މެއި 2024 ގައި ރާއްޖޭގެ އަންހެނުންގެ 100 މީޓަރު ސްޕްރިންޓް ރެކޯޑް، މަރިޔަމް ޔޫޔާ އަލީ ދެ ފަހަރަށް މުގުރާލި އެވެ.
ޖަމައިކާގައި އޭރު ތަމްރީނު ހަދަމުން އައި ރޫޔާ ހޯދި ކުރިއެރުމާ އެކު، އޭނާއަކީ ސައުތު އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި "ޕޯޑިއަމް ފިނިޝިން" ގައި ރާއްޖޭގެ ގައުމީ ސަލާމް ގުގުމައިލާނެ، އަންހެން ދުވުންތެރިޔާ އަށް ވުމުގެ ފުރުސަތު އެންމެ ބޮޑަށް އޮތް އެތުލީޓް ކަމަށް ތަޖުރިބާކާރުން އުއްމީދުކުރި އެވެ.
ރޫޔާ ދެމިގަތީ ހަމަ އެހާ ވެސް ބާރަށެވެ. ވާދަވެރި ރޭހެއް 12 ސިކުންތަށް ވުރެ އަވަހަށް ނިންމުނު ދިވެހި އެހެން އަންހެން ދުވުންތެރިޔެއް އޭނާ ފިޔަވައި ރާއްޖޭގައި ނެތެވެ. އެކަމަކު ރޫޔާ ޓްރެކުން ގެއްލިއްޖެ އެވެ. އޭނާ ގެއްލުނީ ޒުވާން އުމުރުގަ އެވެ. ކެރިއާ އެންމެ ޕީކް އަހަރުތަކާ ގާތް ވެސް ނުވަނީސް ރޫޔާ ޓްރެކުން ފައިބައިގެން ހިނގައްޖެ އެވެ.
އުމުރުން ހަގު އެހެން އެތުލީޓެއްގެ ވާހަކަ އެވެ. ޔޫން (އަސްލު ނަމެއް ނޫން)، ބައްޕަ ގާތު ބުނީ ދެން އެކަޑަމީ ތަމްރީނުތަކަށް ދާން ބޭނުން ނުވާ ކަމަށެވެ. ޓީމު ސްޕޯޓްސްގެ ތެރެއިން ކުޅިވަރެއްގައި ހަރަކާތްތެރިވާ އުމުރުން ހަގު ކުއްޖެކެވެ.
ޔޫންގެ ބައްޕަ ބުނިގޮތުގައި އެ ދަރިފުޅު އެކަޑަމީ އަށް ދާން ފޫހިވީ އެވެ.
"ދަރިފުޅަށް އެންޖޯއި ނުކުރެވުނީ،" ޔޫންގެ ބައްޕަ ބުންޏެވެ.
މިއީ ރޫޔާ އާއި ޔޫންއާ އެކަނި ގުޅިފައި އޮތް ވާހަކަތަކެއް ނޫނެވެ. ރާއްޖޭގެ ކުޅިވަރުގައި އޮތް ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. އުމުރުން ހަގު ދުވަސްވަރު ނުވަތަ އެންމެ ޒުވާން އުމުރުގައި އެތުލީޓުން ކުޅިވަރުގެ ދަނޑުން، ކޯޓުން، ޓްރެކުން، ޕޫލުން ފައިބައިގެން ދަނީ ދެން އެނބުރި އަންނަން ބޭނުން ނުވެގެންންނެވެ.
މި މައްސަލައަށް ސަމާލުކަން ނުދީ ތިއްބައި ކުރިމަގުގައި ކުޅިވަރުތަކުން، ގައުމަށް ކާމިޔާބު ހޯދައި ދޭނެ ދިވެހި އެތުލީޓުން ރާއްޖެ އިން ނުލިބިދާނެ އެވެ.
