ނިއު ދިއްލީ (މެއި 27) - އިންޑިއާގެ ގުޖްރާތު ސްޓޭޓުގެ އަހުމަދުއާބާދުން ޒިކާ ވައިރަސް ފެނިފައިވާކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ޔަގީންކޮށްދީފި އެވެ.
އިންޑިއާ އިން ތިން މީހަކަށް ޒިކާ ވައިރަސް ޖެހިފައިވާކަން ޑަބްލިއުއެޗްއޯ އިން ކަށަވަރުކޮށްދީފައި ވަނީ ލެބޯޓްރީ ޓެސްޓްތަކަށް ފަހު އެވެ. ޒިކާ އަށް ޓެސްޓް ކުރަން ސާމްޕަލް ނަގާފައި ވަނީ އަހަރުގެ ކުރިކޮޅު އެވެ. އިންޑިއާ އިން ޒިކާ ވައިރަސް ފެނުނު މީހުންގެ ތެރޭގައި މާބަނޑު އަންހެނަކު ވެސް ހިމެނެ އެވެ.
އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނީ ޒިކާ ކޮންޓްރޯލް ކުރުމަށް ވޭތުވެދިޔަ ދުވަސްތަކުގައި ވަރަށް ގިނަ ފިޔަވަޅުތައް އަޅާފައިވާނެ ކަމަށެވެ. މި ގޮތުން 50،000 ޓެސްޓް މިހާތަނަށް ހަދާފައިވާ ކަމަށް ބުނެފައިވެ އެވެ.
ޒިކާގެ އަލާމާތްތަކަކީ ޑެންގީގައި ވެސް ފެންނަ ފަދަ އަލާމާތްތަކެކެވެ. އެގޮތުން ހުން އައުމާއި، ގައިގައިި ރިއްސުމާއި ހަމުގައި ރަތް ކުލައިގެ ބިހި ނެގުމާއި ލޯ ރަތްވުމާއި ހުޅުހުޅުގައި އަދި ބޮލުގައި ރިއްސަ އެވެ. މާބަނޑު މީހަކަށް ޒިކާ ޖެހިއްޖެ ނަމަ ބަނޑުގައި އޮންނަ ދަރިފުޅަށް މައިކްރޯސެފަލީ ނުވަތަ އެކަށީގެންވާ ވަރަށް ވުރެ ބޯ ކުޑަވެ އައިބުވުމުގެ މައްސަލަ ކުރިމަތިވާކަން ވަނީ ކަށަވަރުވެފަ އެވެ. އެހެންވެ މި ބަލި އުޅޭ ގައުމުތަކަށް، މާބަނޑު މީހުން ދަތުރު ނުކުރުމަށާއި މާބަނޑު މީހުން ބައްޔާ މެދު އިތުރަށް ސަމާލުވުމަށް ތަޖުރިބާކާރުން އިލްތިމާސްކުރެ އެވެ.