ރެއާލް މެޑްރިޑްގެ ބާނަބޭއު ސްޓޭޑިއަމަށް، ހޯޒޭ މޮރީނިއޯ އެނބުރި އައި މެޗުގައި ސަޕޯޓަރުންގެ މަލާމާތް ކިލިއޔަން އެމްބާޕޭގެ ހެޓްރިކުން ހިންދާލައިފި އެވެ.
ރެއާލްގެ މަގާމާ މިދިޔަ މަހު ހަވާލުވި މޮރީނިއޯގެ ކޯޗުކަމުގެދަށުން އެ ޓީމުގެ ފުރަތަމަ ހޯމް މެޗުގައި ރޭ ކުޅުނީ ރެއާލް ސޮސިއެޑާޑާ ދެކޮޅަށެވެ. އެމްބާޕޭގެ ހެޓްރިކާ އެކު ރެއާލުން މެޗު ކާމިޔާބު ކުރީ 4-1 ންނެވެ.
މެޗުގެ 40 ވަނަ މިނެޓްގައި އެމްބާޕޭ، ރެއާލަށް ލީޑް ނަގައިދިނެވެ. އެކަމަކު ހާފު ނިމުމުގެ ކުރިން ލޫކާ ސޫޗިޗް ސޮސިއެޑާޑަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރެއާލުން ދެއްކީ ފަނޑު ކުޅުމެކެވެ. ބޯޅަ ހިފަހައްޓަން ދަތިވި އެވެ. ފަސޭހައިން ބޯޅަ ގެއްލިގެން ދިޔަ އެވެ. ސޮސިއެޑާޑްގެ ކައުންޓަ އެޓޭކްތަކުން ޓީމަށް ނުރައްކާ ބޮޑުވަމުން ދިޔަ އެވެ. ޓީމުގެ ކުޅުމުގައި އެއްވެސް ފުރިހަމަ ރިދަމެއް ނުފެނުނެވެ. އެ ގޮތް ރެއާލްގެ ސަޕޯޓަރުންނަށް ކަމަކަު ނުދިޔަ އެވެ. ކުޅުންތެރިންނަށް މަލާމާތުގެ ރާގުގައި ތުނބުން ފުމެ ފާޑުކިޔުމުގެ ގުގުމާލުންތައް ސްޓޭޑުއަމްގައި އަޑު ހިއްޕާލި އެވެ.
އެކަމަކު ދެވަނަ ހާފަށް ނުކުމެ އެމްބާޕޭގެ އިތުރު ދެ ލަނޑާއި ވިނީޝިއުސް ޖޫނިއާގެ ލަނޑާ އެކު، ސަޕޯޓަރުންގެ މަލާމާތް ހިންދާލި އެވެ.
ސަޕޯޓަރުންގެ މަލާމާތަށް ރައްދު ދޭކަށް މރީނިއޯ ބޭނުމެއް ނުވި އެވެ. އެކަމަކު އެ ޕްރެޝަރުގައި ވެސް ކުޅުންތެރިން ކުރި މަސައްކަތް އޭނާ ފާހަގަ ކުރި އެވެ.
"މަލާމާތުގެ ރާގުގައި ތުނބުން ފުމުމާއި ތަރުހީބު ދިނުމުގައި ވެސް އަބަދުވެސް އިންސާފުވެރިކަމުގެ ހަމަޔެއް އޮވެ. އަދި ދޭތެރެދޭތެރެއިން މަލާމާތުގެ ރާގުގައި ތުނބުން ފުމުމަކުން އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ. އެއީ ކުރިއަރައިދިއުމަށް އެހީވެދޭ ކަމެއް،" މެޗަށް ފަހު މޮރީނިއޯ ބުންޏެވެ.
"ސެންތިއާގޯ ބާނަބޭއުއަކީ ކޮންކަހަލަ ތަނެއްކަން އަދި މިތަނުގެ ސަޕޯޓަރުން ކިހާ ޑިމާންޑްތަކެއް ކުރާނެކަން އަހަރެމެން އެންމެންނަށް ވެސް ރަނގަޅަށް އެނގޭ. އަދި ޕްރެޝަރުގައި އަހަރެންގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު އަހަރެން ވަރަށް ބޮޑަށް ހިތްހަމަޖެހޭ. ދެވަނަ ހާފުގައި އެ ކުދިން ދެއްކީ ވަރަށް ފުރިހަމަ ކުޅުމެއް. އެއަށްވުރެ ވެސް ގިނަ ގޯލު ޖެހުމުގެ ފުރުސަތު އޮތް."