ރާއްޖޭގައި ހެދި ޓެސްޓްތަކުން ޒިކާ އަށް ޕޮޒިޓިވްވެފައިވާ ދެ ދިވެއްސަކު ފެނިއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިރޭ ބުނެފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ރާއްޖެ އައި ތިން ޓޫރިސްޓަކު ރާއްޖެއިން ފުރައިގެން ދިޔަ ފަހުން ޒިކާ އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެ ތިން މީހުންނަށް ވެސް ޒިކާ ޖެހިފައި ވަނީ ރާއްޖޭގައި އެ މީހުން ޗުއްޓީ ހޭދަކުރި ދުވަސްތަކުގައި ކަމަށް ބެލެވެ އެވެ. އެހެންވެ، ޒިކާ އަށް ރާއްޖޭގައި ޒިކާ އުޅޭތޯ ބެލުމަށް ޓަކައި މި ބަލި ހުރެދާނެ ކަމަށް ބެލެވޭ 517 ދިވެހިން މި އަހަރު ޓެސްޓް ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން "ދެ ދިވެހިން ޒިކާ އަށް ޕޮޒިޓިވް" ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް، އެ ދެ މީހުން އެ ބައްޔަށް ޕޮޒިޓިވް ވީ ކޮން އިރަކު ކަމެއް އެޗްޕީއޭގެ ބަޔާނަކު ނެތެވެ. އެކަމަކު ބުނެފައި ވަނީ، ޒިކާ އިތުރަށް ފެތުރެމުން ނުދާ ކަމަށެވެ.

ޒިކާގެ ސަބަބުން ބޯ ކުޑަވެ އައިބުވެފައިވާ ކުއްޖަކު ބްރެޒިލްގެ ޑޮކްޓަރަކު އުރާލައިގެން. -- ފޮޓޯ: ގެޓީ އިމޭޖަސް
ޒިކާގެ ސަބަބުން ބޯ ކުޑަވެ އައިބުވެފައިވާ ކުއްޖަކު ބްރެޒިލްގެ ޑޮކްޓަރަކު އުރާލައިގެން. -- ފޮޓޯ: ގެޓީ އިމޭޖަސް

ބަޔާނުގައި ބުނެފައިވާ ގޮތުގައި ޒިކާ ފެތުރެމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ޑަބްލިޔުއެޗްއޯ އިން މިދިޔަ ފެބްރުއަރީ މަހު ކަނޑައެޅުމާ ގުޅިގެން، ރާއްޖޭގައި އެ ބައްޔާ ގުޅޭ މަސައްކަތްތައް އަންނަނީ ހަރުދަނާ ކުރަމުންނެވެ.

"މީގެ ތެރޭގައި ޑެންގީ އަދި ޒިކާ ފަތުރާ އީޑީސް މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމްތަކެއް ހިންގުމާއި، ޒިކާ އުޅޭތޯ ދެނެގަތުމުގެ މައުލޫމާތު އެއްކުރުމާއި ޓެސްޓްކުރުމުގެ ނިޒާމެއް ގާއިމް ކުރުމާއި ރާއްޖޭގައި ޒިކާ އަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެ އެވެ،" ބަޔާނުގައި ވެ އެވެ.

ޖިންސީ ގުޅުމުން ވެސް ޖެހޭ މި ބަލީގައި ފެންނަނީ ވެސް ޑެންގީ ޖެހުމުން ފެންނަ ފަދަ އަލާމާތްތަކެކެވެ. މި ބަލީގެ އަސަރުކޮށްފައިވާ މީހުންނަށް ލިބޭ ދަރިންނަށް މައިކްރޯސެފަލީ ނުވަތަ އެކަށީގެންވާ ވަރަށް ވުރެ ބޯ ކުޑަވެ އައިބުވުމުގެ މައްސަލަ ކުރިމަތިވެ އެވެ. އަދި މިކަމާ ގުޅުން ހުރި ސިއްހީ އެކި މައްސަލަތައް ތަހައްމަލްކުރަން ޖެހެ އެވެ.