ދެވަނަ ދައުރަކަށް ހޮވި ވަޑައިގެންފި ނަމަ ސްޕޯޓްސް އަދި ޔޫތު މިނިސްޓްރީ ހިންގާނީ ވަކިން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ކުޅިވަރާއި ޒުވާނުންގެ ސިޔާސަތުތައް މިހާރު ހިންގަނީ އެއް މިނިސްޓްރީއަކުންނެވެ.
އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި، ނ. ލަންދު އަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ކުޅިވަރާއި ޒުވާނުންނަށް މިހާރު ދެމުން އަންނަ ފޯކަސް އެހާ ރަނގަޅު ނޫން ކަމަށެވެ.
"ޔޫތު އެންޑް ސްޕޯޓްސް އޭގެ ދަށަށް އެއްކޮށްލާފައި އެކަން ކުރީމާ ދެ ބައި މީހުން ވެސް، ކުޅިވަރު ކުޅޭ ޒުވާނުން ވެސް އަދި އެހެން ފަންނުގެ ޒުވާނުންގެ ވެސް މީގައި އެބަހުރި ޝަކުވާތަކެއް،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރިއަށް މިއޮތް ދައުރުގައި މި ދެ ދާއިރާ ވަކިކޮށް ދެ މިނިސްޓްރީއެއްގެ ދަށަށްލައި ސިޔާސަތުތައް ތަންފީޒު ކުރަމުންގެންދާނަން."
އެމަނިކުފާނު ވިދާޅުވީ، ޒުވާނުންގެ މެދުގައި މިހާރު މަގުބޫލުވަމުން އަންނަ އީ-ސްޕޯޓްސް އާއި މާޝަލް އާޓްސްގެ ކުޅިވަރުތައް ތަރައްގީ ކުރުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރާއްޖޭގެ 90 ޕަސަންޓަކީ މޫދު ކަމަށްވުމުން، މޫދު ކުޅިވަރުގެ ހަބަކަށް ރާއްޖެ ހަދައި މޫދު ކުޅިވަރު ތަރައްގީ ކުރުމަށް ވެސް އެމަނިކުފާނުގެ ދެވަނަ ދައުރުގައި އިސްކަން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.