ޗައިނާގެ ވެރިރަށް ބެއިޖިންގްގައި އިއްޔެ ބޭއްވި ހާފް މެރަތަންއެއްގައި އިންސާނުންނާ އެކު ވާދަކުރި ހިއުމަނޮއިޑް  (އިންސާނެގެ ބައްޓާމައި ސިފަތަށް ހުރި) ރޮބޮޓެއް ދުނިޔޭގެ ހާފް މެރަތަން ރެކޯޑް މުގުރާލައިފި އެވެ.

ޗައިނާގައި އުފައްދާފައިވާ މި ރޮބޮޓް ވަނީ މިދިޔަ މަހު،  ޔުގެންޑާގެ ދުވުންތެރިޔާ ޖޭކޮބް ކިޕްލިމޯ ރެކޯޑް މުގުރާލައި، ރޮބޮޓިކްސްގެ ދާއިރާއިން ޗައިނާ ހޯދަމުންދާ ކުރިއެރުން ދައްކާލާފަ އެވެ.

ބެއިޖިންގްގެ ޔީޒުއާން ސަރަހައްދުގައި އާދީއްތަ ދުވަހު ބޭއްވި މި ރޭހުގައި އިންސާނުންނާއި ރޮބޮޓުން ދުވެފައިވަނީ ވަކި ލޭންތަކެއްގަ އެވެ. މި ރޭހުގައި ބައެއް ރޮބޮޓުން އުސެއިން ބޯލްޓް ފަދަ މަޝްހޫރު ދުވުންތެރިން ފަދައިން ހަލުވިކަމާ އެކު ހަރަކާތްތެރިވި އެވެ. އަނެއްބައި ރޮބޮޓުންގެ ހަރަކާތްތައް ހުރީ އާދައިގެ ފެންވަރަކަށެވެ.

ބެއިޖިންގްގައި ބޭއްވި ދެވަނަ ބެއިޖިންގް އީ-ޓައުން ހާފް މެރަތަން އަދި ހިއުމަނޮއިޑް ހާފް މެރަތަންގައި ރޮބޮޓެއް ދުވަނީ. ފޮޓޯ: ޕެޑްރޯ ޕާޑޯ | އޭއެފްޕީ
ބެއިޖިންގްގައި ބޭއްވި ދެވަނަ ބެއިޖިންގް އީ-ޓައުން ހާފް މެރަތަން އަދި ހިއުމަނޮއިޑް ހާފް މެރަތަންގައި ރޮބޮޓެއް ދުވަނީ. ފޮޓޯ: ޕެޑްރޯ ޕާޑޯ | އޭއެފްޕީ

ޗައިނާގެ ސްމާޓްފޯން އުފައްދާ ކުންފުނި "އޮނާ" އިން އުފައްދާފައިވާ މި ރޮބޮޓް ވަނީ 21 ކިލޯމީޓަރުގެ ރޭސް 50 މިނެޓާއި 26 ސިކުންތުން ނިންމާފަ އެވެ. މިއީ ގަޑިއަކު 25 ކިލޯމީޓަރުގެ ބާރުމިނެކެވެ. މިއީ ޖޭކޮބް ކިޕްލިމޯ 57 މިނެޓާއި 20 ސިކުންތުން ހަދާފައިވާ ދުނިޔޭގެ ރެކޯޑަށް ވުރެ މާ އަވަސް ވަގުތެއް ކަމަށް ޗައިނާގެ ސީސީޓީވީން ބުންޏެވެ.

މިދިޔަ އަހަރު ވެސް އެ ރޭހުގައި 20 ރޮބޮޓެއް ބައިވެރި ކުރުވި އެވެ. މިދިޔަ އަހަރު ބައިވެރި ކުރުވި ރޮބޮޓުން ތަކުރާރުކޮށް ވެއްޓި، ދުވުން މަޑު ޖެހޭ ގޮތްވި އެވެ. އަދި ރޭސް ނިންމުމަށް ދެ ގަޑިއިރާއި 40 މިނެޓަށްވުރެ ގިނަ ވަގުތު ނެގި އެވެ. ނަމަވެސް މިއަހަރު އެދާއިރާއިން ބޮޑު ކުރިއެރުމެއް ވަނީ ހޯދާފަ އެވެ. އަދި ރޭހުގައި ބައިވެރި ކުރުވި ރޮބޮޓުންގެ އަދަދުވެސް ވަނީ 100 އަށްވުރެ މައްޗަށް ގެންގޮސްފަ އެވެ.

