ވިމްބަލްޑަން ކާމިޔާބުކޮށް ކެރިއަރުގެ ފަސް ވަނަ ގްރޭންޑް ސްލޭމް ހާސިލްކުރެވުނު ނަމަވެސް އަދިވެސް މިއީ އޭނާ އަށް ނާދިރު، ހާއްސަ ކާމިޔާބެއް ކަމަށް އިޓަލީގެ ޓެނިސް ތަރި ޖެނިކް ސިނާ ބުނެފި އެވެ.

އޭނާ ވިމްބަލްޑަންގެ ފިރިހެން ސިންގަލްސް ތަށި ދިފާއުކުރީ އިއްޔެ ކުޅުނު ފައިނަލުގައި ޖަރުމަނުގެ އެލެކްސެންޑާ ޒުވައޭވް އަތުން މޮޅުވެގެންނެވެ. ފުރަތަމަ ސެޓު ގެއްލުނު ނަމަވެސް ސިނާ ވަނީ އަނެއް ތިން ސެޓު ކާމިޔާބުކޮށްފަ އެވެ. ސިނާ ފައިނަލުން ފުރުސަތު ހޯދީ ރެކޯޑް އަދަދަކަށް ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައިވާ ސާބިއާގެ ނޮވަކް ޖޮކޮވިޗް އަތުން މޮޅުވެގެންނެވެ.

ސިނާގެ ފަސް ގްރޭންޑް ސްލޭމުގެ ތެރޭގައި ހިމެނެނީ އޮސްޓްރޭލިއަން އޯޕަން ދެ ފަހަރު އަދި ފްރެންޗް އޯޕެން، ޔޫއެސް އޯޕަން، ވިމްބަލްޑަންގެ ކޮންމެ މުބާރާތެއް އެއް ފަހަރު އެވެ. އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ ބުނީ ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުނުކުރެވުމަކީ ނާކާމިޔާބެއް ނޫން ކަމަށެވެ.

"މިއީ ވަރަށް، ވަރަށް ނާދިރު ކާމިޔާބެއް. އެހާމެ ހާއްސަ ކާމިޔާބެއް ވެސް މެ. އެހެންވެ މި ކާމިޔާބު ލިބުމުން އެކަން ވަރަށް ބޮޑަށް އިހުސާސްކުރަން ޖެހޭ. އަހަރެން ދުވަހަކު ވެސް މިއީ އާދައިގެ ކަމަކަށް ނަހަދާނަން،" އޭނާ ބުންޏެވެ.

ސިނާ މި ކާމިޔާބު ހޯދީ މި ފަހުން ކުރިމަތިވި ހިތްދަތި ނަތީޖާތަކަށް ފަހު އެނބުރި އައިހެވެ. ޔޫއެސް އޯޕަންގެ ފައިނަލުންނާއި، އޮސްޓްރޭލިއަން އޯޕަންގެ ސެމީން ބަލިއިރު ފްރެންޗް އޯޕަން އިން ކެޓީ ދެ ވަނަ ބުރުންނެވެ.

"މި މުބާރާތުގެ ތެރޭގައި ވަރަށް ބޮޑަށް ކުރިއެރުން ހޯދިއްޖެ.  މުބާރާތުގެ ކުރީކޮޅު އަހަރެން ދެއްކި ކުޅުމާއި، ފައިނަލުގައި ދެއްކި ކުޅުން އަޅާބަލައިފިއްޔާ އެކަން އެނގޭނެ. މިއީ އަހަރެން ބޭނުންވާ ގޮތަކީ،" ސިނާ ބުންޏެވެ.

ޖޮކޮވިޗާއި، ރަފައެލް ނަޑާލް އަދި، ރޮޖާ ފެޑެރާގެ ވާދަވެރިކަމަށް ފަހު ޓެނިހުގައި މިހާރު އޮތީ ސިނާ އާއި ސްޕެއިނުގެ ކާލޯސް އަލްކަރޭޒްގެ ވާދަވެރިކަމެވެ. މިވަގުތު އަނިޔާގައި ހުރި އަލްކަރާޒް ވަނީ ސިނާ އަށް ވުރެ އިތުރަށް ދެ ގްރޭންޑް ސްލޭމް ހޯދައިފަ އެވެ.