މިހާރު ކޮންމެ ކަމެއް ވެސް ލުއިކޮށްދެނީ ޓެކްނޮލޮޖީންނެވެ. އެފްރިކާގެ ގައުމެއް ކަމަށްވާ ޒެމްބިއާގެ ދަނޑުވެރިންގެ މަސައްކަތަށް ވެސް ޓެކްނޮލިޖީގެ ތެރެއިން މިހާރު ވަނީ ބޮޑު ފަސޭހަކަމެއް ގެނެސް ދީފަ އެވެ. އެއީ މޮބައިލް އެޕްލިކޭޝަނެއްގެ އެހީގަ އެވެ. މިއީ "އެގްރިޕްރެޑިކްޓް" ގެ ނަމުގައި އުފައްދާފައިވާ ކުންފުންޏަކުން އެ ނަމުގައި ހަދާފައިވާ އެޕެކެވެ.

މި އެޕްގެ ހާއްސަ ކަމަކީ ގަސްހަގާގެއްސަށް ޖެހޭ ބަލިތައް އެޕްގެ އެހީގައި ދެނެގަނެވި، ދުރާލައި އެކަމަށް ފިޔަވަޅު އަޅަން މަގުފަހިކޮށް ދިނުމެވެ. އެހެންވެ މިއީ ދަނޑުތަކަށް ޖެހޭ ފާޑުފާޑު ބަލިތަކާ އެކު، ހައްދާ ގޮވާމުގެ ބާވަތްތްތަކުގެ ރައްކާތެރިކަން ވެސް ކަށަވަރުކޮށް ދޭނެ ކަމެކެވެ. ގަސްތަކަށް ކުރަން ޖެހޭ ހަރަދާއި އެކަމަށް ދަނޑުވެރިން ހޭދަކުރާ ވަގުތު ވެސް މީގެ ސަބަބުން ކުޑަކުރެވޭނެ އެވެ.

އެޕް ފަރުމާކޮށްފައި ވަނީ ގަސްތަކަށް މޫސުމީ ގޮތުންނާއި އެ ނޫން ވެސް އެކި ގޮތްގޮތުން ޖެހޭ ބަލިތަކާއި އެކަންކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް ވެސް ދަނޑުވެރިންނަށް ފަސޭހަކޮށް އެނގޭނެ ގޮތަށެވެ.

އެގްރިޕްރެޑިކްޓަކީ ޒެމްބިއާގެ ޒުވާނެއް ކަމަށްވާ އެމްވީލާ ކަންގްވާގެ މަސައްކަތެކެވެ. އޭނާ ބުނި ގޮތުގައި ދަނޑުވެރިންނަށް ހާއްސަ އެޕެއް ހަދަން ހިޔާލު އައީ ދަނޑުވެރިކަމަށް ބަރޯސާވާ ވަރަށް ގިނަ ބަޔަކަށް އެހީއެއްވުމުގެ ގޮތުންނެވެ.

އެގޮތުން މިހާރު އެގްރިޕްރެޑިކްޓަކީ އެ ގައުމުގެ 22،000 ދަނޑުވެރިން ބޭނުންކުރާ އެއްޗެކެވެ. ޕައިލެޓް ޕްރޮގްރާމްގެ ގޮތުގައި މި މަސައްކަތް އަދި އޮތަސް، އެމްވިީލާގެ އަމާޒަކީ ޒެމްބިއާގެ ވީހާ ވެސް ގިނަ ދަނޑުވެރިން އެޕަށް އަހުލުވެރިކުރުވުމެވެ. އެގޮތުން އުމުރުން ދުވަސްވީ ދަނޑުވެރިން ވެސް އެޕަށް އަހުލުވެރިކުރަން މަސައްކަތްތަކެއް ކުރާނެ ކަމަށް ބުންޏެވެ.

"މި އެޕް ހާއްސަކުރަން ބޭނުން ވަނީ ހަމައެކަނި ޒެމްބިއާއަކަށް ނޫން. މުޅި އެފްރިކާ ބައްރުގެ ހުރިހާ ދަނޑުވެރިން ބޭނުންކުރާ އެއްޗަކަށް އެގްރިޕްރެޑިކްޓް ހަދަން ބޭނުންވޭ،" އެމްވީލާ ބުންޏެވެ. "އަހަރެމެން މި އެޕް ސިފަކުރަނީ ދަނޑުވެރިކަމުގެ މުސްތަގުބަލުގެ ގޮތުގައި. އަދި ސްޓްރެސް ފްރީ ފާމިންގެ ގޮތުގައި."