ބެލްގްރޭޑް (ފެބްރުއަރީ 4) - ރަޝިއާ އާއި ޔޫކްރޭންގައި ހިނގަމުންދާ ހަނގުރާމައިން އިތުރު ކުރިތައް ފަޅައި އެއީ ތިންވަނަ ބޮޑު ހަނގުރާމައިިގެ ވައްތަރަކަށް ވެދާނެ ކަމުގެ އިންޒާރު ސާބިއާގެ ރައީސް އަލެގްޒެންޑާ ވުސިޗް ދެއްވައިފި އެވެ.

މަޖިލީހަށް ހާޒިރުވެ ދެއްވި ތަގުރީރެއްގައި ވާހަކަ ދައްކަވަމުން ވުސިޗް ވިދާޅުވީ ޔޫކްރޭން އާއި ރަޝިއާގެ ހަނގުރާމައިގެ ސަބަބުން ކޮސޯވާގެ މައްސަލަ ވެސް އިތުރަށް ހޫނުވެގެންދާ ކަމަށެވެ. ކުރިން ސާބިއާގެ ބައެއްގެ ގޮތުގައި އޮތް ކޮސޯވޯ މިނިވަން ދައުލަތެއްގެ ގޮތުގައި އިއުލާން ކުރީ 2008 ގަ އެވެ.

ވުސިޗް ވިދާޅުވީ މިދިޔަ އަހަރު ފެބްރުއަރީ މަހު ރަޝިއާ އާއި ޔޫކްރޭންގެ ހަނގުރާމަ ފެށިތާ ކައިރީގައި ކޮސޯވޯއިން ވެސް ސިޔާސީ ހަމަލާތައް ސާބިއާ އަށް ފޮނުވަމުން ދިޔަ ކަމަށެވެ.

"އެމީހުން [ކޮސޯވޯއިން] އަޅުގަނޑުމެން ދެކެނީ ދުޝްމަނުންގެ ގޮތުގައި، އަދި އަޅުގަނޑުމެންގެ ރައްޔިތުންނަށް ގޯނާ ކުރަނީ. ކޮސޯވޯގައި ދިރިއުޅޭ ސާބް މީހުންނަށް ހަމަލާތައް ދެމުން އެބަދޭ. މި ހުރިހާ ކަމަކީ ވެސް ބްރަސެލްސް ސުލްހައިގެ މުއާހަދާއާ ހިލާފު ކަންކަން. އެމީހުން ވަރަށް ގިނަކަން ހޫނު ކުރަން އެބައުޅޭ،" އޭނާ ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ ތިންވަނަ ބޮޑު ހަނގުރާމައެއްގެ ވައްތަރެއް، ކުރިއަށް އޮތް ދުވަސްތަކާއި ހަފްތާތަކާއި މަސްތަކުގައި މިއަށްވުރެ ބޮޑަށް މިކަން ފުޅާވެ އަދި ވަރުގަދަ ހަނގުރާމައަކަށް ވެދާނެ. މި ބުނި ވާހަކަ ފާހަގަކޮށްފައި ބާއްވާ."

ރަޝިއާ އާއި ޔޫކްރޭން ހަނގުރާމައިގައި ސާބިއާ އާއި ކޮސޯވޯއިން ސާފުކޮށް ވަކި ކޮޅަކަށް ތާއީދު ކުރާކަން އިއުލާންކޮށްފައެއް ނުވެ އެވެ. ނަމަވެސް ނުސީދާކޮށް ދެ ގައުމުން ތާއީދު ކުރަނީ ދެކޮޅަށެވެ. ކޮސޯވޯއިން ޔޫކްރޭން ކޮޅަށެވެ. ސާބިއާއިން ރަޝިއާ ކޮޅަށެވެ.

މަޖިލީހުގެ ތަގުރީރުގައި ވުސިޗް ވިދާޅުވީ ހަނގުރާމައިގައި ވަކި އަތަކަށް ނުޖެހި ތިބުމުގެ ބޭނުމެއް އޮތް ކަމަށް އޭނާ އަށް ނުފެންނަ ކަމަށެވެ.

"ހަނގުރާމައިގެ ވިއްސާރައެއްގައި ވަކި އަތަކަށް ބަރޯސާ ނުވެ ހިމޭންވެ ހިލަގަނޑެއްގެ ދަށުގައި ފޮރުވިގެން ނުތިބެވޭނެ. ފޮރުވިގެން ތިބެން ހަނގުރާމަ ކުރާ މީހުން ފުރުސަތު ނުދޭނެ،" އޭނާ ވިދާޅުވި އެވެ.