އިންޑިއާ ކަނޑުގެ ލީޑިން ރިސޯޓުގެ އެވޯޑު ބ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ ވައްކަރު މޯލްޑިވްސްއަށް ލިބިއްޖެ އެވެ.
މިއަހަރު ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސްގައި އެކި ކެޓަގަރީތަކުން ހަތަރު އެވޯޑެއް އެ ރިސޯޓަށް ވަނީ ލިބިފަ އެވެ. ދުނިޔޭގެ އެންމެ ހިތްގައިމު ހަނީމޫން މަންޒިލުގެ އެވޯޑު ވެސް ލިބުނީ ވައްކަރަށެވެ.
ވައްކަރު މޯލްޑިވްސް އަށް ލިބުނު އެވޯޑުތައް
- އިންޑިއަން އޯޝަން ލީޑިން ރިސޯޓް 2020
- ވޯލްޑް ލީޑިން ހަނީމޫން ރިސޯޓް 2020
- މޯލްޑިވްސް ލީޑިން ސުއިޓްވިލާސް 2020
- އިންޑިއަން އޯޝަން ހޮޓެލް ސުއިޓްވިލާސް 2020
ވައްކަރު މޯލްޑިވްސް އިން ބުނި ގޮތުގައި މި "ހޮލިޑޭ ސީޒަން" ފުރިހަމަކަމާ އެކު ފާހަގަކުރުމަށް މިހާރު އެ ރިސޯޓަށް ވަނީ ހަތަރު ސަބަބެއް ލިބިފަ އެވެ. އެހެންވެ މި ވަނަތައް ދިފާއުކުރުމަށް ކުރިއަށް އޮތް ތަނުގައި ވެސް ހިދުމަތްތައް ރަނގަޅުކޮށް މަސައްކަތް ކުރާނެ ކަމަށް އެ ރިސޯޓުން ބުންޏެވެ.
މިފަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ރާއްޖޭގެ މުޅި ޓޫރިޒަމް އިންޑަސްޓްރީއަށް ވެސް ވަރަށް ހާއްސަ ހަފްލާއެކެވެ. އެއީ "ވޯލްޑް ލީޑިން ޑެސްޓިނޭޝަން"ގެ އެވޯޑު ރާއްޖެއަށް ފުރަތަމަ ފަހަރަށް ލިބިފައި ވާތީ އެވެ. މި އެވޯޑު ރާއްޖެއަށް ލިބުނީ އިތުރު 22 ގައުމަކާ ވާދަކޮށްގެންނެވެ.
ލީޑިން ޑެސްޓިނޭޝަނުގެ އިތުރުން އިންޑިއާ ކަނޑުގެ ކެޓަގަރީން ވެސް ރާއްޖެއަށް ވަނީ އެވޯޑުތައް ލިބިފަ އެވެ. އެގޮތުން "ލީޑިން ބީޗް ޑެސްޓިނޭޝަން" އާއި "ކްރޫޒް ޑެސްޓިނޭޝަން" އާއި "އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަން" އަދި "ލީޑިން ޑައިވް ޑެސްޓިނޭޝަން"ގެ އެވޯޑު ރާއްޖެއިން ވަނީ ކާމިޔާބުކޮށްފަ އެވެ.