ޒުވާނުންނަށް އަމާޒުކޮށްގެން މިއަދު ދަރުބާރުގޭގައި ފެށި ޔޫތު ޗެލެންޖު ފެއާއިން 500އަށް ވުރެ ގިނަ ވަޒީފާ އާއި ތައުލީމީ ގިނަ ފުރުސަތުތަކެއް ލިބޭނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.

"ޔޫތު ޗެލެންޖު 2016، ދަ އޮޕޮޗުނިޓީ ޕޫލް"ގެ ނަމުގައި މިއަދު ހަވީރު ހުޅުވި މި ފެއާއިން ވަޒީފާގެ ގިނަ ފުރުސަތުތަކުގެ އިތުރުން 40 އަށް ވުރެ ގިނަ އިންޓާންޝިޕާއި 100އަށް ވުރެ ގިނަ ތައުލީމީ ފުރުސަތުތައް ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޔޫތު މިނިސްޓްރީން ބުނިގޮތުގައި މީގެ 17 އަހަރު ކުރިއްސުރެ ބާއްވަމުން އަންނަ މި ފެއާގައި އެހެން އަހަރުތަކަށް ވުރެ ގިނަ ފަރާތްތަކަކުން ބައިވެރިިވި އެވެ. އެގޮތުން ސަރުކާރާއި ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާތަކާއި ރިސޯޓުތަކުން 64 ސްޓޯލެއް ވަނީ ހުޅުވާފަ އެވެ.

މިއިން ކޮންމެ ސްޓޯލަކުން ވެސް އެތަނަކުން ލިބެން ހުރި ވަޒީފާގެ ފުރުސަތުތަކާއި ކުރިއަށް ދެވިދާނެ ދާއިރާތަކަކުން މައުލޫމާތު ދޭނެ އެވެ.

ޔޫތު މިނިސްޓްރީން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މި ފެއާގައި ވަޒީފާ އާއި ތައުލީމުގެ ފުރުސަތުތަކުގެ އިތުރުން ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދެވޭނެ ގޮތްގޮތާއި އާ އުފެއްދުންތައް ޕްރޮމޯޓް ކުރުމާއި އިގްތިސާދީ އަދި އިޖްތިމާއީ ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ދޭނެ އެވެ. އޭގެ އިތުރުން ޒުވާން ވިޔަފާރިވެރިން ތަމްރީނު ކުރުމާއި އެ މީހުންނަށް އިންވެސްޓަރުން ހޯދައިދިނުމަށް މި ފެއާގައި މަގުފަހިކޮށްދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފެއާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވަނީ އެއް ފުރާޅެއްގެ ދަށުން ލިބެން ހުރި ގިނަ މި ފުރުސަތުތަކުގެ ބޭނުން ހުރިހާ ޒުވާނުން ހިފުމަށް އެދިވަޑައިގެންފަ އެވެ.

އޭނާ ވިދާޅުވީ ވަޒީފާ އާއި ތައުލީމީ ފުރުސަތުތަކުގެ އިތުރުން، ޒުވާނުންގެ ހައްގުތަކާއި އެ މީހުންނަށް މި ވަގުުތު އެންމެ ބޮޑަށް ބޭނުންވާ ކަންތައްތައް ސަރުކާރާ ހަމައަށް ގެނައުމުގެ ފުރުސަތު ވެސް މިތަނުގައި ފަހިވެގެންދާނެ ކަމަށެވެ.