ޔޫއެފާ ކޯޗިން ބީ ލައިސަންސް ހާސިލުކޮށް، އިނގިރޭސި ވިލާތުގެ ނޮން ލީގުގައި ކޯޗެއްގެ މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރު އަލީ ވަހީދު (ބަލަކު) ބުނިގޮތުގައި މައްސަލަ ހައްލު ކުރުމަށް ކުޅިވަރުގެ ޑިވެލޮޕްމެންޓްގައި އޮންނަ ހަތަރު ފިލޯސަފީއެއްގެ މައްޗަށް އެތުލީޓުންގެ ޑިވެލޮޕްމެންޓް ޕްލޭން ބިނާކުރަންޖެހެ އެވެ.
އެ ހަތަރު ފިލޯސަފީއަކީ:
1. ޓެކްނިކަލް ޓެކްޓިކަލް
2. ފިޒިކަލް
3. ސޯޝަލް
4. ސައިކޮލޮޖީ / މެންޓަލް
ބަލަކް ކިޔައިދިން ގޮތުގައި އެތުލީޓުންގެ ޑިވެލޮޕްމެންޓްގައި އެންމެ އިސްކަންދޭންޖެހޭ އުމުރަކީ އުުމުރުން ހަތް އަހަރުން ފެށިގެން 17 އަހަރާ ދެމެދެވެ. އޭނާ ސިފަކުރިގޮތުގައި އެއީ އެތުލީޓެއްގެ ޑިވެލޮޕެމެންޓްގައި "ގޯލްޑަން އޭޖް" އެވެ އެ މަރުހަލާގައި މި ހަތަރު ފިލޯސަފީއަށް އިސްކަންދިނުން މުހިންމު ކަމަށް އަލީ ފާހަގަކުރި އެވެ.
އޭނާ ބުނިގޮތުގައި ރާއްޖޭގެ ކުޅިވަރުތަކުގައި ހަރަކާތްތެރިވާ އެތުލީޓުންނަކީ ޓެކްނިކަލީ ހުނަރުވެރި އެތުލީޓުންތަކެކެވެ.
ނަމަވެސް ސަރަހައްދީ ގޭމްސްތަކުގައި ނުވަތަ މުބާރާތްތަކުން، ދިވެހި އެތުލީޓުންނަށް ސަރަހައްދުގެ އެހެން އެތުލީޓުންނާ ވާދައެއް ނުކުރެވެ އެވެ.
ބަލަކް ބުނީ، ރާއްޖޭގައި އެތުލީޓުންގެ ޑިވެލޮޕްމެންޓް ޕްލޭންގައި އެ ހަތަރު ފިލޯސަފީ އަށް އިސްކަން ނުދީ، ރާއްޖޭގެ އެތުލީޓުންނަށް ސަރަހައްދުގެ އެހެން ގައުމުތަކުގެ އެތުލީޓުންނާ ވާދައެއް ނުކުރެވޭނެ ކަމަށެވެ.
"އެ އޭޖުގައި [އުމުރުން ހަތް އަހަރާއި 17 އަހަރުގައި] އެ ހަތަރު ކޯނާސް އަށް ފޯކަސް ނުކޮށެއް ސަރަހައްދުގައި އުފެދޭ އެހެން އެތުލީޓުންނާ، ރާއްޖޭގެ އެތުލީޓުންނަށް ވާދައެއް ނުކުރެވޭނެ ކިތަންމެ ޓެކްނިކަލީ ޓެލެންޓް ހުޓަސް،" އަލީ ބުންޏެވެ.
"އެކަމަކު އަޅުގަނޑުމެންނަކަށް ނުފެނެޔޭ ކުއްޖާގެ އުމުރާ އެއްވަރަކަށް ފިޒިކަލް އެސްޕެކްޓުން ވެސް އެ ފިޒިކަލް ޑިވެލޮޕްމެންޓެއް އެއްވެސް ކުޅިވަރެއްގައި ކުރިއަރަމުންދާ ތަނެއް އެކަށީގެންވާ ގޮތެއްގައެއް. އެހެންވީމާ ހަތް އަހަރު ކުއްޖެއްގެ ވެސް، އަށް އަހަރުގެ ކުއްޖެއްގެ ވެސް 10 އަހަރުގެ ކުއްޖެއްގެ ވެސް 13 އަހަރުގެ ކުއްޖެއްގެ ވެސް ވަކި ވަރެއްގައި ހުންނަން ޖެހޭނެޔޭ އޭނާގެ އުމުރާ ގުޅޭ ފިޒިކަލް ކޮންޑިޝަންގައި."
