ވޯލްޑް ކަޕް ފެށެން ދެ މަހަށް ވުރެ ކުޑަދުވަސްކޮޅަކަށް ވެފައި ވަނިކޮށް، ސައުދީ އަރަބިއާގެ ގައުމީ ޓީމުގެ ޗުގެ މަގާމުން ހާވޭ ރެނާޑް ވަކިކޮށްފި އެވެ.
ޒެމްބިއާ އާއި އައިވަރީ ކޯސްޓާ އެކު އެފްރިކާ ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށްފައިވާ އުމުރުން 57 އަހަރުގެ ރެނާޑް، ދެވަނަ ފަހަރަށް ސައުދީގެ ކޯޗުކަމާ ހަވާލުވީ 2024 ވަނަ އަހަރުގެ ފަހުކޮޅު އެވެ. މީގެ ކުރިން 2019 އިން 2023 އަށް އޭނާ ވަނީ ސައުދީ ޓީމަށް އިރުޝާދުދީ، ގަތަރުގައި އޮތް ވޯލްޑް ކަޕަށް އެ ގައުމު ކޮލިފައިކޮށްދީ، އެ މުބާރާތުގައި އެ ޓީމަށް ކޯޗުކޮށް ދީފަ އެވެ.
މަގާމުން ވަކިވުމާ ގުޅިގެން އޭއެފްޕީ ނިއުސް އެޖެންސީއަށް ދިން އިންޓަވިއުއެއްގައި ރެނާޑް ބުނީ މިއީ ފުޓްބޯޅައިގެ ހަގީގަތް ކަމަށެވެ.
"ސައުދީ އަރަބިއާ ވަނީ ހަތް ފަހަރު ވޯލްޑް ކަޕަށް ކޮލިފައިވެފައި. އޭގެ ތެރެއިން ދެ ފަހަރު ކޮލިފައިވީ އަހަރެންގެ އިރުޝާދުގެ ދަށުން،" އޭނާ ބުންޏެވެ.
"ކޮލިފިކޭޝަނާއި ވޯލްޑް ކަޕްގައި ވެސް ޓީމަށް އިރުޝާދުދިން ހަމައެކަނި ކޯޗަކީ އަހަރެން. އެ ފަހުރު އަހަންނަށް އޮންނާނެ،"
ރެނާޑް ސައުދީގެ ކޯޗުކަމުން ފުރަތަމަ ވަކިވުމަށްފަހު، 2023 އިން 2024 އަށް މަސައްކަތް ކުރީ ފްރާންސްގެ އަންހެން ގައުމީ ޓީމުގެ ކޯޗަގެ ގޮތުގަ އެވެ. އެ މުއްދަތުގައި އޭނާ ވަނީ 2023 ވަނަ އަހަރުގެ އަންހެން ވޯލްޑް ކަޕާއި 2024 ވަނަ އަހަރުގެ ޕެރިސް އޮލިމްޕިކްސްގެ ކުއާޓާ ފައިނަލަށް އެ ޓީމު ގެންގޮސްދީފަ އެވެ.
ނަމަވެސް، އިޓަލީގެ ކޯޗު ރޮބާޓޯ މަންޗީނީގެ އިރުޝާދުގެ ދަށުން ސައުދީ ޓީމުގެ ނަތީޖާތައް ދަށްވުމާ ގުޅިގެން، އަލުން ރެނާޑް ގެނައީ މަންޗީނީ ވަކިކުރުމަށްފަހު އެވެ.
ސައުދީން ރެނާޑް ވަކި ކުރީ އެމެރިކާގެ ސޮކާ ފެޑެރޭޝަންގެ ސްޕޯޓިން ޑިރެކްޓަރު މެޓް ކުރޮކާ، ސައުދީ ފުޓްބޯޅަ ފެޑެރޭޝަނާ ގުޅެން އެމެރިކާގެ މަގާމު ދޫކޮށްލިތާ ތިން ދުވަސް ފަހުންނެވެ.
ރެނާޑްގެ ބަދަލުގައި ސައުދީ ޓީމާ ހަވާލުވާނެ ކަމަށް ބެލެވެނީ ގްރީސްގެ ކުރީގެ ކުޅުންތެރިޔާ ޖޯޖިއޯސް ޑޯނިސް އެވެ އޭއެފްޕީން ބުނިގޮތުގައި 2024 އިން ފެށިގެން ސައުދީގެ އަލް ހަލީޖް ކްލަބަށް އިރުޝާދުދެމުން އަންނަ ޑޯނިސްގެ ސޮއި ހޯދުމަށް ފެޑެރޭޝަނުން މިހާރު އަންނަނީ އެ ކްލަބާ އެކު މަޝްވަރާ ކުރަމުންނެވެ.
ޖޫން މަހު ފަށާ ވޯލްޑް ކަޕްގައި ސައުދީ އަރަބިއާ ހިމެނެނީ ސްޕެއިން، ކޭޕް ވާޑޭ އަދި އުރުގުއޭއާ އެކު ގުރޫޕް އެޗްގަ އެވެ. ސައުދީގެ ފުރަތަމަ މެޗުގައި ޖޫން މަހުގެ 15 ވަނަ ދުވަހު ނުކުންނާނީ އުރުގުއޭއާ ދެކޮޅަށެވެ.