ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން، ފެމެލީ ޕްރޮޓެކްޝަން އޭޖެންސީ (އެފްޕީއޭ) އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޖިންސީ އަނިޔާތަކުގެ ސަބަބުން ޒިޔާދާ، ޑިސެމްބަރު 28، 2015 ގައި މަރުވި މައްސަލާގައި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް ހަތަރު ދައުވާއެއް އުފުލި އެވެ. ނަމަވެސް އެއިން އެއްވެސް ދައުވާއެއް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފަ އެވެ.

އެ ދައުވާތަކަކީ، ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ.

އެ މައްސަލައިގެ ހުކުމް ކުރިތާ ފަސް ދުވަސް ފަހުން ނެރުނު ބަޔާނުގައި އެފްޕީއޭ އިން ބުނީ، ޝާހުގެ މައްޗަށް ދައުވާ އުފުލީ ސާބިތުކުރެވޭވަރުގެ ހެއްކާއެކު ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ގަބޫލުކުރާއިރު، އޭނާގެ މައްޗަށް އެ ދައުވާތައް ސާބިތުނުވާ ކަމަށް ކޯޓުން ހުކުމް ކޮށްފައި ވާތީ ކަންބޮޑުވާ ކަމަށެވެ. އަދި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އިންސާފު ގާއިމުވާނެ ކަމަށް އުއްމީދުކުރާ ކަމަށް ބުންޏެވެ.

ޒިޔާދާގެ މަރަށް ފަހު ފުލުހުން ބުނީ އޭނާއަށް ޖިންސީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާކޮށްފައިވާ ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި ޕޯސްޓްމޯޓެމް ޕްރިލިމިނަރީ ރިޕޯޓްގައި ޒިޔާދާގެ ބައެއް ގުނަވަންތަކަށް އަނިޔާ ލިބިފައިވާ ކަމަށް ވެސް ބުނެފައި ވެ އެވެ.