މިއަހަރު ބާއްވާ 29 ވަނަ ވޯލްޑް ޓްރެވެލް އެވޯޑްގެ ތިން ކެޓަގެރީއަކަށް ފުށިފަރު މޯލްޑިވްސް ރިސޯޓު ނޮމިނޭޓްވެއްޖެ އެވެ.
އެ ކެޓަގަރީ ތަކުގެ ތެރޭގައި "އިންޑިއަން އޯޝަންސް ލީޑިން ބުޓީކް ރިސޯޓް"، "މޯލްޑިވްސް ލީޑިން ބީޗް ރިސޯޓު" އަދި "މޯލްޑިވްސް ލީޑިން ބުޓީކް ރިސޯޓް" ހިމެނެ އެވެ.
ލީޑިން ބުޓީކް އެވޯޑް ދޭނީ ކުދި އަދި ހިތްގައިމު، ހިދުމަތް ރަނގަޅު ރިސޯޓުތަކަށެވެ. އިންޑިއަން އޯޝަން އަދި ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ބުޓީކް ރިސޯޓަށް ފުށިފަރު ނޮމިނޭޓްވެފައި ވާއިރު، އެ ރިސޯޓުން އެދެނީ ވީހާވެސް ގިނަ ބަޔަކުގެ ވޯޓު ދިނުމަށެވެ.
ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ޓްރެވެލް އެވާޑަށް ނޮމިނޭޓް ވެފައި ތިބި ފަރާތްތަކަށް ވޯޓު ލުމަށްޓަކައި، ވޯލްޑް ޓްރެވެލް އެވޯޑްސްގެ ވެބްސައިޓްގައި ރަޖިސްޓާ ކުރެވޭނެ އެވެ. އަދި ވޯޓު ލާން ބޭނުންވާ ރިސޯޓުގެ ލިންކަށް ފިތާލުމުން ވޯޓުލެވޭނެ އެވެ.
އިންޑިއަން އޯޝަން ކެޓަގެރީތަކަށް ވޯޓުލުމަށް ހުޅުވާލާފައިވަނީ މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު އެވެ. އަދި އެވޯޑް ލިބޭ ފަރާތް އިއުލާނުކުރާނެ ވަކި ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ.
ވޯލްޑް ޓްރެވެލް އެވޯޑަކީ ޓޫރިޒަމް ދާއިރާގެ މައި ގިންތިތައް ކަމަށްވާ ޓްރެވެލް، ޓުއަރިޒަމް އަދި ހޮސްޕިޓާލިޓީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތްތައް ފާހަގަކޮށް، އެ ބައެއްގެ އަގުވަޒަންކުރުމާ އެކު އިނާމު ދިނުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.
ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ފުށިފަރު މޯލްޑިވްސް އިން ވަނީ 2019 ވަނަ އަހަރު "މޯލްޑިވްސް ލީޑިން ބީޗް ރިސޯޓް" އެވޯޑު ހޯދައިފަ އެވެ.