ލިވަޕޫލްގެ ބަދަލުގައި ޗެލްސީއާ ހަވާލުވާން ނިންމީ ދަނޑިވަޅަށް ބަލާފައި ކަމަށް އެ ޒަބީ އެލޮންސޯ ބުނެފި އެވެ.

ކުރިން ލިވަޕޫލަށް ކުޅުނު ޒަބީ ޗެލްސީގެ ކޯޗުކަމާ ހަވާލުވީ މިދިޔަ މެއި މަހު އެވެ. އޭނާ ވަނީ މިދިޔަ ހަފުތާގައި އެ ޓީމާ އެކު ފުރަތަމަ ފަރިތަކުރުންތައް ވެސް ބާއްވާފަ އެވެ.

ލިވަޕޫލްގެ ބަދަލުގައި ޗެލްސީއަށް ދިޔަ ސަބަބާ ބެހޭގޮތުން ބީބީސީއަށް ދިން އިންޓަވިއުގައި ޒަބީ ބުނީ، ޗެލްސީގެ މަގާމާ ހަވާލުވާން، އޭނާ ލަންޑަނަށް ބަދަލުވި އިރު ލިވަޕޫލްގެ ކޯޗުގެ މަގާމުގައި އާނެ ސްލޮޓް ހުރި ކަމަށެވެ. އެ މަގާމު ހުސްވީ އޭނާ ލަންޑަނަށް ބަދަލުވިތާ ދެ ހަފުތާ ފަހުން ކަމަށް ފަސް އަހަރުވަންދެން ލިވަޕޫލަށް ކުޅުނު ކުރީގެ މިޑްފީލްޑަރު ބުންޏެވެ. 

"މިއީ ދަނޑިވަޅުގެ ގޮތުން ނިންމި ނިންމުމެއް. މިއަދު އަހަރެން މިހުރީ ސްޓެމްފޯޑް ބްރިޖުގައި އަހަރެންގެ ފުރަތަމަ ދުވަސް ހޭދަކުރަން،" ޒަބީ ބުންޏެވެ. 

"މި ބޮޑު ޗެލެންޖަށް އަހަރެން ހުރީ ވަރަށް ބޮޑަށް އިންތިޒާރުކޮށްގެން. ޗެލްސީއަކީ އެންމެ ބޮޑު އެއް ކްލަބް، އަދި މިތަނުގައި ކާމިޔާބު ހޯދަން އަހަރެން ބޭނުން."

ޔާގަން ކްލޮޕް 2024 ގައި ލިވަޕޫލް ދޫކޮށްލުމުން ވެސް އޭނާގެ ބަދަލުގައި އެލޮންސޯއަށް ލިވަޕޫލުން ފާރަލި އެވެ. ނަމަވެސް ލިވަޕޫލުން އައްޔަން ކުރީ ފޭނޫޑްގައި ކާމިޔާބު މަސައްކަތްތަކެއް ކުރި ސްލޮޓެވެ.  އަދި މި އަހަރު ސްލޮޓް ވަކިކުރަން ސަޕޯޓަރުން ގޮވާލި ދަނޑިވަޅުގައި ވެސް އެ މަގާމަށް އަންނާނެކަމަށް ގިނަ ބަޔަކު އަޑުފެތުރީ ޒަބީއާ ގުޅުވަ އެވެ.

ލިވަޕޫލަށް ބަދަލުވި ފްލޯރިއަން ވާޓްޒް އާއި ޖެރެމީ ފްރިމްޕޮންގް އަކީ ކުރިން ބަޔާ ލެވަކޫސަންގައި އެލޮންސޯގެ ކޯޗުކަމުގެ ދަށުން މޮޅު ކުޅުމެއް ދެއްކި ދެ ކުޅުންތެރިންނެވެ. އެ ދެ ކުޅުންތެރިން ލިވަޕޫލުން ސޮއި ކުރުވުމުން ޒަބީ ވެސް އެ ޓީމަށް ގެންދާނެކަމަށް ގިނަ ބަޔަކު ހީކުރި އެވެ.

މިދިޔަ ސީޒަން ޒަބީ ފެށީ، އޭނާގެ ކުރީގެ ކްލަބް، ރެއާލް މެޑްރިޑްގަ އެވެ. އެކަމަކު ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލުގައި ބާސެލޯނާ އަތުން ބަލިވި މެޗަށް ފަހު އޭނާ މަގާމުން ވަކި ކުރި އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޒަބީގެ ކޯޗިން ސްޓައިލްގެ ސަބަބުން ރެއާލް ކުޅުންތެރިންނަށް އޭނާއާ އެކު މަސައްކަތް ކުރަން އުނދަގޫވި އެވެ. މެނޭޖްމެންޓަށް އިހްތިޔާރު ކުރީ ކުޅުންތެރިންގެ ފަޅި އެވެ. 

އީއެސްޕީއެން ޔޫކޭއިން ބުނީ ޗެލްސީގެ ކޯޗުކަމާ ހަވާލުވާން ޒަބީ އެއްބަސްވީ، އެ ޓީމުގެ އެހެން ކޯޗުންނަށް މީގެ ކުރިން ނުދީ އޮތް ބާރުތައް އޭނާ އަށް ދޭން، މެނޭޖްމެންޓުން ދޫ ދިނުމުންނެވެ.