މޮޅު އެތުލީޓުން ބިނާ ކުރުމުގައި ސްޕޯޓްސް ސައިކޮލޮޖީއަކީ މުހިންމު ފިލޯސަފީއެކެވެ. ރާއްޖޭގެ އެކަޑަމިތަކާއި ޔޫތު ޑިވެލޮޕްމެންޓްގައި ދޫކޮށްލާފައިވާ ދާއިރާއެކެވެ.
ރާއްޖޭގެ ފުޓްބޯޅައިގައި މަސައްކަތް ކުރި ތުރުކީ އާއި ޖަރުމަނުގެ ތަޖުރިބާކާރު ޖޭން ވަންލީ، އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަމުގައި ހުރެ ޕްރެސް ކޮންފަރެންސެއްގައި ބުނީ ފުޓްބޯޅަ އެކަޑަމީތަކުގައި ސްޕޯޓްސް ސައިކޮލޮޖީގެ ވިސްނުން ގެންނަން އޭނާ ބޭނުންވާ ކަމަށެވެ. އެކަމަކު އެ މަގާމުގައި މަސައްކަތް ކުރުމުގެ ފުރިހަމަ ކޮންޓްރޯލެއް އެފްއޭއެމްގެ އޭރުގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދައުރުގައި ވަންލީއަކަށް ނުދިނެވެ. "ޓެކްނިކަލް ޑައިރެކްޓަރު" ކަމުގެ ޕޯޓްފޯލިއޯގައި ހުރެ، އޭނާ ހުރީ އެހެލައިފަ އެވެ.
އެކަޑަމީތަކުގައި މަސައްކަތް ކުރާ ކޯޗުން ވެސް ސްޕޯޓްސް ސައިކޮލޮޖީއަށް އަހުލުވެރިވުމުގެ މުހިންމުކަން އޭނާ ފާހަގަ ކުރި އެވެ. މި މައުލޫއު ތިލަކޮށްދިނުމަށް ފަސޭހައިން ފަހުމު ވާނެ މިސާލެއް އޭނާ ދެއްކި އެވެ.
"ކުޑަކުދިންނަށް ކޯޗު ކޮށްދޭ ކޯޗުން ވެސް ކުރަންޖެހޭ ކަމެއް އެ ކުދިންގެ އިސްކޮޅާ އެއްވަރަށް ތިރިވެލައި، އެ ކުދިންނަށް ކިޔައި ދިނުން. އޭގެ ފައިދާ ނަފުސާނީ ގޮތުން ކުދިންނަށް ވަރަށް ބޮޑަށް ކުރާނެ،" ޕްރެޒެންޓޭޝަނެއް ހުށަހަޅައިގެން ކުރިއަށް ގެންދިޔަ އެ ސެޝަނުގައި ވަންލީ ކިޔައިދިނެވެ.
އެކަމަކު އެ އިން އެއްވެސް ކަމެއް ރާއްޖޭގައި ތަންފީޒެއް ނުކުރެވުނެވެ. އެފްއޭއެމްގައި މަސައްކަތެއް ނެތި ހޭދަކުރި މުއްދަތަށް ފަހު އޭނާ ރާއްޖެ ދޫކޮށް ދިޔައީ އޭނާގެ ޕްލޭނުގެ އެއްވެސް ކަމެއް ހާސިލް ނުވެ އެވެ.
