މެޑްރިޑް (ޖެނުއަރީ 30) - ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެން މީހާ ސްޕޭނުގައި މިދިޔަ ހޯމަ ދުވަހު މަރުވެއްޖެ އެވެ.
ސްޕޭނުގެ އިރު ދެކުނުގެ އަވަށެއްގައި ފްރެންސިސްކޯ ނުނޭޒް އޮލިވެރާ މަރުވި އިރު އޭނާގެ 113 ވަނަ އުފަން ދުވަސް ފާހަގަކޮށްފައި ވަނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އަވަށުގެ މޭޔަރު ވިދާޅުވީ އޮލިވޭރާގެ މުޅި ހަޔާތުގައި ވެސް ދިރިއުޅެފައި ވަނީ އެ އަވަށުގައި ކަމަށެވެ.
އޮލިވޭރާ އުފަންވެފައި ވަނީ ޑިސެމްބަރު 13، 1904 ގަ އެވެ. އެހެން ކަމުން އޭނާ އުފަންވެފައި ވަނީ ފުރަތަމަ ބޮޑު ހަނގުރާމަ ފެށުމުގެ 10 އަހަރު ކުރިންނެވެ.
އޮލިވޭރާގެ އެންމެ ފަހު އުފަން ދުވަސް ފާހަގަކުރި އިރު ސްޕޭނުގެ ބައެއް މީޑިއާތަކުން ބުނެފައި ވަނީ އެހާ ގިނަ ދުވަހު އޭނާ ދުނިޔޭގައި އުޅުމާއި ޑައެޓް ގުޅިފައިވާ ކަމަށެވެ. އަދި އޮލިވޭރާ އަކީ އޭނާގެ އަމިއްލަ ދަނޑުގައި ތަރުކާރީ ހައްދައިގެން ކައިބޮއި އުޅުނު މީހެއް ކަމަށް ވެސ ބުނެފައިވެ އެވެ. މި ގޮތުން ހެނދުނުގެ ނާސްތާ އަށް އޭނާ އާއްމުކޮށް ބޭނުން ކުރަނީ ޒައިތޫނު ތެޔޮ އަޅައިގެން ހަދާ ސްޕޮންޖް ކޭކަކާއި ކިރު ތައްޓެއް ކަމަށް ނޫސްތަކުން ބުނެފައިވެ އެވެ. އުމުރުން 107 އަހަރު ވަންދެން އޮލިވޭރާ ކޮންމެ ދުވަހަކު ވެސް ހިނގަން ނުކުންނަ ކަމަށްވެ އެވެ.
ދުނިޔޭގެ ނިސްބަތުން އެންމެ އުމުރު ދިގު މީހުން ދިރިއުޅެނީ ސްޕޭނުގަ އެވެ. ސަބަބެއް ކަމަށް ޑޮކްޓަރުން ބުނަނީ އެ ގައުމުގެ މީހުންގެ ޑައެޓެވެ.
އޮލިވޭރާ އަށް 113 އަހަރު ފުރުނު ނަމަވެސް ދުނިޔޭގެ އެއްވެސް ރެކޯޑަކަށް އޭނާގެ ނަން އަރުވައިފައެއް ނުވެ އެވެ. ދުނިޔޭގެ އެންމެ ދުވަސްވީ މީހުންގެ ސައްހަ މައުލޫމާތު ބަލަހައްޓާ ޖެރެންޓޮލޮޖީ ރިސާޗް ގްރޫޕުގައި އެންމެ ދުވަސްވީ ފިރިހެނާގެ ގޮތުގައި ރެކޯޑްކޮށްފައި ވަނީ ޖަޕާނުގެ 112 އަހަރުގެ މަސަޒޫ ނޮނަކާ އެވެ. އެކަމަކު ސްޕޭނުގެ އޮފިޝަލުން ބުނަނީ އޮލިވޭރާގެ އުމުރަކީ 113 އަހަރުކަން ސާބިތު ކޮށްދެވޭނެ ސައްހަ ލިޔުންތައް އެބަހުރި ކަމަށެވެ.
ދުނިޔޭގެ އެންމެ ދުވަސްވީ މީހާ އަކީ ވެސް ޖަޕާނުގެ އަންހެނެކެވެ. އޭނާގެ އުމުރަކީ 117 އަހަރެވެ.