށް މުޅި ރަށް ފާސްކުރުމުގެ ސާވޭއެއް ހަދަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.