އެތުލީޓުންގެ ނަފުސާނީ ދުޅަހެޔޮކަމަށް އިސްކަން ނުދެވޭ ނަމަ ކުޅިވަރުން ހުނަރުވެރި ކުދިންތަކެއް ގެއްލިދާނެކަމުގެ ބިރު އެބައޮތެވެ.
އެކަޑަމީއަށް ދިއުން ހުއްޓާލި ޔޫން އަށް ނަފުސާނީ ދުޅަހެޔޮކަން އެކަޑަމީގެ ތަމްރީން މަރުހަލާގައި ފޯރުކޮށްދެވުނު ނަމަ އެނބުރި ދެން ނުދާ ގޮތަކަށް އޭނާ ނުކުމެގެން ނައީހެވެ.
"ކުޅިވަރުގެ މުޅި ގޭމްގައި އޭނާގެ ޑެސިޝަން މި އަންނަނީ އޭނާގެ ސައިކޮލޮޖީން. ފުޓްބޯޅައިގައި [މިސާލަކަށް] ވެން ޓު ޕާސް، ހައު ޓު ޕާސް، ޕްރެޝާ ހޭންޑްލްކުރުން، އެ ހުރިހާ ކަމެއް މި އަންނަނީ އޭނާގެ މެންޓަލް ސްޓްރެންތަށް،" އެތުލީޓެއްގެ ރަން އުމުރުފުރާގެ ގޮތުގައި ފާހަގަކުރާ އުމުރުން ހަތް އަހަރާއި 17 އަހަރާ ދެމެދުގައި ޑިވެލޮޕްމެންޓްގައި ކޮންމެހެން އިސްކަންދޭންޖެހޭ ކަމެއްގެ ގޮތުގައި ބަލަކު ކިޔައިދިނެވެ.
"އެހެންވީމަ ސައިކޮލޮޖިކަލް ކޯނާއަކީ އެ އުމުރުފުރާގައި ކޯޗުން ކުރަންޖެހޭ ކަމެއް. ނުވަތަ ޑިވެލޮޕް ކޮށްދޭންޖެހޭ ކަމެއް. ކިޔަވައި ދޭންޖެހޭ ކަމެއް."
ބަލަކް ބުނި ގޮތުގައި ރާއްޖޭގައި ސައިކޮލޮޖިސްޓުން، ނިސްބަތުން ރަނގަޅު އަދަދަކަށް ތަމްރީނުވެފައި އެބަތިއްބެވެ. އެކަޑަމީތަކުންނާއި ކުޅިވަރުގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުން، ސައިކޮލޮޖީ ދާއިރާގެ އެކްްސްޕާޓުންގެ އެހީތެރިކަން ހޯދުން މުހިންމުކަމަށް އޭނާ ބުންޏެވެ.
"އެ ޓްރެންޑް އުފެއްދީމާ ސީދާ ސްޕޯޓްސް ސައިކޮލޮޖީގެ ދާއިރާ އަށް އެ މީހުން ސްޕެޝަލައިޒް ވެސް ވާނެ،" ބަލަކް ބުންޏެވެ.
ފިޒިކަލް އަދި ސައިކޮލޮޖިކަލް ތައްޔާރީތަކެކޭ އެއްވަރަށް، އިޖުތިމާއީ މާހައުލު ނުވަތަ ސޯޝަލް ކޯނާއަކީ ޕާފޯމަންސަށް އެންމެ ބޮޑު އަސަރެއް ފޯރުވައިދޭ އެއް ދާއިރާ އެވެ.
ބަލަކް ބުނީ، ގޭތެރޭގެ މާހައުލާއި ސްކޫލްގެ ތެރެއިން ކުރިމަތިވާ "ފިއާ" ޕްރެޝަރާއި ރައްޓެހިންގެ ފަރާތުން ކުރާ ނޭދެވޭ އަސަރުތަކަކީ އެތުލީޓުންގެ ޕާފޯމަންސާ ގުޅިފައިވާ ކަންކަން ކަމަށެވެ.
