ހަރާރޭ (ޖޫން 22) - ޒިމްބާބުބޭގައި މުއްސަނދިން މުއްސަނދިވި ގޮތް ތަފްސީލްކޮށް ހާމަކޮށް ނުދެވޭނެ ނަމަ އެ މީހުންގެ މުދާ ހިފައްޓާނެ ކަމުގެ އިންޒާރު އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ދީފި އެވެ.
ޒިމްބާބުވޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބުނީ ކޮރަޕްޝަން ހިންގާފައި ނުވާ ކަމަށް ކޯޓުން ނިންމި ނަމަވެސް މުއްސަނދިކަން ހޯދި ގޮތް ބަޔާން ކުރަން ޖެހޭނެ ކަމަށެވެ. ނޫން ނަމަ މުދާތައް ދައުލަތަށް ނަގާނެ ކަމަށް ބުނެފައިވެ އެވެ.
ޒިމްބާބުވޭ އަށް މިހާރު ވަނީ މިއިން ޒަމާނަކު ކުރިމަތިނުވާ ވަރުގެ އިގްތިސާދީ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. ގައުމުގެ ކޮރަޕްޝަން އިންތިހާ އަށް ދިއުމުން ރައްޔިތުންގެ ރުޅިވެރިކަން ވަނީ ބޮޑުވެފަ އެވެ.
"މިއީ ބައެއް މުއްސަނދި މީހުންގެ ލައިފްސްޓައިލް އޮޑިޓެއް. އެ މީހުން ހޯދި ތަކެއްޗާއި ދިން ޚިދުމަތުގެ އިންވޮއިސްތައް ދިމާވާން ޖެހޭނެ. އެ ވިޔަފާރިތަކުން ޓެކްސް ދައްކާތޯ ވެސް ބަލާނަން،" އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް ޖަސްޓިސް މަޓަންޑާ-މޮޔޯ ވިދާޅުވި އެވެ.
މުއްސަނދިން މުއްސަނދިވި ގޮތް ތަހުގީގު ކުރުމުގެ ބާރު އެ ކޮމިޝަނަށް ވަނީ ޖުލައި 2019 ގައި ދީފަ އެވެ.
ކޮރޯނާވައިރަހުގެ ޓެސްޓް ކިޓާއި އެހެން ބައެއް ސާމާނު ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވިގެން ޒިމްބާބުވޭގެ ހެލްތު މިނިސްޓަރު ވަނީ ހުކުރު ދުވަހު ހައްޔަރުކޮށްފަ އެވެ. އޭނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އުސޫލުތަކުން ބޭރުން 20 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއް ހަންގޭރީގެ ކުންފުންޏަކަށް ހަވާލުކުރި މައްސަލަ އެވެ. ކޮންޓްރެކްޓް ދީފައި ވަނީ ދެ މަސް ވެސް ނުވާ ކުންފުންޏަކަށެވެ.
މުއްސަނދިކަން ހޯދި ގޮތް ދުނިޔޭގެ އެހެން ބައެއް ގައުމުތަކުން ވެސް ތަހުގީގު ކުރެ އެވެ. މުއްސަނދިކަން ހޯދި ގޮތް ބެލޭނެ ގޮތަށް އަޔަލޭންޑާއި ޔޫކޭއިން ވަނީ 2017 ވަނަ އަހަރު ގާނޫނުތަކަށް ބަދަލު ގެނެސްފަ އެވެ.