އައު އަހަރަކަށް މަރުހަބާ ކިޔަން ތައްޔާރުވާއިރު؛ ފެޝަނަށް ލޯބިކުރާ މީހުން އިންތިޒާރުކުރާނީ އަންނަ އަހަރުގެ އައު ސްޓައިލްތަކަށެވެ. ނުވަތަ ސުވާލަކީ މި އަހަރު ގިނަ ބަޔަކަށް ކަމުދިޔަ ޓްރެންޑްތައް އަދިވެސް ލާނީ ބާވެ އެވެ؟

އެގޮތުން، 2016ގެ އެންމެ މަގުބޫލުވި ހެދުމާއި އެކްސެސަރީ ޓްރެންޑުތަކަގު ކުރު ހުލާސާއެއް ހިއްސާކޮށްލާނަމެވެ.

ޗޯކާ ސްޓައިލުގެ ފަށެއް އަޅައިގެން. ޗޯކާ ސްޓައިލް އަކީ މި އަހަރުގެ އެންމެ މަގުބޫލު އެއް ޓްރެންޑު
ޗޯކާ ސްޓައިލުގެ ފަށެއް އަޅައިގެން. ޗޯކާ ސްޓައިލް އަކީ މި އަހަރުގެ އެންމެ މަގުބޫލު އެއް ޓްރެންޑު

1- ޗޯކާޒް

ފެޝަން ޓްރެންޑުތަކުގެ ތެރެއިން އެއްވަނަ ހޮވާ ނަމަ މިއީ އެއް ވަނަ އެވެ. މި އަހަރު އެންމެ މަގުބޫލުވި އެކްސެސަރީޒް ޓްރެންޑު ޗޯކާޒް އަކީ އެކި ޒާތުގެ ހެދުން ސްޓައިލާ ގުޅޭ ކޮންމެ ކުއްޖަކަށް ވެސް އަޅާލެވޭނެ ވައްތަރެއްގެ ފަށެކެވެ. ސޯޝަލް މިޑިއާގެ ރާނީ އަދި ފަހުގެ ޓޮޕް މޮޑެލް ކެންޑަލް ޖެނާގެ ސަބަބުން މި ޓްރެންޑު އިތުރަށް ވައިގައި ހިފި އެވެ.

އޮފް ޝޯލްޑާ ޓޮޕެއް ލައިގެން: މިއީ މިޒަމާނުގެ ސްޓައިލެއް. އެކަމަކު އަންނަ އަހަރު މި ސްޓައިލް ނުފެނުން އެކަށީގެންވޭ
އޮފް ޝޯލްޑާ ޓޮޕެއް ލައިގެން: މިއީ މިޒަމާނުގެ ސްޓައިލެއް. އެކަމަކު އަންނަ އަހަރު މި ސްޓައިލް ނުފެނުން އެކަށީގެންވޭ

2- އޮފް ޝޯލްޑާ

މި އަހަރު އޮފް ޝޯލްޑާ ސްޓައިލުގެ ހެދުންތައް ވެސް ވަރަށް މަޝްހޫރުވި އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އަންހެން ކުދިންނަށް މަގުބޫލުވި މި ޓްރެންޑަކީ، ބައެއް މީހުންގެ ނަޒަރުގައި، ވަރަށް ލަތީފީ ހެދުމުގެ ސްޓައިލެކެވެ. ނަމަވެސް އަންނަ އަހަރު މި ޓްރެންޑު ފެންނާނެ ކަމާ މެދު ގިނަ ފެޝަން މާހިރުން ޝައްކު ކުރެ އެވެ.

ބޮމްބާ ޖެކެޓެއް ލައިގެން: މިއީ މި އަހަރުގެ އެންމެ ނަލަ ޖެކެޓު ސްޓައިލް
ބޮމްބާ ޖެކެޓެއް ލައިގެން: މިއީ މި އަހަރުގެ އެންމެ ނަލަ ޖެކެޓު ސްޓައިލް

3- ބޮމްބާ ޖެކެޓް

ފިނި ގައުމުތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ މި ޖެކެޓު ސްޓައިލު ވަނީ އެކި ފެޝަން ޝޯތަކުންނާއި ފެޝަން ބްރޭންޑުތަކުން ތަފާތު ގޮތް ގޮތަށް ސްޓައިލު ކޮށްފަ އެވެ. ހިތްގައިމު ޑިޒައިނަށް އެމްބްރޮއިޑާ ކޮށްފައިވާ ޖެކެޓުގެ އިތުރުން އެކި ޒާތުގެ ފޮތި ބޭނުންކޮށްގެން ވެސް ފަރުމާކޮށްފައި ހުރި ތަން ފާހަގަވެ އެވެ.

