ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު އަވަހާރަކޮށްލާފައި ވާތީ ދެން އެ މަގާމަށް އައްޔަންކުރާ މީހެއްގެ ނަން ހާމަ ނުކުރުން އެކަށީގެންވާ ކަމަށް އެ ޖަމާއަތުގެ އިސް އޮފިޝަލަކު ބީބީސީ އަށް ވިދާޅުވެއްޖެ އެވެ.
ހަމާސްގެ ކުރީގެ ލީޑަރު ޝައިޚް އަހްމަދު ޔާސިން 2003 ވަނަ އަހަރު އިޒްރޭލުން އަވަހާރަކޮށްލުމުން ޖަމާއަތުގެ ވެރިޔަކަށް ޑރ. އަބްދުލްއަޒީޒް އަލް ރަންތިސިރީ އައްޔަންކުރުމަށް ފަހު ވެސް، ލީޑަރުގެ ނަން އެތައް ދުވަހެއް ވަންދެން ސިއްރުކޮށްގެން އުޅުނެވެ.
ރަންތިސިރީ ވެސް 2004 ވަނަ އަހަރު ވަނީ ކާރުގައި 27 އަހަރުގެ ފިރިހެން ދަރިކަލުންނާ އެކު ޣައްޒާގައި ދަތުރުކުރައްވަނިކޮށް އިޒްރޭލުން މިސައިލުން ހަމަލާދީ އަވަހާރަކޮށްލައިފަ އެވެ.
ހަމާސްގެ އޮފިޝަލް ބީބީސީ އަށް ވިދާޅުވީ އާ ލީޑަރަކު ހޮވާނެ ކަމަށާއި އެކަން އޮންނާނީ އަންނަ އަހަރުގެ މާޗް މަހު ކަމަށެވެ.
އެހާ ހިސާބަށް ހަމާސް ހިންގާނީ ފަސް މެންބަރުންގެ ކޮމިޓީއަކުން ކަމަށް ވެސް ބުނެފައިވެ އެވެ. އެ ކޮމެޓީ އެކުލެވިގެންވަނީ ޚަލީލް އަލް ހަޔާ، ޚާލިދު މިޝްއަލް، ޒަހެރް ޖަބަރީން، ޝޫރާ ކައުންސިލްގެ ވެރިޔާ މުހައްމަދު ދަރްވިޝްގެ އިތުރުން ނަން ހާމަ ނުކުރާ ބޭފުޅެކެވެ.
އޮފިޝަލް ވިދާޅުވީ ސިންވާރު އަވަހާރަކޮށްލި އިރު ހުންނެވީ ވަރަށް ހާމަ އަދި ރައްކާތެރިކަމެއް ނެތް ތަނެއްގައި ކަމަށް ވިޔަސް ހަމާސްއަށް އެކަން ވީ ވަރަށް ބޮޑު ސަޕްރައިޒަކަށް ކަމަށެވެ.