ޖިސްމާނީ އަދި ނަފްސާނީ ގޮތުން ކިތަންމެ ދުޅަހެޔޮ އެތުލީޓަކަށް ވިޔަސް އިޖުތިމާއީ ރައްކާތެރިކަމާއި ރަނގަޅު މާހައުލެއް ނުލިބޭ ނަމަ އެންމެ މޮޅު ޕާފޯމެއް ނުކުރެވޭނެ ކަމަށް ބަލަކް ބުންޏެވެ.
ޕްރެކްޓިސްތަކުގައި މޮޅަށް ކުޅެ، މެޗުތަކުގައި އެ ފެންވަރު ނުދެއްކެނީ ކުޅުންތެރިޔާ އަށް ބޭނުންވާ ސައިކޮލޮޖިކަލް އަދި ސޯޝަލް ކެއަރިން ނުލިބޭތީ އެވެ. މީގެ ތެރޭގައި އެކަށީގެންވާ ވަގުތުގައި ނިދުމާއި ގަވާއިދުން ކެއުން ފަދަ އާދަތައް މާހައުލުގެ ތެރެއިން އަހުލުވެރިކުރުވުން ހިމެނޭ ކަމަށް ޔޫއެފާ އާއި އިނގިރޭސި އެފްއޭ އިން ކުރި ދިރާސާތަކުގެ މައްޗަށް ބިނާކޮށް ވާހަކަ ދައްކަމުން ބަލަކް ބުންޏެވެ.
"މި ހުރިހާ ކަމެއް އޭނާގެ ޕާފޯމަންސަށް އަސަރު ކުރާނެ. އެ އަސަރު ކުރަންޏާ ވާނެ ގޮތަކީ ކިތަންމެ ވަރުގަދަ ފިޒިކަލް ކޮންޑިޝަނެއް ހުއްޓަސް ކިތަންމެ ވަރުގަދަ ސައިކޮލޮޖިކަލް ކުޅުންތެރިޔަކަށް އޭނާ ވެފައި ހުއްޓަސް އޭނާގެ ސޯޝަލީ ޕްރޮޓެކްޝަން އާއި އޭނާގެ ރަނގަޅު މާހުލު ނުލިބެންޏާ އެންމެ މޮޅު ކުޅުންތެރިޔާ ވެސް ޕާގޯމް ނުކުރެވިގެން ދާނީ،" މިސާލު ދައްކަވަމުން ބަލަކް ކިޔައިދިނެވެ.
"ހަގީގަތުގައި އެއީ ޕާފޯމަސް ދަށް ވާ ސަބަބަކީ. ބައެއް ފަހަރު ބުނެއެއްނު، ޕްރެކްޓިހުގައި ވަރަށް މޮޅޭ. އެކަމަކު މެޗަށް އަރައި މިހެން ވަނީއޭ. އެހެން އެ ދިމާވަނީ އޭނާ އަށް ސައިކޮލޮޖިކަލީ ކޭޓާ ނުކުރެވުމުން. ސޯޝަލީ އޭނާ އަށް އެ ލިބެންވާ ކެއަރިން ނުލިބުމުން."
ބަލަކް ބުނިގޮތުގައި ރާއްޖޭގެ ކުޅިވަރު ކުޅޭ ތަންތަނުގައި، އުމުރުން ހަގު ކުޅުންތެރިންނަށް ފިއްތުންތަކާ ކުރިމަތިވާ ގޮތަށް ސަޕޯޓް ކުރުމަކީ ހުއްޓާލަން ޖެހޭ ކަމެކެވެ. އުމުރުން ހަތް އަހަރުން ފެށިގެން 17 އަހަރާ ދެމެދުގެ އުމުރުފުރާތަކުގައި، އެތުލީޓުންނަށް ޕްރެޝަރަކަށް ވާގޮތަށް ސަޕޯޓް ކުރުމަކީ ކުއްޖާ އަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް އޭނާ ބުންޏެވެ.
