ޗެމްޕިއަންސް ލީގުގައި މި ހަފްތާ ފްރާންސްގެ ޕީއެސްޖީއާ ދެކޮލަށް ކުޅުނު މެޗުގައި އަނިޔާވި ލިވަޕޫލަށް ކުޅޭ ފްރާންސްގެ ޒުވާން ފޯވާޑް ހޫގޯ އެކިޓީކޭ އަށް މި އަހަރުގެ ވޯލްޑް ކަޕްގައި ނުކުޅެވޭނެކަން ހާމަވެއްޖެ އެވެ.

ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ޕީއެސްޖީ 2-0 އިން ލިވަޕޫލް ބަލިކުރި މެޗުގެ 22 ވަނަ މިނިޓުގައި އުމުރުން 23 އަހަރުގެ އެކިޓީކޭ އަށް އަނިޔާވެގެން ވަނީ އަށިގަނޑުގައި ބަދަލު ކުރަން ޖެހިފަ އެވެ.

މީޑީއާތަކުން ހާމަކުރާގޮތުގައި މި އަނިޔާއާ ގުޅިގެން ނުވަ މަސް ދުވަސް ވަންދެން އެކިޓީކޭއަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ.

އެކިޓީކޭ އަށިގަނޑުގައި ދަނޑުން ބާލަނީ.-- ފޮޓޯ: އޭއެފްޕީ
އެކިޓީކޭ އަށިގަނޑުގައި ދަނޑުން ބާލަނީ.-- ފޮޓޯ: އޭއެފްޕީ

"ނަސީބު ދިމާކުރިގޮތުން [އެކިޓީކޭ އަށް] ކުރިމަތިވި އަނިޔާއާ ގުޅިގެން ލިވަޕޫލާ އެކު އޭނާއަށް ސީޒަން ނިންމާ ނުލެވޭނެ އަދި ވޯލްޑް ކަޕްގައި ވެސް އޭނާއަށް ބައިވެރި ނުވެވޭނެ،" ފްރާންސް ގައުމީ ޓީމުގެ މެނޭޖަރު ޑިޑިއޭ ޑީޝޯމްޕްސް ބުނެފައިވެ އެވެ.

"މިއީ އޭނާއަށް އަދި ފްރާންސްގެ ގައުމީ ޓީމަށް ވެސް ކުރިމަތިވީ ބޮޑު ގެއްލުމެއް. އަހަރެންނާ ޓީމުގެ ކޯޗިން ސްޓާފުންގެ ފަރާތުން އޭނާއަށް ފުރިހަމަ އެއްބާރުލުން އެބަ އޮތް."

އެކިޓީކޭ އަށް ލިބުނު އަނިޔާއާ ގުޅިގެން ލިވަޕޫލުން މިހާތަނަށް އިތުރު ތަފްސީލެއް ހާމަ ކޮށްފައެއް ނުވެ އެވެ. ނަމަވެސް މިއީ ލީގުގެ ގަދަ ފަހެއްގެ ތެރޭގައި ހިމެނުމަށް މަސައްކަތް ކުރާ ލިވަޕޫލަށް ވެސް ލިބުނު ގެއްލުމެކެވެ.

މިދިޔަ މަހު ފްރާންސް އިން 2-1 އިން ބްރެޒިލް ބަލިކުރި މެޗުގައި ވެސް ގޯލު ޖެހި އެކިޓީކޭ ވަނީ ލިވަޕޫލަށް މި ސީޒަންގައި މިހާތަނަށް ކުލެދިން 45 މެޗުން 17 ގޯލު ޖަހައިދީފަ އެވެ.