އދ. އޮމަދޫގައި 11 މަހުގެ ކުއްޖަކު މަސްފެންގަނޑަކަށް ވެއްޓި މިއަދު މަރުވެއްޖެ އެވެ.
އެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް ވިދާޅުވީ އެ ފިރިހެން ކުއްޖާ މެންދުރު ފަހު 3:30 ހާއިރު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނޭވާނުލާ ކަމަށެވެ. އެހެންވެ، އެ ކުއްޖާ ނޭވާލައްވަން ދެ ގަޑިއިރު ވަންދެން މަސައްކަތްކުރި ކަމަށް އާދިލް ވިދާޅުވި އެވެ.
"ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައި މި ވަނީ،" އާދިލް ވިދާޅުވި އެވެ.
އެ ކުއްޖާ ވެއްޓުނީ ގޭގައި ހަދާފައި ހުރި، ފުންމިނުގައި ފޫޓެއް ވެސް ހަމަނު ފެންގަނޑަކަށް ކަމަށް ކައުންސިލުން ބުންޏެވެ.
ދެމަފިރިންގެ ހުރި ހަމައެކަނި ކުއްޖާ މަސްފެންގަނޑަށް ވެއްޓިފައި އޮއްވައި ފެނުނީ އެ ގޭގައި އުޅޭ އެހެން މީހަކަށެވެ. ނަމަވެސް އެ ހާދިސާ ހިނގިގޮތުގެ ތަފްސީލެއް އަދި ސާފެއްނުވެ އެވެ.
ކުޑަކުދިން މަސްފެންގަނޑަށް ވެއްޓި މީގެ ކުރިން ވެސް ހިތާމަވެރި ހާދިސާތައް ހިނގާފައި ވެ އެވެ.