"ބޭރު ތަންތާނގައި ޕޭރެންޓުންނަށް ވެސް ދަނޑުގެ ހުރިހާ ތަނެއްގައި ނުތިބެވޭނެ. އެ ތިބޭ އެއްފަޅިއެއްގައި ތިބެވޭނީ. ހަޅޭއްލަވައި ނުހެދޭނެ. ރެފްރީންނާއި މެޗު އޮފިޝަލުންނަށް އެއްޗިއްސެއް ނުގޮވޭނެ. ކުދިންނަށް ތަރުހީބު ދިނުމުގެ ގޮތުން އަތްތިލަ ބަޑި ޖަހާލުން ނުވަތަ ޕޮތެޓިވް ސަޕޯޓް ކުރެވޭނެ،" އޭނާ ބުންޏެވެ.
ކުޅިވަރު އެކަޑަމީތަކުގައި ތަމްރީނުވަމުން އަންނަ ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި އެ ކުދިންނަށް ދޭންޖެހޭ އިޖުތިމާއީ އަދި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކޮންމެ އެކަޑަމީއެއްގައި ވެސް "ސޭފްގާޑިން އޮފިސަރެއް" ހުރުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ހަދަންޖެހޭ ކަމަށް ބަލަކް ބުންޏެވެ.
"ސޭފް ގާޑިން އޮފިސަރުންނަކީ މަސްޓެއް. ސޭފްގާޑިން އޮފިސާސް ތިބީމަ ވާގޮތަކީ ކޯޗުން ތިބެފައި [އެކަޑަމީ ނުވަތަ ކްލަބްގެ] އޯނަރުން ތިބެފައި ސޭފްގާޑިން އޮފިސަރުންނަކީ އެކަންކަން ކަށަވަރުކުރާ މީހާ. އެ އެކަޑަމީއެއްގައި އެކަންކަން ހިނގަނީ ރަނގަޅަށްތޯ ބަލައި، ކަށަވަރު ކުރަންޖެހޭ މިހާ. އަދި އެއީ ޕޭރެންޓުންނަށް ހިޔާލު ދެވޭނެ. ކޮމްޕްލޭނެއް އޮތިއްޔާ އެއް ހުށަހެޅޭނެ،" ނިއު ރޭޑިއަންޓްގެ ކުރީގެ ޗެއާމަން ބުންޏެވެ.
ރާއްޖޭގެ ކުޅިވަރުގެ ކުރިމަގު ހަރުދަނާ ކުރަން ބޭނުން ނަމަ، ހަމައެކަނި ފިޒިކަލް އާއި ޓެކްނިކަލް ތަމްރީނުތަކަކުން އެކަނި ފުއްދާލައިގެން ތިބެވޭކަށް ނެތެވެ. އެތުލީޓުންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަމަށް ފުރިހަމަ އަށް އެއްވަރަށް ސަމާލުކަން ދެން ޖެހެ އެވެ.
ރޫޔާ އާއި ޔޫން ފަދަ އުއްމީދީ ގިނަ އެތުލީޓުންތަކެއް ޒުވާން އަދި ޅަ އުމުރުގައި ކުޅިވަރުގެ މައިދާނުން ގެއްލިގެން ދިއުމަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގަންޖެހޭ ކަންކަމެވެ.
އެތުލީޓުންގެ "ގޯލްޑަން އޭޖް" ގައި ހަތަރު ފިލޯސަފީ އަށް އިސްކަންދީ، އެކަޑަމީތަކުގައި ސޭފްގާޑިން ނިޒާމެއް ގާއިމުކުރުމަކީ ރާއްޖޭގެ ކުޅިވަރުގެ ޖީލުތައް ސަލާމަތްކޮށް، ސަރަހައްދީ ފެންވަރުގައި ވަދަކުރެވޭނެ ފެންވަރުގެ ތަރިން އުފެއްދުމަށް އޮތް އެންމެ މުހިންމު މަގެވެ.