ހެއިޓީގެ ފުޓްބޯޅަ ސްޓޭޑިއަމް، ގޭންގަކުން ހިސޯރުކޮށްފައިވުމުން، ކޮންކާކަފް ނޭޝަންސް ލީގުގައި އެ ގައުމު ކުޅޭ މެޗުތައް ޖެމެއިކާއަށް ކުޅެން ހަމަޖައްސައިފި އެވެ. 

އުތުރު އެމެރިކާގެ ބައްރުގެ ނޭޝަންސް ލީގުގައި ލީގުގެ ކުއާޓާ ފައިނަލުގައި މި އަންނަ މަހު 14 ދުވަހުގެ ރޭ ވާނީ ޖެމެއިކާގެ ކިންގްސްޓަންއަށް ބާރުބޮޑު ރެއަކަށެވެ. އެ ސިޓީގައި އެރޭ ނޭޝަން ލީގުގެ ދެ މެޗު ކުޅޭނެ އެވެ. އެ ބައްރުގެ ފުޓްބޯޅައިގެ ގަދަ ދެ ބާރުކަމަށްވާ އެމެރިކާ އާއި މެކްސިކޯ އެއް ރޭ ކުޅޭނީ އެ ސީޓީގަ އެވެ. 

ކިނގްސްޓަންގެ ސަބީނާ ޕާކުގައި އެމެރިކާ ނުކުންނާނީ ހެއިޓީއާ ދެކޮޅަށެވެ. އަދި އޭގެ ގަޑިއިރުތަކެއް ފަހުން، އެ ސިޓީގެ ނޭޝަނަލް ސްޓޭޑިއަމްގައި މެކްސިކޯ ނުކުންނާނީ ޖެމެއިކާއާ ދެކޮޅަށެވެ.

ހައިޓީގެ ޕޯޓް އޯ ޕްރިންސްގައި އޮންނަ ގައުމީ ޓީމުގެ ސްޓޭޑިއަމް 2024 ވަނަ އަހަރުން ފެށިގެން ގޭންގުތަކުގެ ބާރުގެ ދަށަށް ގޮސްފައިވާތީ، އެޓީމަށް އަމިއްލަ ދަނޑުގައި މެޗުތައް ނުކުޅެވެ އެވެ.

މި އަހަރު ބޭއްވި ވޯލްޑް ކަޕަށް ވެސް ކޮލިފައިވި ހެއިޓީ، ވޯލްޑް ކަޕް ކޮލިފައިންގައި ހޯމް މެޗުތައް ކުޅުނީ ކިޔުރެސާއޯގަ އެވެ. ނޭޝަން ލީގުގައި އެ ޓީމު ހޯމް މެޗުތައް ކުޅެނީ ޖެމެއިކާގައެވެ.

ދެ ލެގަށް ކުޅޭ ކުއާޓާ ފައިނަލުގެ ދެވަނަ ލެގް މެޗުތައް އޮންނާނީ އަންނަ މަހު 17 ގައެވެ. އެގޮތުން އެމެރިކާއިން އެ ގައުމުގެ ސިންސިނާޓީގެ ޓީކިއުއެލް ސްޓޭޑިއަމްގައި ހެއިޓީއާ ދެކޮޅަށް ނުކުންނާނެ އެވެ. މެކްސިކޯއިން އެ ގައުމުގެ މޮންޓެރޭގައި ނުކުންނާނީ ޖެމެއިކާއާ ދެކޮޅަށެވެ.

ކުއާޓާ ފައިނަލުގައި ދެން ވާދަކުރާނީ ޕެނަމާ އާއި ކިޔުރެސާއޯ އަދި ކެނަޑާ އާއި ގުއަޓަމާލާ އެވެ. 

އެގްރިގޭޓުން ކުރިހޯދާ ހަތަރު ޓީމު، އަންނަ އަހަރުގެ މާޗު މަހު ކެލިފޯނިއާގައި ސޯފީ ސްޓޭޑިއަމްގައި އޮންނަ ނޭޝަންސް ލީގު ފައިނަލްސް އަށް ކޮލިފައިވުމުގެ އިތުރުން 2027 ވަނަ އަހަރުގެ ގޯލްޑް ކަޕުން ވެސް ޖާގަ ކަށަވަރު ވާނެ އެވެ.