ފެޝަން ވީކްގެ ސްޓްރީޓް ސްޓައިލް ފޮޓޯއެއް: މިއުލް ސްޓައިލުގެ ބޫޓަކަށް އަރައިގެން
ފެޝަން ވީކްގެ ސްޓްރީޓް ސްޓައިލް ފޮޓޯއެއް: މިއުލް ސްޓައިލުގެ ބޫޓަކަށް އަރައިގެން

4- މިއުލްސް

ބޫޓު ސްޓައިލްތަކުގެ ތެރެއިން އެންމެ މަގުބޫލު ސްޓައިލަކީ މިއުލްސް އެވެ. ތިރިކޮށް ނުވަތަ އުސްކޮށް ފަރުމާކޮށްފައިވާ މިއުލްސް އަރާލަން ފަސޭހަ ވެފައި ޒަމާނީ އެވެ. މިފަހުގެ ސްޓައިލަކީ ތިރި ފްލެޓްސް އެވެ. އަދި މިއުލްސްގެ ތެރެއިން ވެސް ގިނަ ބަޔަކަށް ކަމުދަނީ ތިރި މިއުލްސް އެވެ. އެގޮތުން އަންނަ އައު އަހަރު ވެސް މިއުލްސް ޓްރެންޑީ ބޫޓު ސްޓައިލަކަށް ވާނެ ކަމަށް ފެޝަން އެޑިޓަރުންނާއި އެކި މަޖައްލާތަކުން ލަފާ ކުރެ އެވެ.

ވީދައިފައި ހުންނަ ޖިންސު ލައިގެން މަގުމަތީގައި ހިނގަނީ: މިއީ މި އަހަރުގެ މަގުބޫލު ޑެނިމް ޖިންސު ސްޓައިލެއް
ވީދައިފައި ހުންނަ ޖިންސު ލައިގެން މަގުމަތީގައި ހިނގަނީ: މިއީ މި އަހަރުގެ މަގުބޫލު ޑެނިމް ޖިންސު ސްޓައިލެއް

5- ވީދައިފައިވާ ޖިންސު

ޖިންސުގެ އެކި ސްޓައިލްތައް މި އަހަރު ފެނިއްޖެ އެވެ. ޑެނިމް ޖިންސު ލެގިންސްގެ ބަދަލުގައި މި އަހަރު އެންމެ މަޝްހޫރުވީ ހައި ވެއިސްޓަޑް ދޫ ޖިންސެވެ. އަދި ޖިންސުގައި އެކި ހިސާބުން އިރާފައި ރޮދި ނެއްޓިފައި ހުންނަ ޖިންސުގެ ޑިމާންޑް ދިޔައީ ބޮޑުވަމުންނެވެ. ބައެއް މީހުންނަށް މިޒާތުގެ ރިޕްޑް ޑެނިމް އަގު ބޮޑުކޮށް ގަތުމަކީ ހެއްވާ ކަމެއް ގޮތަށް ވެސް ފެނެ އެވެ.

ސްލިޕް ޑްރެސް ޓީޝާޓެއް މަތިން ލައިގެން މޮޑެލް ކުރަނީ.
ސްލިޕް ޑްރެސް ޓީޝާޓެއް މަތިން ލައިގެން މޮޑެލް ކުރަނީ.

6- ސްލިޕް ޑްރެސް

ދެހާސް ފަނަރައިގެ ފަހުކޮޅުއްސުރެން މަޝްހޫރުވަމުން އައި 90ގެ ސްޓައިލްތައް މި އަހަރު ވަރަށް ގިނައިން ފެނިފައިވެ އެވެ. އެގޮތުން، ސްލިޕް ޑްރެސް އަކީ 90ގެ އަހަރުތަކުގައި ވަރަށް ގިނައިން ލައި އުޅުނު ހެދުމުގެ ސްޓައިލެކެވެ. މަހުމާ ފޮތިން ނުވަތަ ސެޓިން ފޮތިން ފަހާފައި ހުންނަ ސްލިޕް ޑްރެސް އެކި ގޮތްގޮތަށް ސްޓައިލް ކޮށްލަ އެވެ. ހުދު ޓީޝާޓެއް މަތިން ސްލިޕް ޑްރެސްއެއް ލުމަކީ ގިނަ ބަޔަކަށް ކަމުދިޔަ ގޮތެއް ވެސްމެ އެވެ.