ރަށްރަށުގައި ހިންގާ ޒުވާނުންގެ މަރުކަޒުތައް ސްޕޯޓްސް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމި ނިންމުން ބާތިލްކޮށްފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ރަށްރަށުގައި އުޅޭ މީހުންނަށް ކުޅިވަރު ކުޅޭނެ ފުރުސަތުތައް ފަހިކޮށް، ކުޅިވަރު ތަރައްގީކުރަން މުހިއްމު ދައުރެއް އަދާކުރާ ޒުވާނުންގެ މަރުކަޒުތައް، މިނިސްޓްރީގެ ދަށަށް ބަދަލުކުރަން މިދިޔަ މަހުގެ 15 ގައި ނިންމީ އެ ތަންތަން ވީރާނާވެފައިވާތީ އަލުން މަރާމާތުކުރަން ކަމަށެވެ.

އެގޮތުން، އެ މަރުކަޒުތަކަށް އަޅާނުލެވި ދޫކޮށްލާފައި ހުރުމުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެކަމަކު، ކުޅިވަރާ ބެހޭ މިނިސްޓްރީގެ ނިންމުން ބާތިލްކުރީ، ޒުވާނުންގެ މަރުކަޒުތައް މަރާމާތުކުރަން ބައެއް ކައުންސިލްތަކުން ގިނަ މަސައްކަތްތަކެއްކޮށް، ބޮޑެތި ހަރަދުތަކެއް ކުރަމުން އަންނާތީ، އެކަން އެގޮތަށް ބަދަލު ކޮށްދިނުމަށް ކައުންސިލްތަކުން އެދެމުން އަންނާތީ އެވެ.

މި ވަގުތު 41 ރަށެއްގެ ޒުވާނުންގެ މަރުކަޒު ހުރީ ކައުންސިލްތަކުގެ ބެލުމުގެ ދަށުގަ އެވެ.

ސްޕޯޓްސް މިނިސްޓްރީގެ އަމާޒަކީ ޒުވާނުންގެ މަރުކަޒުތައް މަރާމާތުކުރުމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި، މަރުކަޒުތައް އަލުން ހިދުމަތްދެވޭ ވަރަށް މަރާމާތުކުރުމެވެ. އޭގެ އިތުރުން ޒުވާނުންގެ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކަށީގެންވާ ތަމްރީނު ދިނުމުގެ މަސައްކަތް ވެސް ކައުންސިލްތަކާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި ކުރާނެ ކަމަށް ބުންޏެވެ.