ބެއިޖިންގްގައި ބޭއްވި ދެވަނަ ބެއިޖިންގް އީ-ޓައުން ހާފް މެރަތަން އަދި ހިއުމަނޮއިޑް ހާފް މެރަތަންގައި ރޮބޮޓެއް ދުވަނީ. --- ފޮޓޯ: ޕެޑްރޯ ޕާޑޯ | އޭއެފްޕީ
ބެއިޖިންގްގައި ބޭއްވި ދެވަނަ ބެއިޖިންގް އީ-ޓައުން ހާފް މެރަތަން އަދި ހިއުމަނޮއިޑް ހާފް މެރަތަންގައި ރޮބޮޓެއް ދުވަނީ. --- ފޮޓޯ: ޕެޑްރޯ ޕާޑޯ | އޭއެފްޕީ

މިފަދަ ރޮބޮޓިކްސް ދާއިރާއިން ޗައިނާއިން ދަނީ ބޮޑު ކުރިއެރުންތަކެއް ހޯދަމުންނެވެ. އެ ދާއިރާ އެހާ ބޮޑަށް ކުރިއަރައިގެން ދިޔައީ ޗައިނާއިން ކުރި ބޮޑު އިވެންސްމެންޓްގެ ސަބަބުންނެވެ. މިދިޔަ އަހަރު އެކަނިވެސް 73.5 ބިލިއަން ޔުއާން (10.8 ބިލިއަން ޑޮލަރު) މި ސިނާއަތަށް ޗައިނާއިން އިންވެސްޓްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ރޭސް ބަލަން ހުރި 25 އަހަރުގެ ދަރިވަރު ހާން ޗެންޔޫ، އޭއެފްޕީ އަށް ބުނީ މިފަދަ ޓެކްނޮލޮޖީގެ ކުރިއެރުންތަކާމެދު އޭނާ އުފާކުރާ ކަމަށެވެ. 

ބެއިޖިންގްގައި ބޭއްވި ދެވަނަ ބެއިޖިންގް އީ ޓައުން ހާފް މެރަތަން އަދި ހިއުމަނޮއިޑް ހާފް މެރަތަންގެ ތެރެއިން ރޮބޮޓެއް ދުވަނީ. ފޮޓޯ: ޕެޑްރޯ ޕާޑޯ | އޭއެފްޕީ
ބެއިޖިންގްގައި ބޭއްވި ދެވަނަ ބެއިޖިންގް އީ ޓައުން ހާފް މެރަތަން އަދި ހިއުމަނޮއިޑް ހާފް މެރަތަންގެ ތެރެއިން ރޮބޮޓެއް ދުވަނީ. ފޮޓޯ: ޕެޑްރޯ ޕާޑޯ | އޭއެފްޕީ

"ނަމަވެސް މަސައްކަތްކޮށްގެން އާމްދަނީ ހޯދާ މީހެއްގެ ހައިސިއްޔަތުން ބައެއް ފަހަރު ކަންބޮޑުވޭ. ޓެކްނޮލޮޖީ މިހާ ހަލުވިކޮށް ކުރިއަރަމުންދާއިރު މީހުންގެ ވަޒީފާތަކަށް އޭގެ އަސަރުކޮށްފާނެ ކަމަށް ގަބޫލުކުރެވޭ،" އޭނާ ބުންޏެވެ.

އާއިލާއާއެކު ރޭސް ބަލަން ދިޔަ ޝިއޭ ލެއި ބުނީ ކުރިއަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި ރޮބޮޓުންނަކީ ދިރިއުޅުމުގެ ބައެއް ކަމަށް ވެދާނެ ކަމަށެވެ. އޭނާ ބުނީ އޭނާ ބުނީ ގޭގައި ކުރަން ޖެހޭ މަސައްކަތްތަކާއި ރިސްކް ބޮޑު ނުރައްކާތެރި މަސައްކަތްތައް ހިމެނޭ ދާއިރާތަކުގައި ރޮބޮޓުން ބޭނުންކުރެވިދާނެ ކަމަށެވެ.