މެޑްރިޑް (ނޮވެމްބަރު 27) – ކުނީގެ ގޮތުގައި ދިވެހިރާއްޖޭގެ މޫދާއި ފަރުތަކަށް އުކާލާފައި ވަނިކޮށް ނަގާފައިވާ ޕްލާސްޓިކް ބޭނުންކޮށްގެން އެޑިޑާސް ކުންފުނިން ތައްޔާރުކޮށްފައިވާ ހާއްސަ ޖާޒީއެއްގައި ކުޅެ ރޭ، ސްޕޯޓިން ގިޔޯން އަތުން 2-1 އިން މޮޅުވެ ސްޕެނިޝް ލީގުގެ އެއް ވަނައިގައި ރެއާލް މެޑްރިޑުން ބޮޑު ލީޑެއް ނަގައިފި އެވެ.

ދުނިޔޭގެ ކަނޑުތައް ހިމާޔަތްކުރުމަށްޓަކައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ޕާލޭ" އާއި އެޑިޑާސް ގުޅިގެން ކުރިއަށްގެންދާ ހާއްސަ ކެމްޕެއިނެއްގެ ދަށުން ރެއާލުން މި ޖާޒީ ބޭނުންކުރިއިރު ޖަރުމަނުގެ ބަޔާން މިއުނިކުން ވަނީ މި މަހުގެ 5 ވަނަ ދުވަހުގެރޭ ހޮފެއިންހަމްއާ 1-1 އިން އެއްވަރުވި މެޗުގައި އެފަދަ ޖާޒީއެއް ބޭނުންކޮށްފަ އެވެ.

ރެއާލުގެ ސަގާފީ ހުދު ކުލައިގައި ޖާޒީއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ މި ޖާޒީގައި އެ ކްލަބުގެ ލޯގޯ އާއި އެޑިޑާސްގެ ލޯގޯ އާއި އެ ބްރޭންޑުގެ ޓްރޭޑްމާކް ކަމަށްވާ ތިން ރޮނގު ފަށް އަދި ސްޕޮންސަރު އެމިރޭޓްސްގެ ލޯގޯ ޕްރިންޓްކޮށްފައިވަނީ ކިރިޔަ ކިރިޔާ ފެންނަ ވަރަށެވެ. ބޭނުމަކީ ވީހާ ވެސް މަދުން ދެލި ބޭނުންކޮށް ތިމާވެށި ހިމާޔަތްކުރުން ޕްރޮމޯޓްކުރުމެވެ.

ސްޕޯޓިން ގިޔޯންގެ ނަޗޯ ކައިރިން ދެމި ގަންނަން ރެއާލް މެޑްރިޑުގެ މޮޑްރިޗް (ކ) މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ
ސްޕޯޓިން ގިޔޯންގެ ނަޗޯ ކައިރިން ދެމި ގަންނަން ރެއާލް މެޑްރިޑުގެ މޮޑްރިޗް (ކ) މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ

ސްޕެނިޝް ލީގުގެ އެއް ވަނައިގައި 33 ޕޮއިންޓާ އެކު ރެއާލް އޮތްއިރު ރޭ ވެލެންސިއާ އަތުން 2-1 އިން މޮޅުވި ސެވިއްޔާ ވަނީ 27 ޕޮއިންޓާ އެކު ދެ ވަނަ އަށް އަރައިފަ އެވެ. ބާސެލޯނާ 26 ޕޮއިންޓާ އެކު މިވަގުތު ތިން ވަނައިގައި އޮތް ނަމަވެސް މިރޭ ރެއާލް ސޮސެއިޑާޑް އަތުން އެ ޓީމު ބަލިނުވެ ފަރުޖައްސައިފި ނަމަ ނަމަ ބާސެލޯނާ އަލުން ދެ ވަނަ އަށް އަރާނެ އެވެ. އަދި މިރޭ ބާސެލޯނާ މޮޅުވެއްޖެ ނަމަ އެ ޓީމަށް ރެއާލާ އޮތް ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކުރެވޭނެ އެވެ. އަންނަ ހޮނިހިރު ދުވަހުގެރޭ ރެއާލާ ދެކޮޅަށް ނުކުތުމުގެ ކުރިން، މިރޭގެ މެޗުން މޮޅުވެ ތަފާތުކުޑަކުރުން ބާސެލޯނާ އަށް ވަރަށް މުހިއްމެވެ.

ރެއާލުގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ފުރަތަމަ ގޯލް 5 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖެހިއިރު ދެ ވަނަ ލަނޑު ކާމިޔާބުކުރީ 18 ވަނަ މިނެޓުގަ އެވެ. ގިޔޯން އިން ތަފާތުކުޑަކުރީ 35 ވަނަ މިނެޓުގައި ކާލޯސް ކަމޯނާ ކާމިޔާބުކުރި ލަނޑުންނެވެ. މެޗުގެ ފަހުކޮޅު ގިޔޯން އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ޑުޔޭ ކޯޕް ޖެހި ޕެނަލްޓީ އެ ޓީމަށް ކާމިޔާބެއް ނުވި އެވެ.

ރޭގެ މެޗާ އެކު ތިމާވެށި ހިމާޔަތްކުރުމުގެ މުހިއްމު މެސެޖެއް ދުނިޔެއަށް ފޯރުކޮށްދިން އިރު، އެޑިޑާސް އާއި ޕާލޭ ގުޅިގެން ވަނީ ރާއްޖޭގެ ކަނޑުން ނެގި ޕްލާސްޓިކް ބޭނުންކޮށްގެން ހާއްސް ބޫޓެއް ވެސް ތައްޔާރުކޮށްފަ އެވެ. މި ޕްރޮގްރާމް ފެށުމުގެ ގޮތުން އެޑިޑާސް އިން އެންމެ ފުރަތަމަ ތައްޔާރުކުރީ 100 ބޫޓެވެ. އެ ބޫޓުތައް ތައްޔާރުކުރީ ރާއްޖޭގެ ގޮނޑުދޮށްތަކުން ހޮވި ފަސް މިލިއަނަށްވުރެ ގިނަ ޕްލާސްޓިކް ފުޅި ބޭނުންކޮށްގެންނެވެ.